ޚަބަރު

އާޚިރަތް ދުވަހުގެ ހިސާބުކިތާބަށް ތައްޔާރުވުމަށް މިއަދުގެ ހުކުރު ޚުޠުބާގައި ނަސޭހަތްތެރިވެއްޖެ

ދުނިޔޭގައި އުޅޭއިރު މާތް ﷲ އާއި އެކަލާނގެ ރަސޫލާއަށް އުރެދި، އަމުރުފުޅުތަކަށް ނުކިޔަމަންތެރިވާ މީހުންނަށް ޤިޔާމަތް ދުވަހުން އޮތީ އަޒާބާއި ހިތާމަ ކަމަށާއި، އެ ދުވަހުގެ ބިރުވެރިކަމުން މިންޖުވުމަށްޓަކައި ހެޔޮ ޢަމަލުތައް ގިނަކޮށް ތައްޔާރުވުމަށް މިއަދުގެ ހުކުރު ޚުޠުބާގައި ނަސޭހަތްތެރިވެއްޖެއެވެ.

“ޤިޔާމަތްދުވަހާއި މަޙުޝަރުމައިދާނަށް ތައްޔާރުވާށެވެ!” މި މައުޞޫއަށް ޚާއްޞަކޮށްގެން ދެއްވި އިރުޝާދުގައި، ޤިޔާމަތް ދުވަހު އިންސާނާ ދުނިޔޭގައި ކުރި ކަންކަމާމެދު ސުވާލުކުރެވޭ ހިނދު ކުށްތައް ފޮރުވަން މަސައްކަތް ކުރިޔަސް އެކަން ނުކުރެވޭނެކަން ފާހަގަކުރެއްވިއެވެ. އެ ދުވަހުން އިންސާނާގެ އަނގަ ބަންދުކުރެވި، އޭނާގެ އަތްފައިގެ އިތުރުން ކަންފަތާއި ލޯ އަދި ހަންގަނޑުވެސް ކުރެވުނު ކަންކަމަށް ހެކިދޭނެއެވެ.

އެއްވެސް ޢަމަލެއް ވަންހަނާނުކުރެވޭނެކަން ހަނދާންކޮށްދެމުން ޚުޠުބާގައި ބުނީ، ކޮންމެ މީހަކު ކުރި ކުޑަ އަދި ބޮޑު ކަންތައްތައް ހިމެނޭ ފަތް ހުޅުވާލެވޭނެ ކަމަށެވެ. އެ ހިނދު ކުށްވެރިން އެ މީހުންގެ އަމިއްލަ ނަފްސުގެ ހިސާބު ބެލެވޭ ހިނދު އިންތިހާއަށް ބިރުގަންނާނެ ކަމަށްވެސް ބަޔާންކުރިއެވެ.

ޤިޔާމަތް ދުވަހުގެ ބިރުވެރިކަމުން ސަލާމަތްވާނީ ﷲ އާއި އެކަލާނގެ ރަސޫލާއަށް ކިޔަމަންތެރިވެ، އެކަލާނގެ ދެކެ ލޯބިވި މީހުންނެވެ. އެ ދުވަހުން މީސްތަކުން ދެބަޔަކަށް ބެހިގެންދާއިރު، އުފާވެރިކަމުން މޫނުތައް އަލިވެފައިވާ ބަޔަކާއި، ބިރުވެރިކަމާއި ހިތާމައިގައި މޫނުމައްޗަށް ކަޅުކަންވެރިވެފައިވާ ކާފިރުން ތިބޭނެއެވެ.

ޚުޠުބާ ނިންމާލަމުން ވަނީ ޝައިޠާނާގެ ކެހިވެރިކަމަށް ނުހެއްލި، ފާފަތަކަށް ތައުބާވެ ހެޔޮ ކަންކަމުގައި އަވަސްވެގަތުމަށް އިލްތިމާސްކޮށްފައެވެ. އަދި ހަޤީޤީ ނަޞީބުވެރިއަކީ ނަރަކައިން މިންޖުވެ، ސުވަރުގޭގެ ނަޢީމް ލިބުނު މީހާކަން ހަނދާންކޮށްދީ، މާތް ﷲގެ ރަޙުމަތަށް އެދި ދެންނެވުމަށް ގޮވާލިއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close