ބޭރުދުނިޔެ

ލުބުނާނުގެ “ޕައިލެޓް ޒޯން” ތަކާ އެޤައުމުގެ އަސްކަރިއްޔާއިން ހަވާލުވާން ފަށައިފި

ލުބުނާނުގެ ދެކުނުގެ “ޕައިލެޓް ޒޯން” ތަކާ އެގައުމުގެ އަސްކަރިއްޔާއިން ހަވާލުވާން ފަށައިފި ކަމަށް އެމެރިކާއިން ބުނެފިއެވެ.

ލުބުނާނުގެ ދެކުނުން އިޒްރޭލު ސިފައިން ފޭބުމަށާއި، ހިޒްބުاللهގެ ހަތިޔާރު އެ ސަރަހައްދުން ނައްތާލުމަށް ވެފައިވާ އެއްބަސްވުން އަމަލީ ގޮތުން ތަންފީޒުކުރަން ފެށުމުގެ ގޮތުން، އެ ސަރަހައްދުގެ ތިން އަވަށެއްގެ ސަލާމަތީ ކަންކަމާ ލުބުނާނުގެ ސިފައިން ހަވާލުވާން ފަށާފައިވާ ކަމަށް އެމެރިކާއިން ހާމަކޮށްފިއެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ބުނި ގޮތުގައި، “ލުބުނާނުގެ މިލިޓަރީ ކޯޑިނޭޝަން ގްރޫޕް” ގެ ބެލުމުގެ ދަށުންނާއި، ތިން ގައުމުގެ މެދުގައި އެކުލަވާލާފައިވާ އޮނިގަނޑާ އެއްގޮތަށް، “ފްރައުން”، “ސްރީފާ” އަދި “ޒައުތަރު އަލް-ޣަރްބިއްޔާ” ހިމެނޭ “ޕައިލެޓް ޒޯން” ތަކުގައި މިހާރު ވަނީ އަމަލީ މަސައްކަތް ފަށާފައެވެ.

ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާނު ޓޮމީ ޕިގޮޓް ވިދާޅުވި ގޮތުގައި، މިއީ މިދިޔަ ހަފުތާގައި ރޯމްގައި އިޒްރޭލާއި ލުބުނާނުގެ ވަފުދުތަކުގެ މެދުގައި ބޭއްވުނު މަޝްވަރާތަކުގެ ސީދާ ނަތީޖާއެކެވެ. އަދި މި އެއްބަސްވުން ކާމިޔާބުކަމާއެކު ނިންމުމަށްޓަކައި ދެ ފަރާތާއެކު ވޮޝިންގްޓަނުން މަސައްކަތް ކުރަމުންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޖޫން 26 ގައި ލުބުނާނާއި، އިޒްރޭލު އަދި އެމެރިކާއާ ދެމެދު ސޮއިކުރެވުނު މި އެއްބަސްވުމުގެ މަގުސަދަކީ ލުބުނާނުގެ ދެކުނުގައި އިޒްރޭލު ސިފައިން ތިބި ތަންތަނުން ފިޔަވަހިތަކަކަށް ބަހާލައިގެން އެމީހުން ބޭލުމެވެ.

މީގެ ބަދަލެއްގެ ގޮތުން، އިޒްރޭލު ސިފައިން ހުސްކުރާ ސަރަހައްދުތަކުގެ ފުރިހަމަ ސަލާމަތީ ޒިންމާ ލުބުނާނުގެ އަސްކަރިއްޔާއިން އުފުލަންޖެހޭނެއެވެ. އަދި އެ ސަރަހައްދުތަކުގައި ހިޒްބުاللهގެ އެއްވެސް ހަތިޔާރެއް ނުވަތަ އަސްކަރީ އިންފްރާސްޓްރަކްޗާއެއް ނެތްކަން ލުބުނާނު ސިފައިން ކަށަވަރުކޮށްދޭން ޖެހެއެވެ.

ލިޓާނީ ކޯރުގެ އައްސޭރީގައިވާ މަދު އަވަށެއްގައި މިކަން ފެށުމުގެ ބޭނުމަކީ، އެހެން ސަރަހައްދުތަކަށް މި ނިޒާމު ފުޅާކުރުމުގެ ކުރިން އަމަލީ ގޮތުން މިކަން ކުރިއަށްދާ ގޮތް ތަޖުރިބާކޮށް ބެލުމެވެ.

