ބޭރުދުނިޔެ

އިންޑިއާގެ އެޑިއުކޭޝަން މިނިސްޓަރު އިސްތިއުފާ ދެއްވައިފި

އިންޑިއާގެ ތައުލީމީ ނިޒާމުގައި ހުރި މައްސަލަތަކާއި، މުހިންމު އިމްތިހާނުތަކެއްގެ ކަރުދާސް ލީކުވި މައްސަލާގައި ގައުމީ ފެންވަރުގައި ކުރަމުންދިޔަ ވަރުގަދަ މުޒާހަރާތަކާ ގުޅިގެން، އެ ގައުމުގެ އެޑިއުކޭޝަން މިނިސްޓަރު ދަރުމެންދުރަ ޕްރަދާން އިއްޔެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

ޕްރަދާންގެ އިސްތިއުފާ އިއުލާނުކުރެއްވީ އެކްސް (ކުރީގެ ޓްވިޓާ) މެދުވެރިކޮށެވެ. މިއީ އިންޑިއާގައި “ކޮކްރޯޗް” މޫވްމަންޓްގެ ނަމުގައި ހިންގަމުންދާ އިހުތިޖާޖުތަކަށް ލިބުނު ބޮޑު ކާމިޔާބީއެކެވެ. މި ހަރަކާތުގެ ބައިވެރިން ދިޔައީ މަގުތަކަށް ނުކުމެ މުޒާހަރާކުރުމާއި، ބަނޑުހައިހޫނުކަމުގެ ހަޅުތާލުތައް ކުރަމުންނެވެ. މިނިސްޓަރުގެ އިސްތިއުފާއަކީ ފަހުގެ ތާރީޚެއްގައި ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރާ ދެކޮޅަށް ކުރިމަތިވި އެންމެ ބޮޑު އެއް ޕްރެޝަރަށްފަހު، ސަރުކާރުން ދޫދިން ފުރަތަމަ ފަހަރެވެ.

މީގެ މަހެއްހާ ދުވަސް ކުރިން ފެށުނު މި މުޒާހަރާތައް އެންމެ ފުރަތަމަ އަމާޒުވީ އިމްތިހާނުތަކުގެ ކަރުދާސް ލީކުވުމުގެ މައްސަލައަށެވެ. ނަމަވެސް، ފަހުން މި ހަރަކާތް ފުޅާވެ، ވަޒީފާ ނެތް މީހުންގެ މައްސަލަތަކާއި، އިގްތިސާދީ ފުރުސަތުތަކާއި، ސަރުކާރު ޒިންމާދާރުކުރުވުމުގެ ބޮޑު ހަރަކާތަކަށް ވަނީ ބަދަލުވެފައެވެ. ނިއުދިއްލީގެ އިތުރުން އިންޑިއާގެ އެކި ސިޓީތަކުގައި ކުރިއަށްދާ މި ހަރަކާތްތަކުގައި ގިނަ އަދަދެއްގެ ދަރިވަރުންނާއި، އާންމު ރައްޔިތުން އަދި އެކްޓިވިސްޓުން ދަނީ ބައިވެރިވަމުންނެވެ.

މިނިސްޓަރު އިސްތިއުފާ ދެއްވި ޚަބަރާއެކު، ނިއުދިއްލީގައި މުޒާހަރާ ކުރަމުންދިޔަ އެތައް ހާސް ބަޔަކު ވަނީ އުފާފާޅުކޮށްފައެވެ. މުޒާހަރާގެ ބައިވެރިން އިންޑިއާގެ ގައުމީ ދިދަ ހޫރުވައި، އެކަކު އަނެކަކަށް މަރުހަބާ ކިޔައި ހަދާފައިވެއެވެ. މުޒާހަރާގައި ބައިވެރިވި ޕްރާޗީ ކުމާރު ބުނިގޮތުގައި، ތައުލީމީ ނިޒާމަށް އިތުބާރު ހޯދުމަށްޓަކައި މިއީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. “މިކަން މިގޮތަށް ވާންޖެހޭނެ. ކޮންމެވެސް ފަރާތަކުން މިކަމުގެ ޒިންމާ ނަގަންޖެހޭނެ،” އޭނާ ބުންޏެވެ.

މި މުޒާހަރާތައް އިންތިޒާމުކުރާ “ކޮކްރޯޗް ޖަންތާ ޕާޓީ” އިން އެކްސްގައި ބުނެފައިވަނީ މިއީ “ޑިމޮކްރަސީގެ ކާމިޔާބީ” އެއް ކަމަށެވެ.

ފުލުހުން ކަރުނަގޭހާއި ބާރުގެ ބޭނުންކޮށްގެން މުޒާހަރާ ރޫޅާލަން މަސައްކަތް ކުރި ނަމަވެސް، މުޒާހަރާގެ ބައިވެރިން ވަނީ ފަހަތަށް ނުޖެހި ސާބިތުކަން ދައްކާފައެވެ. މިދިޔަ ހޯމަ ދުވަހު ޕާލަމެންޓާ ދިމާލަށް މުޒާހަރާގެ ބައިވެރިން ކުރިއަށްދަނިކޮށް، ފުލުހުން ހުރަސްއެޅުމުގެ ތެރޭގައި ބައެއް ދަރިވަރުންނަށް އަނިޔާވެ، މަސްރަހު ވަނީ އިތުރަށް ގޯސްވެފައެވެ.

މޯދީގެ ސަރުކާރުން މީގެ ކުރިން ވަނީ މަސްރަހު ފިނިކުރުމަށްޓަކައި، ކަރުދާސް ލީކުވާ މައްސަލަތައް ބެލުމަށް ޚާއްސަ ކޯޓުތަކެއް އުފައްދައި، ކޮރަޕްޝަނާ ދެކޮޅަށް ހަރުކަށި ގާނޫނުތަކެއް ގެންނާނެ ކަމަށް ބުނެފައެވެ. ނަމަވެސް، މުޒާހަރާގެ ބައިވެރިން ބުނީ އެ ފިޔަވަޅުތަކަކީ އެކަށީގެންވާ ފިޔަވަޅުތަކެއް ނޫން ކަމަށެވެ.

މިނިސްޓަރުގެ އިސްތިއުފާއާއެކު މުޒާހަރާގެ ބައިވެރިންގެ މައިގަނޑު އެއް ޑިމާންޑް ފުދިފައިވީ ނަމަވެސް، މި ހަރަކާތް ހުއްޓާނުލާނެ ކަމަށް ލީޑަރުން ވަނީ ބުނެފައެވެ. އެމީހުންގެ އިތުރު ޑިމާންޑްތަކުގެ ތެރޭގައި، ކަރުދާސް ލީކުވި މައްސަލާގައި ނަފްސާނީ ގޮތުން އަސަރުކޮށްގެން އަމިއްލައަށް މަރުވި ދަރިވަރުންގެ އާއިލާތަކަށް ބަދަލު ހޯދައިދިނުމާއި، މުޒާހަރާގެ ބައިވެރިންނަށް އަނިޔާކުރި ފުލުހުންނަށް ފިޔަވަޅު އެޅުން ހިމެނެއެވެ.

“ހަނދާންކުރާތި، ކޮކްރޯޗާ ކުޅެން ނޫޅޭތި،” މޫވްމަންޓްގެ ލީޑަރު އަބީޖީތު ދިޕްކޭ ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close