އެލްޖީއޭގެ އިންތިޚާބު ފަސްކުރުމަކީ ސަރުކާރުން ބަލި ގަބޫލުކުރުން: ރައީސް ނަޝީދު

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް މެންބަރުން އިންތިޚާބުކުރުމަށް ބާއްވާ އިންތިޚާބު ފަސްކުރުމަކީ ސަރުކާރުން އަމިއްލައަށް ބަލި ގަބޫލުކުރުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ކުރިން ތާވަލުކުރި މިއިންތިޚާބު ވަކި މުއްދަތެއް ނެތްގޮތަށް ފަސްކުރިކަން އެލްޖީއޭއިން ހާމަކޮށްފައިވަނީ އިދާރީ ގޮތުން ނިންމަންޖެހޭ މުހިންމު މަސައްކަތްތަކެއް ނުނިމި ހުރުމުގެ ސަބަބުން ކަމަށް ބުނެއެވެ.
ނަމަވެސް، މިއީ ސަރުކާރުން ބަލި އިޢުލާންކުރުން ކަމަށް ސިފަކުރައްވައި ރައީސް ނަޝީދު ކުރެއްވި އެކްސް ޕޯސްޓެއްގައި ވަނީ ކަނޑައެޅިފައިވާ ތާރީޚުގައި އިންތިޚާބު ބޭއްވުމަށް ގޮވާލައްވާފައެވެ.
މި އިންތިޚާބުގައި ވާދަކުރުމަށް ހުޅުވާލާފައިވަނީ ސިޓީ ކައުންސިލަރުންނާއި، ރަށު ކައުންސިލަރުންގެ އިތުރުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ތަކުގެ ރައީސުންގެ ތެރެއިން މެންބަރަކު ހޮވުމަށެވެ.
މިގޮތުން، ރަށު ކައުންސިލްތަކުގެ ގޮނޑިއަށް އެމްޑީޕީގެ ފަރާތުން ނ. މަނަދޫ ކައުންސިލްގެ ރައީސް އަލީ ޒާފިރު ވާދަކުރައްވާއިރު، ޕީއެންސީގެ ފަރާތުން ވާދަކުރައްވަނީ ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދެވެ.
ޑަބްލިއުޑީސީތަކުގެ ގޮނޑިއަށް އެމްޑީޕީގެ ކެންޑިޑޭޓެއްގެ ގޮތުގައި ލ. ގަމު ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ނީނާ ނުކުންނަވާއިރު، ޕީއެންސީގެ ފަރާތުން ވާދަކުރައްވަނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.
ސިޓީ ކައުންސިލްތަކަށް ޚާއްޞަކުރެވިފައިވާ ގޮނޑިއަށް ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފް އެކަނި ކުރިމަތިލައްވާފައިވުމުން، އެ ގޮނޑިއަށް އެހެން ބޭފުޅަކު ވާދައެއް ނުކުރައްވައެވެ.
