ޚަބަރު

މަސްވެރިން ކިރުވި މަހަށް މި މަހު 15 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފި

މި ހިނގާ ޖުލައި މަހުގެ 1 ވަނަ ދުވަހުން ފެށިގެން 17 ވަނަ ދުވަހުގެ ނިޔަލަށް މަސްވެރިން ކިރުވި މަހަށް 15 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާކަން މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) ގެ ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ.

އެ ކުންފުނިން ހިއްސާކުރި އެންމެ ފަހުގެ މައުލޫމާތުތަކަށް ބަލާއިރު، މި މުއްދަތުގެ ތެރޭގައި މަސްދޯނިފަހަރަށް ޖުމްލަ 15,890,751ރ. (ފަނަރަ މިލިއަން އަށްލައްކަ ނުވަދިހަ ހާސް ހަތްސަތޭކަ ފަންސާސް އެއްރުފިޔާ) ވަނީ ޖަމާކޮށްދީފައެވެ. މީގެ ތެރޭގައި ހިމެނެނީ މެއި މަހުގެ 15 ވަނަ ދުވަހާ ހަމައަށް ކިރުވާފައިވާ މަހަށް ދޫކުރި 2,111,105 ރުފިޔާއެވެ.

މި މަހު ދޫކުރި ފައިސާގެ ބޮޑު ބައެއް ހިއްސާކުރަނީ ކަޅުބިލަމަސް ކިރުވި ދޯނިފަހަރަށެވެ. އެގޮތުން ކަޅުބިލަމަހަށް 15,522,451 ރުފިޔާ ދޫކޮށްފައިވާއިރު، ބޮޑުކަންނެލި ކިރުވި ދޯނިފަހަރަށް ވެސް ވަނީ ފައިސާ ޖަމާކޮށްދީފައެވެ. މީގެ ތެރޭގައި 10 ކިލޯއިން މަތީގެ ބޮޑުކަންނެއްޔަށް 26,100 ރުފިޔާ އަދި 15 ކިލޯއިން މަތީގެ ބޮޑުކަންނެއްޔަށް 342,200 ރުފިޔާ ދޫކޮށްފައިވެއެވެ.

މަސްވެރިންނަށް ގަވާއިދުން ފައިސާ ދޫކުރަމުން މިދަނީ މިހާރުގެ ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ކުރީ ސަރުކާރުން ނުދީ އޮތް 250 މިލިއަނެއްހާ ރުފިޔާގެ ބެކްލޮގް އެއްކޮށް ޚަލާޞްކުރުމަށްފަހުއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގެ ފުރަތަމަ އަހަރުގެ ތެރޭގައި އެ ފައިސާ ދައްކާ ނިންމަވައި، 2024 ވަނަ އަހަރުގެ މަސްވެރިންގެ ދުވަހުން ފެށިގެން މަސް ކިރުވާތާ 48 ގަޑިއިރު ތެރޭގައި ފައިސާ ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސަވައިދެއްވާފައެވެ. މި ބަދަލާއެކު މަސްވެރިކަމުގެ ސިނާއަތަށް ބޮޑު ދިރުމެއް އައިސް، މަސް ކިރުވާ މިންވަރާއި ބޭރުކުރާ މިންވަރު ވެސް ވަނީ އިތުރުވެފައެވެ.

ނިމިދިޔަ 2025 ވަނަ އަހަރަކީ ވެސް މަސްވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ސަރުކާރުން މުހިއްމު ސިޔާސަތުތަކެއް ތަންފީޒުކުރަން ފެށި އަހަރެކެވެ. އެގޮތުން މިފްކޯއިން މަސް ގަންނަ އަގު 20 ރުފިