ޚަބަރު

އޮތޯރިޓީގެ ހުއްދަނެތި ބޭސް އެތެރެކުރާނަމަ ބޮޑެތި ޖޫރިމަނާތަކެއް ކުރަން ނިންމައިފި

ރާއްޖެއަށް ގަވާއިދާ ހިލާފަށް އަދި ސިއްހީ އިދާރާތަކުގެ ހުއްދައެއް ނެތި ބޭސް އެތެރެކުރާ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅުތަކެއް އަޅައި، އެއް ލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭ ގޮތަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އާ ގަވާއިދެއް އެކުލަވާލައި އާންމުކޮށްފިއެވެ.

އާންމުން ބޭނުންކުރާ ބޭހުގެ ފެންވަރާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ އިތުރުން ނަހަމަ ގޮތުގައި ބޭސް މުއާމަލާތްކުރުން ހުއްޓުވުމަށް އެކުލަވާލި މި ގަވާއިދުގެ ދަށުން، ރާއްޖެއަށް ބޭސް އެތެރެކުރުމާއި، ވިއްކުމާއި، ގުދަންކުރުން އަދި ބޭސް ނައްތާލުމާ ބެހޭ ހަރުދަނާ އުސޫލުތަކެއް ވަނީ ކަނޑައަޅައިފައެވެ.

މި ގަވާއިދުގައިވާ ގޮތުން، ސިއްހީ ނިޒާމުގައި ބޭނުންކުރުމަށް ހުއްދަދޭ ބޭހުގެ ލިސްޓެއް ކުރިއަށް އޮތް 30 ދުވަސް ތެރޭގައި އެމްއެފްޑީއޭއިން އާންމުކުރަންޖެހޭނެއެވެ. އަދި އެ ލިސްޓުގައި ނުހިމެނޭ ޑޮކްޓަރީ ބޭހާއި، އޮލްޓަނޭޓިވް ބޭސް އަދި ދިވެހި ބޭސް އެތެރެކުރުމަކީ މުޅިން މަނާކަމެކެވެ.

އަލަށް އަމަލުކުރަން ފަށާ އުސޫލުގެ ދަށުން ބޭސް އުފައްދާ ފަރާތްތަކުން ފެށިގެން ފާމަސީތަކާ ހަމައަށް އެމްއެފްޑީއޭގައި ރަޖިސްޓްރީވާންޖެހޭއިރު، ބޭސް އެތެރެކުރުމުގެ ފުރުސަތު އޮންނާނީ ދިވެހި ރައްޔިތުންނަށް ނުވަތަ ދިވެހިންގެ ހިއްސާ އޮންނަ ކުންފުނިތަކަށް އެކަންޏެވެ. އަދި ފެންވަރު ދަށްވުމުގެ ސަބަބުން ބޭސް ރިކޯލްކުރަން ޖެހިއްޖެ ނަމަ، އުފެއްދުންތެރިޔާ ބްލެކްލިސްޓު ކުރުން ނުވަތަ ސަސްޕެންޑު ކުރުމުގެ އިހުތިޔާރު އެމްއެފްޑީއޭއަށް ލިބިގެންވެއެވެ.

މީގެއިތުރުން ފާމަސީތަކުގައި މަސައްކަތްކުރާ ބިދޭސީ ފާމަސިސްޓުންގެ ދިވެހިބަސް ދަންނަކަމުގެ ލިޔުމެއް އޮތުން ލާޒިމުކޮށްފައިވާއިރު، ހުއްދައާ ހިލާފަށް ބޭސް އެތެރެކޮށްފިނަމަ ނަސޭހަތް ދިނުމުން ފެށިގެން 10,000 ރުފިޔާއާއި 100,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމާއި، ހުއްދަ ވަގުތީގޮތުން ހިފެހެއްޓުން ނުވަތަ ބާތިލުކުރުން ފަދަ ފިޔަވަޅުތައް އެޅޭނެއެވެ. މިއަދު އާންމުކުރި މި ގަވާއިދަށް އަމަލުކުރަން ފަށާނީ 90 ދުވަސް ހަމަވުމުންނެވެ.


ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close