ޚަބަރުކުޅިވަރު

ލަނޑު ގިނަ ފޯރިގަދަ ކުރިމަތިލުމަކަށްފަހު ފްރާންސް ބަލިކޮށް ވޯލްޑް ކަޕްގެ ތިންވަނަ އިންގްލެންޑް ހޯދައިފި

ފީފާ ވޯލްޑް ކަޕްގެ ތިންވަނަ ހޮވުމަށް ކުޅުނު ފޯރިގަދަ މެޗު ކާމިޔާބުކޮށް، މުބާރާތުގެ ލޯ މެޑަލް އިންގްލެންޑުން ކަށަވަރުކޮށްފިއެވެ.

ވާދަވެރި ފްރާންސާ ބައްދަލުކުރި މި މެޗު އިންގްލެންޑުން ކާމިޔާބުކުރީ 6-4 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. ޖުމްލަ 10 ލަނޑު ފެނިގެންދިޔަ މި މެޗަކީ ފޯރިގަދަ އަދި ގިނަ ރެކޯޑުތަކެއް އާވެގެންދިޔަ މެޗެކެވެ.

މެޗުގެ ފުރަތަމަ ހާފުގައި އިންގްލެންޑުން ވަނީ ބާރުގަދަ ކުޅުމެއް ދައްކައި، ފްރާންސް ސިއްސުވާލާފައެވެ. އެގޮތުން ޓީމުގެ މުހިއްމު ތަރިން ކަމަށްވާ ހެރީ ކޭން އާއި ޖޫޑް ބެލިންގހަމް ނުލައި މެޗު ފެށި ނަމަވެސް، 3 ވަނަ މިނިޓުގައި ޑެކްލަން ރައިސް ވަނީ ލަނޑެއް ޖަހައި އިންގްލެންޑަށް ކުރިހޯދައިދީފައެވެ. އޭގެ ފަހުން އެޒްރީ ކޮންސާ ލަނޑެއް ޖެހިއިރު، ފުރަތަމަ ހާފު ނިމުމުގެ ކުރިން ބުކާޔޯ ސަކާ ވަނީ އިތުރު ދެ ލަނޑު ޖަހައިދީފައެވެ. މިއީ ވޯލްޑް ކަޕް ތާރީޚުގައި ފްރާންސް ކޮޅަށް އެއް ހާފެއްގެ ތެރޭގައި 3 ލަނޑަށްވުރެ ގިނައިން ވަން ފުރަތަމަ ފަހަރެވެ.

ދެވަނަ ހާފުގައި ފްރާންސުން ވަނީ މެޗަށް އެނބުރި އައުމަށް ބުރަ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން ކީލިއަން އެމްބާޕޭ ޖެހި ދެ ލަނޑާއި ބާކޯލާގެ ލަނޑާއެކު ނަތީޖާގެ ފަރަގު 4-3 އަށް ކުޑަކުރިއެވެ. މި މެޗުގައި އެމްބާޕޭ ޖެހި ލަނޑާއެކު އޭނާ ވަނީ ވޯލްޑް ކަޕް ތާރީޚުގައި 22 ގޯލާއެކު އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑު ހޯދާފައެވެ. މީގެ އިތުރުން ފްރާންސްގެ އޮލީސޭ 7 އެސިސްޓް ހަމަކޮށް ޕެލޭގެ ރެކޯޑާ އަޅާކިޔާފައިވެއެވެ.

ފްރާންސުން ނަތީޖާގެ ފަރަގު ކުޑަކުރި ނަމަވެސް، އިންގްލެންޑުން ވަނީ މެޗުގެ ފަހުކޮޅު ކުޅުން ވަރުގަދަކޮށްފައެވެ. މެޗުގެ 87 ވަނަ މިނިޓުގައި ލިބުނު ޕެނަލްޓީއަކުން ސަކާ އޭނާގެ ހެޓްރިކް ފުރިހަމަކޮށް 5 ވަނަ ލަނޑު ޖަހައިދިނެވެ. އިތުރު ވަގުތުގައި ފްރާންސްގެ ޑެމްބެލޭ ލަނޑެއް ޖެހި ނަމަވެސް، މެޗު ނިމެން ދަނިކޮށް ބެލިންގހަމް ޖެހި ލަނޑާއެކު އިންގްލެންޑުން ވަނީ 6-4 އިން މެޗު ކާމިޔާބުކޮށްފައެވެ.


ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close