ޤާނޫނީ އިމުގެ ތެރެއިން ބުލީކުރުން ހުއްޓުވުމަށް އެކުލަވާލާ ބިލަށް ބޭރުގެ ފަންނީ ލަފާ ހޯދަނީ

ބުލީކުރުމަކީ ކުށެއްގެ ގޮތުގައި ކަނޑައަޅައި، އެކަން ހުއްޓުވުމަށްޓަކައި އެކުލަވާލަމުންދާ “އެންޓި ބުލީ” ޤާނޫނުގެ މަސައްކަތަށް ބޭރުގެ ފަންނީ މާހިރުންގެ ލަފާ ހޯދަމުންދާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ހާމަކުރައްވާފައެވެ.
އެޓަރނީ ޖެނެރަލްގެ އޮފީހުން ކުރިއަށްގެންދާ މި މަސައްކަތުގައި، ކަމާގުޅޭ ދާއިރާތަކުގެ ސްޓޭކްހޯލްޑަރުންނާއި ފަންނީ ފަރާތްތަކުގެ މަޝްވަރާ ސަރުކާރުން އަންނަނީ ހޯދަމުންނެވެ.
މި ޤާނޫނުގެ މައިގަނޑު މަޤްޞަދަކީ މުޅި މުޖުތަމަޢުގައި ބުލީކުރުން ހުއްޓުވުމުގެ އިތުރުން، ބުލީގެ ޝިކާރައަކަށްވާ ފަރާތްތަކަށާއި އެފަދަ ކަންކަން ކުރާ ފަރާތްތަކަށް ބޭނުންވާ ނަފްސާނީ އެހީތެރިކަން ފޯރުކޮށްދެވޭނެ ނިޒާމެއް ޤާއިމުކުރުމެވެ. މީގެއިތުރުން، ބުލީކުރުމުގެ މައްސަލަތައް ޚާއްޞަ މަރުކަޒީ އެޖެންސީއަކަށް ރިޕޯޓްކުރެވޭނެ އިންތިޒާމު ހަމަޖެއްސުމާއި، ސްކޫލްތަކުގެ ރަސްމީ މަންހަޖުގެ ތެރޭގައި ބުލީކުރުމާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ ބައިތައް ހިމެނުންވެސް މި ބިލުގައި ހިމެނެއެވެ.
ސަރުކާރުން ދެކޭގޮތުގައި މުޖުތަމަޢުގެ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަށްޓަކައި ޤާނޫނީ ފިޔަވަޅުތަކުގެ އިތުރުން ޞިއްޙީ ފަރުވާގެ ނިޒާމު ހަރުދަނާކުރުން މުހިންމެވެ. އެގޮތުން ނޭޝަނަލް މެންޓަލް ހެލްތު ހެލްޕްލައިންގެ ޚިދުމަތް ފުޅާކުރުމާއި، އާސަންދަ މެދުވެރިކޮށް ނަފްސާނީ ފަރުވާ ލިބޭނެ ގޮތް ހަމަޖެއްސުމުގެ އިތުރުން، އައު މެންޓަލް ހެލްތު ފެސިލިޓީއެއް ޤާއިމުކުރުމުގެ މަސައްކަތްވެސް ސަރުކާރުން އަންނަނީ ކުރަމުންނެވެ.



