ބޭންކް އޮފް މޯލްޑިވްސްގެ ކޯ ބޭންކިންގ ނިޒާމު ފިނަސްޓްރާ އެސެންސް އާއެކު އަޕްގްރޭޑްކުރަނީ

ރާއްޖޭގެ މާލީ ދާއިރާގައި ދެވޭ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ޑިޖިޓަލް ބޭންކިންގ ނިޒާމު އާ އުސްމިންތަކަކަށް ގެންދިއުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކޯ ބޭންކިންގ ނިޒާމު ޒަމާނީ ކުރުމަށްޓަކައި ‘ފިނަސްޓްރާ އެސެންސް’ ޕްލެޓްފޯމް ބޭނުންކުރުމަށް އެ ބޭންކުން އިޚްތިޔާރުކޮށްފިއެވެ.
މި އާ ނިޒާމާއެކު ބީއެމްއެލްގެ ދުވަހުން ދުވަހަށް ކުރެވޭ ހިންގުމުގެ މަސައްކަތްތައް އިތުރަށް އަވަސްވެ، އީޖާދީ އާ އުފެއްދުންތަކާއި ޚިދުމަތްތައް މާކެޓަށް ނެރުމަށް ހޭދަވާ ވަގުތު އިންތިހާއަށް ކުޑަވެގެންދާނެއެވެ. މީގެ އިތުރުން، އާންމު ކޮންވެންޝަނަލް ބޭންކިންގ އާއި އިސްލާމިކް ބޭންކިންގގެ ޚިދުމަތްތައްވެސް އިތުރު ފަސޭހަކަމާއެކު ކަސްޓަމަރުންނަށް ފޯރުކޮށްދިނުމުގެ މަގު ފަހިވެގެންދާނެ ކަމަށް ބޭންކުން މަޢުލޫމާތު ދެއެވެ.
ބީއެމްއެލްއިން ފާހަގަކުރި ގޮތުގައި، ފިނަސްޓްރާގެ ‘އެސެންސް’ ޕްލެޓްފޯމް ނެގުމުގެ މައިގަނޑު މަޤްޞަދަކީ އޮޓޮމޭޝަންގެ އެހީގައި ބޭންކުގެ މަސައްކަތްތައް ތަރުތީބުކޮށް، މެދުނުކެނޑި ޚިދުމަތް ދިނުމާއި، ކަސްޓަމަރުންނަށް ލިބޭ ޚިދުމަތުގެ ފެންވަރު މަތިކުރުމެވެ. އަދި މީގެ ސަބަބުން ރިލޭޝަންޝިޕް މެނޭޖަރުންނަށްވެސް ކަސްޓަމަރުންނަށް އީޖާދީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބޮޑެތި ފުރުޞަތުތަކެއް ހުޅުވިގެންދާނެއެވެ.
މި އިޞްލާޙީ ފިޔަވަޅާ ގުޅޭގޮތުން ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، ފިނަސްޓްރާ އެސެންސްއާއެކު ފެށުނު މި މަސައްކަތަކީ ބޭންކުގެ ޑިޖިޓަލް ޓްރާންސްފޯމޭޝަންގެ ދަތުރުގައި އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި މީގެ ސަބަބުން، ހަލުވިކަމާއެކު އައު އީޖާދުތައް ތަޢާރަފުކުރުމަށާއި، މަސައްކަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށާއި، މުޅި ރާއްޖެއަށް ދުނިޔޭގެ ފެންވަރުގެ މާލީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާ ޒަމާނީ އަދި ވަރުގަދަ ބިންގަލެއް އެޅިގެންދާނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
ފިނަސްޓްރާގެ ޔުނިވަރސަލް ބޭންކިންގެ އީވީޕީ ޝަވާން ބައިރަން ވިދާޅުވީ، ބީއެމްއެލްގެ ޚިދުމަތްތައް ޒަމާނީ ކުރުމަށް ކުރާ މަސައްކަތުގައި ބައިވެރިވުމަކީ ލިބޭ އުފަލެއް ކަމަށެވެ. އަދި ބީއެމްއެލް އިން މި ޕްލެޓްފޯމް އިޚްތިޔާރު ކުރުމުން ހާމަވަނީ ފިނަސްޓްރާގެ ކޯ ބޭންކިންގ ޕްލެޓްފޯމުގެ ވަރުގަދަކަމާއި ފަހެލިކަން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

