ރާއްޖޭގެ 42 ރަށެއްގެ ކުޅިވަރު މަރުކަޒުތައް ތަރައްގީކުރަން އިންޑިއާއިން ހިލޭ އެހީ ދެނީ

ރާއްޖޭގެ އެކި ރަށްރަށުގައި ހުރި ޒުވާނުންގެ މަރުކަޒުތަކާއި ފިޓްނަސް ސެންޓަރުތަކަށް ބޭނުންވާ ސާމާނު ހޯދުމަށް ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު މިއަދު މުހިންމު ފަހުމުނާމާއެއްގައި ސޮއިކޮށްފި އެވެ.
މި އެހީގެ ދަށުން ރާއްޖޭގެ 42 ރަށެއްގެ ކުޅިވަރާއި ދުޅަހެޔޮކަމާ ގުޅޭ މަރުކަޒުތަކަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފަ އެވެ. މިއީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ ‘ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް’ (އެޗްއައިސީޑީޕީ) ގެ ދަށުން ހިންގާ މަޝްރޫއެކެވެ.
ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް އެވެ. އިންޑިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ރާއްޖޭގައި ހުންނަވާ އެ ގައުމުގެ ސަފީރު ޖީ. ބާލަސުބްރަމާނިއަން އެވެ. މީގެ އިތުރުން، މި މަޝްރޫއު އަމަލީ ގޮތުން ތަންފީޒުކުރާ ވުޒާރާގެ ފަރާތުން ޔޫތު އެމްޕަވަމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް މިނިސްޓަރު އަބްދުﷲ ރާފިއު ވެސް ވަނީ މި ފަހުމުނާމާގައި ސޮއިކުރައްވައިފަ އެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފޮރިން މިނިސްޓަރު އިރުތިޝާމް ވިދާޅުވީ، ރަށްރަށުގެ ފިޓްނަސް ސެންޓަރުތަކަށް ސާމާނު ހޯދައިދިނުމަކީ ރައްޔިތުންގެ ސިއްހީ ދުޅަހެޔޮކަމަށް ކުރެވޭ ވަރަށް މުހިންމު އިންވެސްޓްމަންޓެއް ކަމަށެވެ. މީގެ ސަބަބުން ދުޅަހެޔޮ އަދި ހަރަކާތްތެރި ދިރިއުޅުމަކަށް މަގުފަހިވުމުގެ އިތުރުން، މުޖުތަމައުގައި އަންހެނުން ބާރުވެރިކުރުވުމަށާއި، ހަމަހަމަކަން ގާއިމްކުރުމަށް ބޮޑު ބާރަކަށް ވެގެންދާނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ. އަދި މި މަޝްރޫއަށް އިންޑިއާ ސަރުކާރުން ވެދިން ދީލަތި އެހީތެރިކަމަށްޓަކައި ދެ މިނިސްޓަރުން ވެސް ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.

