ޝަހީދުކޮށްލި ފަލަސްޠީނުގެ ފުޓްބޯޅަ އާއިލާގެ 12 މީހުންނަކީ ހަނގުރާމަވެރިން – އިސްރާއީލް

އިސްރާއީލް ސިފައިން ޝަހީދުކޮށްލި ފަލަސްތީނުގެ ފުޓްބޯޅަ އާއިލާއަށް ނިސްބަތްވާ 12 މީހުންނަކީ ހަނގުރާމަވެރިން ކަމަށް ބުނެ އިސްރާއީލުން ތުހުމަތުކޮށްފިއެވެ.
ޣައްޒާގައި ހިނގަމުންދާ ހަނގުރާމައިގެ ތެރޭގައި އިސްރާއީލް ސިފައިން ޝަހީދުކޮށްލި ފަލަސްތީނުގެ ފުޓްބޯޅައިގެ 12 ޝަޚްސިއްޔަތަކީ— އޭގެ ތެރޭގައި ފީފާގައި ރަޖިސްޓްރީކޮށްފައިވާ ރެފްރީއަކުވެސް ހިމެނޭހެން— ހަނގުރާމަވެރި ޖަމާއަތްތަކަށް ނިސްބަތްވާ ބައެއް ކަމަށް އިސްރާއީލް އަސްކަރިއްޔާއިން ބުނެފިއެވެ.
ނަމަވެސް، ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން ވަނީ އިސްރާއީލް އަސްކަރިއްޔާގެ މި ތުހުމަތުތައް ދޮގުކޮށްފައެވެ.
އިސްރާއީލް އަސްކަރިއްޔާއިން ބުނި ގޮތުގައި މި މީހުންގެ ނަންތައް ހާމަކުރީ، ޣައްޒާގެ ފުޓްބޯޅަ އާއިލާގެ މެންބަރުންނަށް އިސްރާއީލުން ގަސްދުގައި އަމާޒުކުރަމުންދާ ކަމަށް ބުނެ ދެކެވޭ “ދޮގު ވާހަކަތަކަށް” ރައްދު ދިނުމަށެވެ.
“ފަލަސްތީނުގެ ފުޓްބޯޅަ ކުޅުންތެރިންނާއި، ރެފްރީން އަދި ކޯޗުންގެ ގޮތުގައި ދައްކުވައިދީފައިވާ، ނަމަވެސް ހަގީގަތުގައި ހަމާސް އާއި އިސްލާމިކް ޖިހާދުގެ އަސްކަރީ ގަފިތަކުގައި މަސައްކަތްކުރާ ޓެރަރިސްޓުންގެ ވަކިވަކި މައުލޫމާތު މިހާރު މިވަނީ ހާމަކޮށްފައި،” އިސްރާއީލް އަސްކަރިއްޔާގެ ބަޔާނުގައިވެއެވެ.
އަސްކަރިއްޔާއިން ދައުވާކުރާ ގޮތުގައި، ނަން ހާމަކުރި މީހުންގެ ތެރެއިން ބައެއް މީހުންނަކީ ހަނގުރާމަވެރި ޖަމާއަތްތަކުގެ އިސް މަގާމުތައް ފުރާފައިވާ މީހުންނެވެ. އަދި އަނެއްބައި މީހުންނަކީ އަމަލީ ގޮތުން ހަނގުރާމައިގައި ބައިވެރިވާ މީހުންނެވެ.
މިގޮތުން ފާހަގަކޮށްފައިވާ މީހުންގެ ތެރޭގައި ފީފާގެ އިންޓަނޭޝަނަލް އެސިސްޓަންޓް ރެފްރީއެއް ކަމަށްވާ މުހައްމަދު ސާމީ މުހައްމަދު ޚައްތާބު ހިމެނެއެވެ.
“މުހައްމަދު ސާމީ މުހައްމަދު ޚައްތާބަކީ ފުޓްބޯޅަ ކުޅުންތެރިއެއްގެ ގޮތުގައި ދައްކުވައިދިން ނަމަވެސް، އޭނާއަކީ އިސްލާމިކް ޖިހާދުގެ ސެންޓްރަލް ކޭމްޕްސް ބްރިގޭޑްގެ ޓެރަރިސްޓެއް،” އަސްކަރިއްޔާއިން ބުންޏެވެ.
