ޚަބަރު

ޖުމްލަ އެރައިވަލް ދަށްވިޔަސް، ޗައިނާ އާއި ރަޝިޔާއިން ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު މަތިވެއްޖެ

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ޖުމްލަ ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރާ އަޅާބަލާއިރު މަދުވި ނަމަވެސް، ރާއްޖޭގެ ޓޫރިޒަމްގެ އެންމެ ކުރީގައި އުޅޭ ޗައިނާ އާއި ރަޝިޔާ މާކެޓުން ބޮޑު ކުރިއެރުމެއް ހޯދައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި ދެ ގައުމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ވަނީ ފާހަގަކޮށްލެވޭ މިންވަރަކަށް އިތުރުވެފައެވެ.

މިއަހަރުގެ ޖުލައި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޖުމްލަ 1.17 މިލިއަނަށްވުރެ ގިނަ (1،173،922) ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 4.7 އިންސައްތައިގެ ދެރަވުމެކެވެ.

ޖުމްލަ އަދަދު ދަށްވި ނަމަވެސް، އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވާ ޗައިނާއިން ވަނީ 14.7 އިންސައްތައިގެ ކުރިއެރުމެއް ހޯދާފައެވެ. އެގޮތުން މިދިޔަ އަހަރުގެ މި މުއްދަތުގައި އެގައުމުން 170،210 ފަތުރުވެރިން އައިއިރު، މިއަހަރުގެ މިހާތަނަށް އެ އަދަދު ވަނީ 195،363 އަށް އަރާފައެވެ.

ދެވަނައަށް އެންމެ ބޮޑު މާކެޓުގެ ގޮތުގައި އޮތް ރަޝިޔާއިންވެސް ވަނީ 17 އިންސައްތައިގެ އިތުރުވުމެއް ރެކޯޑުކޮށްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރަޝިޔާއިން 142،899 ފަތުރުވެރިން އައިއިރު، މިއަހަރުގެ ޖުލައި 18ގެ ނިޔަލަށް އެގައުމުން 167،314 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.

ރާއްޖެއަށް އައި ފަތުރުވެރިންގެ ތެރެއިން އެންމެ ގިނަ މީހުން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓުތަކުގައެވެ. އެގޮތުން 834،816 ފަތުރުވެރިން ރިސޯޓުތަކުގައި މަޑުކޮށްފައިވާއިރު، ގެސްޓްހައުސްތަކުގައި 262،171 ފަތުރުވެރިން ވަނީ ޗުއްޓީ ހޭދަކޮށްފައެވެ.

މީގެ އިތުރުން ހޮޓާތަކުގައި 27،523 ފަތުރުވެރިން ޗެކްއިންވެފައިވާއިރު، ސަފާރީ އުޅަނދުފަހަރުގައި 22،381 ފަތުރުވެރިން ވަނީ މަޑުކޮށްފައެވެ.


ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close