ޚަބަރު

ވިލުންތެރި ދައުލަތްތަކެއް ބިނާކުރުމަށް ނަޒާހަތްތެރިކަން އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި

އަންނަން އޮތް ޖީލުތަކަށްޓަކައި ހަރުދަނާ ޑިމޮކްރަސީތަކާއި، ދުޅަހެޔޮ އިގުތިސާދުތަކުގެ އިތުރުން ވިލުންތެރި ދައުލަތްތަކެއް ބިނާކުރުމަށްޓަކައި، ނަޒާހަތްތެރިކަމާއި ދެފުށްފެންނަ އުސޫލުތައް ނެގެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް ސުޕްރީމް އޮޑިޓް އިންސްޓިޓިއުޝަންސް (ސިޑްސް-އެސް.އޭ.އައި) ސިމްޕޯޒިއަމް ނިންމުމާއި، އިންޓޮސާއީ ޑިވެލޮޕްމެންޓް އިނީޝިއޭޓިވް (އައި.ޑީ.އައި) ގްލޯބަލް ސަމިޓް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.  

ރައީސް މުޢިއްޒު ފާހަގަކުރެއްވި ގޮތުގައި، ޙަޤީޤީ ވިލުންތެރިކަމެއްގެ ބިންގަލަކީ ހަރުދަނާ މުއައްސަސާތަކާއި، ޒިންމާދާރުކަމާއެކު މާލީ ކަންކަން ބެލެހެއްޓުމުގެ އިތުރުން ސަރުކާރަށް ރައްޔިތުން ކުރާ އިތުބާރެވެ. އެހެންކަމުން ދައުލަތުގެ މާލިއްޔަތާއި ތަރައްޤީގެ ބައިވެރިންގެ އެހީތައް ކަނޑައެޅިފައިވާ މަގުސަދުގައި ހޭދަކުރެވޭކަން ކަށަވަރުކުރުމުގައި އުއްތަމަ އޮޑިޓް މުއައްސަސާތަކުގެ ދައުރު އިންތިހާއަށް ބޮޑުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ޖަވާބުދާރީވުމަކީ ހަމައެކަނި ހިންގުމުގެ މަސްއޫލިއްޔަތެއް ނޫންކަމަށާއި، އެއީ ޤައުމީ އިސްތިރާޖީ މުދަލެއްގެ ގޮތުގައި ސިފަކުރެއްވިއެވެ.

ކުދި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވާ މާލީ އަދި އިޤްތިޞާދީ ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވަމުން، އެފަދަ ޤައުމުތަކަކީ ދަރަނި މެނޭޖުކުރަމުން މުސްތަގުބަލަށް ވުނަކުރާ ޤައުމުތަކެއްކަން ރައީސް ބަޔާންކުރެއްވިއެވެ. ބައިނަލްއަޤުވާމީ ފިއްތުންތަކާއި ނުތަނަވަސްކަމުގެ ތެރޭގައިވެސް، ރާއްޖެއިން އަދާކުރަންޖެހޭ މާލީ އިލްތިޒާމުތައް އަދާކުރަމުން، މުސްތަގުބަލުގެ ތަރައްޤީއަށް ކުރަންޖެހޭ މަސައްކަތްތައް ކުރިއަށްދާނެކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.


ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close