ޚަބަރު

އަލިފާން ރޯވި ކުނިތައް ކުނބުރުދޫއަށް ބަދަލުކުރާތީ ހުށަހެޅި ކުއްލި މައްސަލަ މަޖިލީހުން ބޭރުކޮށްލައިފި

ތިލަފުށީގައި ހުންނަ ވެމްކޯގެ ސައިޓެއްގައި މި މަހުގެ 19 ވަނަ ދުވަހު ހިނގި އަލިފާނުގެ ހާދިސާގައި އެނދި ކުނިތައް ހދ. ކުނބުރުދޫއަށް ގެންދަން ނިންމާފައިވާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަނެ ތަޅުމުން ބޭރުކޮށްލައިފިއެވެ.

މި މައްސަލަ އިދިކޮޅު އެމްޑީޕީގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވީ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު (ފިއްޓެ) އެވެ.

މެންބަރު ޒިޔާދު މައްސަލަ ހުށަހަޅުއްވަމުން ވިދާޅުވީ، ތިލަފުށީގައި އެނދި ކުނިތައް ކުނބުރުދޫއަށް ގެންގޮސްފިނަމަ، އެ ސަރަހައްދުގެ ރައްޔިތުންގެ ސިއްހަތަށާއި ތިމާވެއްޓަށް އަދި ގުދުރަތީ ނިޒާމަށް އިއާދަ ނުކުރެވޭ ފަދަ ބޮޑެތި ގެއްލުންތަކެއް ލިބިގެންދާނެ ކަމަށެވެ.

އަދި އެ ކުނިތައް ގެންދަން ނިންމާފައިވަނީ ކުނބުރުދޫގައި ގާއިމްކުރަން ފަށައި ނުނިމި ހުރި ވޭސްޓް ޓްރާންސްފާ ސްޓޭޝަނަށް ކަމަށާއި، އެއީ ކުނި މެނޭޖުކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާ ތަނެއް ނޫން ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ކުނި އެޅުމަށް ބޭނުންވާ ކޮންކްރީޓް ފަންގިފިލާއެއް ނެތުމުގެ ސަބަބުން، ކުނިތައް ސީދާ ބިމަށް އުކާލުމުން އުފެދޭ ވިހަ ފެން ރައްކާތެރިކަމާއެކު ޖަމާކޮށް ނައްތާލެވޭނެ އެއްވެސް ނިޒާމެއް އެރަށުގައި ނެތް ކަމަށް މެންބަރު ވިދާޅުވިއެވެ.

ކުނބުރުދޫއަކީ ހިމާޔަތްކޮށްފައިވާ ކަންޒު ކަހަނބު އާލާވާ ތަނަކަށް ވާތީ، މިފަދަ ކަންކަމުގެ ސަބަބުން ތިމާވެއްޓަށާއި ދަނޑުވެރިކަމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެ، ސިއްހީ ގޮތުންވެސް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމުގެ ކަންބޮޑުވުން މެންބަރު ހިއްސާކުރެއްވިއެވެ.

މި ކުއްލި މައްސަލައަށް ބަހުސްކުރުމާމެދު ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 35 މެންބަރުންގެ ތެރެއިން ބަހުސްކުރަން ފެންނަކަމަށް ވޯޓު ދެއްވީ އެމްޑީޕީގެ 7 މެންބަރުންނެވެ. މައްސަލަ ބޭރުކޮށްލީ ޕީއެންސީގެ 27 މެންބަރުން ބަހުސްކުރަން ނުފެންނަކަމަށް ވޯޓު ދެއްވުމުންނެވެ.


ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close