މީގެ އިތުރުން އިސްރާއީލުން ވަނީ ޚައްތާބުގެ ތިން ފޮޓޯއެއް އާންމުކޮށްފައެވެ. އޭގެ ތެރޭގައި ފީފާ އާއި އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ) ގެ ލޯގޯ ޖެހި ޖާޒީއެއް ލައިގެން ހުރި ފޮޓޯއަކާއި، ބަޑިއެއް ހިފައިގެން ހުރި ފޮޓޯއެއް ހިމެނެއެވެ.
ޚައްތާބު މަރުވުމާ ގުޅިގެން އޭއެފްސީ ފަދަ ބައިނަލްއަގުވާމީ ފުޓްބޯޅަ އިދާރާތަކުން ތައުޒިޔާ ފޮނުވާފައިވާކަން ވެސް އިސްރާއީލް އަސްކަރިއްޔާއިން ފާހަގަކުރިއެވެ.
އިސްރާއީލުން ތުހުމަތުކުރާ ގޮތުގައި، މި 12 މީހުންގެ ތެރެއިން މަދުވެގެން ދެ މީހަކީ އޮކްޓޯބަރު 7 ގައި އިސްރާއީލަށް ދިން ހަމަލާތަކުގައި އަމަލީ ގޮތުން ބައިވެރިވި މީހުންނެވެ.
ނަމަވެސް ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން މި ހުރިހާ ވާހަކަތަކެއް ދޮގުކުރެއެވެ.
ސަލާމަތީ ސަބަބުތަކަށްޓަކައި ނަން ހާމަނުކުރުމަށް އެދި ފަލަސްތީނުގެ އޮފިޝަލަކު ވިދާޅުވީ، “އިސްރާއީލުން މަސައްކަތް ކުރަނީ ފުޓްބޯޅަ ކުޅުންތެރިންނާއި، ކޯޗުންނާއި، ރެފްރީން އަދި އިދާރީ މުވައްޒަފުން މަރަމުންދާ ދިއުން ދޮގު އިލްޒާމުތަކެއްގެ ފަހަތުގައި ފޮރުވުމަށް” ކަމަށެވެ.
“އެ ބަޔާނުގައި ބުނާ ގިނަ މީހުން ޝަހީދުވީ އިސްރާއީލުން އެމީހުން ދިރިއުޅޭ ގެތަކަށާއި ފޭލިގެތަކަށް ދިން ބޮމުގެ ހަމަލާތަކުގައި، އެމީހުންގެ އާއިލާތަކާއެކު ތިއްބާ،” އޮފިޝަލް އިތުރަށް ވިދާޅުވިއެވެ.
އޭއެފްޕީ ނިއުސް އެޖެންސީއަށް މި ތުހުމަތުތަކުގެ ސައްހަކަން މިނިވަންކަމާއެކު ކަށަވަރު ކުރެވިފައެއް ނުވެއެވެ. އަދި ހަމާސް ނުވަތަ އިސްލާމިކް ޖިހާދުން މިކަމާ ގުޅޭގޮތުން ވަގުތުން އެއްޗެއް ބުނެފައެއް ނުވެއެވެ.
ހަނގުރާމަ ފެށުނީއްސުރެ، ފަލަސްތީނުގެ ކުޅިވަރު އިދާރާތަކުން ދަނީ އިސްރާއީލުން ގަސްދުގައި ކުޅުންތެރިން މަރަމުންދާ ކަމަށާއި، ޣައްޒާގެ ކުޅިވަރު އިންފްރާސްޓްރަކްޗަރަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އިސްރާއީލުން އަބަދުވެސް ބުނަމުންދަނީ އެމީހުން އަމާޒުކުރަނީ ހަނގުރާމަވެރިންނަށާއި އަސްކަރީ މަރުކަޒުތަކަށް ކަމަށެވެ. އަދި ހަމާސް އިން އާންމުން ދިރިއުޅޭ ސަރަހައްދުތައް އައްޑަނައެއްގެ ގޮތުގައި ބޭނުންކުރާ ކަމަށް އިސްރާއީލުން ތުހުމަތުކުރެއެވެ.



