ޚަބަރު

ފެނަކަ ކޯޕަރޭޝަނުން މިދިޔަ އަހަރު 11 އަތޮޅެއްގެ ގޭބީސީތަކަށް އެ ހިދުމަތް ފޯރުކޮށްދީފި

ސޯލާ ނެޓް މީޓަރިން މެދުވެރިކޮށް އިއާދަކުރަނިވި ހަކަތަ ބޭނުންކުރުން ފުޅާކުރުމުގެ މަސައްކަތުގެ ތެރެއިން ފެނަކަ ކޯޕަރޭޝަނުން މިދިޔަ އަހަރު 11 އަތޮޅެއްގެ ގޭބީސީތަކަށް އެ ހިދުމަތް ފޯރުކޮށްދީފިއެވެ.

އިއާދަކުރަނިވި ހަކަތައަށް ބަދަލުވުމަށާއި ރަށްރަށުގެ ކަރަންޓުގެ ހިދުމަތުގެ ފެންވަރު މަތީ ދަރަޖައަކަށް ގެންދިއުމަށް ސަރުކާރުން ފަށާފައިވާ ހާއްސަ މަޝްރޫއުގެ ދަށުން، ފެނަކައިން “މަގޭ ސޯލާ” ނެޓް މީޓަރިންގެ ހިދުމަތް ފޯރުކޮށްދީފައިވަނީ ހއ، ހދ، ށ، ނ، ރ، ބ، ތ، ލ، ގއ، ގދ އަދި ޏ އަތޮޅުގެ ގޭބީސީތަކަށެވެ. މީގެ އިތުރުން އެ ކުންފުނިން ކަރަންޓުގެ ހިދުމަތް ދެމުންދާ ހުރިހާ އަތޮޅެއްގައި ހުރި ސަރުކާރުގެ އިދާރާތަކަށާއި ވިޔަފާރިތަކަށްވެސް މިދިޔަ އަހަރުގެ ތެރޭގައި ވަނީ މި ހިދުމަތް ދީފައެވެ.

މި މަޝްރޫއުގެ ތެރެއިން އެންމެ ގިނަ ގޭބީސީތަކުގައި ސޯލާ ނިޒާމު ގާއިމުކޮށްދީފައިވަނީ ނ. އަތޮޅުގައެވެ. އެގޮތުން އެ އަތޮޅުގެ 40 ގޭބީސީއެއްގައި މި ނިޒާމު މިހާރު ބޭނުންކުރަމުންދާއިރު، ދެވަނައަށް އެންމެ ގިނަ ގޭބީސީއަށް ހިދުމަތް ދީފައިވާ ލ. އަތޮޅުގެ 37 ގޭބީސީއަކަށް ވަނީ ސޯލާ ނެޓް މީޓަރިން ގުޅައިދީފައެވެ.

ނެޓް މީޓަރިން ނިޒާމަކީ އާންމުން ނުވަތަ ވިޔަފާރިތަކުން ސޯލާ ޕެނަލް ފަދަ ވަސީލަތްތައް ބޭނުންކޮށްގެން އުފައްދާ ކަރަންޓުގެ ތެރެއިން، އަމިއްލަ ބޭނުމަށްވުރެ އިތުރުވާ ބައި މައި ކަރަންޓު ގްރިޑަށް ފޮނުވައިދޭ ނިޒާމެކެވެ. މައި ގްރިޑަށް ފޮނުވާ ކަރަންޓު ޔުނިޓްތައް ބިލުން އުނިކޮށްދޭތީ، މިއީ ކަރަންޓު ބިލަށް ކުރާ ހޭދަ ބޮޑުތަނުން ކުޑަކޮށްދޭނެ ކަމެކެވެ.

މި ނިޒާމުގެ ސަބަބުން އާންމުންނަށް ލިބޭ މާލީ ލުއިތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުމަށްވެސް ބޮޑު ބާރަކަށް ވެގެންދާނެ ކަމަށް ފެނަކައިން ފާހަގަކުރެއެވެ. އަދި ރާއްޖޭގައި ނެޓް މީޓަރިންއާ ބެހޭ ގަވާއިދެއް އެކުލަވާލައި އާންމުންނާއި ވިޔަފާރިތަކަށް މި ނިޒާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، މިއީ އަމިއްލަ ފުދުންތެރިކަން ހުރި ހަކަތަ އުފައްދާ ގައުމަކަށް ރާއްޖެ ހެދުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ.


ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close