ނަމަވެސް، އީރާނުގެ ތާއީދު އޮންނަ ހިޒްބުالله އިން ވަނީ މި އެއްބަސްވުން ގަބޫލުކުރަން ދެކޮޅު ހަދާފައެވެ. އެ ޖަމާއަތުން ބުނާ ގޮތުގައި ލުބުނާނާ ގުޅޭ އެއްވެސް ނިންމުމެއް ނިންމަންވާނީ ވޮޝިންގްޓަނާއި ތެހެރާނާ ދެމެދު ކުރެވޭ ފުޅާ މަޝްވަރާތަކެއްގެ ތެރެއިންނެވެ. އެހެންނަމަވެސް، ކަނޑައެޅިފައިވާ ސަރަހައްދުތަކުގައި މި މަސައްކަތް ތަންފީޒުކުރުމަށް އެ ޖަމާއަތުން ހުރަސްއަޅާނެތޯ ނުވަތަ ނޫންތޯ އަދި ސާފެއް ނުވެއެވެ.

މި އެއްބަސްވުމުގައި އިޒްރޭލު ސިފައިން ފައިބާނެ ވަކި ތާރީޚެއް ކަނޑައަޅާފައެއް ނުވެއެވެ. އަދި އިޒްރޭލުގެ އޮފިޝަލުން ވިދާޅުވަމުން ގެންދަވަނީ، ހިޒްބުاللهގެ އަތުގައި ހަތިޔާރު ހުރިހާ ހިނދަކު، ސަރަހައްދީ ރޮނގުން ފެށިގެން 10 ކިލޯމީޓަރުގެ ފުންމިނުގެ “ސެކިއުރިޓީ ޒޯން” އެއްގައި އެގައުމުގެ ސިފައިން ދެމިތިބޭނެ ކަމަށެވެ.

ރަސްމީ އެއްވެސް ގުޅުމެއް ނޯންނަ ލުބުނާނާއި އިޒްރޭލާ ދެމެދު މި މަޝްވަރާތައް ފެށުނީ، މިދިޔަ މާރިޗު މަހު ހިޒްބުالله އިން އިޒްރޭލަށް ހަމަލާދީ، މެދުއިރުމަތީގެ ފުޅާ ހަނގުރާމައިގެ ތެރެއަށް ލުބުނާނު ދަމައިގަތުމާ ގުޅިގެންނެވެ.

ލުބުނާނުގެ އަސްކަރީ މަސްދަރަކުން އޭއެފްޕީ ނިއުސް އެޖެންސީއަށް މައުލޫމާތު ދިން ގޮތުގައި، އިޒްރޭލު ސިފައިން ވެރިވެގަނެގެން ތިބި ސަރަހައްދުތަކާ އިންވެގެންވާ ފްރައުން ފަދަ އަވަށްތަކުގައި ލުބުނާނު ސިފައިން މިހާރު ވަނީ ފޯރިމެރުން ވަރުގަދަކޮށްފައެވެ.

މި އެއްބަސްވުމަކަށް އާދެވުނީ އިޒްރޭލާއި ހިޒްބުاللهގެ ހަނގުރާމައިގައި އިއުލާނުކުރެވުނު ނާޒުކު ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމަކަށް ފަހުގައެވެ. ނަމަވެސް، އިޒްރޭލުން އަދިވެސް ދޭތެރެދޭތެރެއިން ލުބުނާނުގެ ދެކުނަށް ހަމަލާދީ، ސަރަހައްދީ ރޮނގު ކައިރީގައިވާ އަވަށްތަކުގައި ގޮއްވުންތައް ކުރިއަށްގެންދެއެވެ.

ރޯމްގައި ބޭއްވުނު މި މަޝްވަރާތައް ކުރިއަށްދިޔައީ، ލުބުނާނުގެ ރައީސް ޖޯސެފް އައޫން އަންގާރަ ދުވަހު ވޮޝިންގްޓަންގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައި ވަނިކޮށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close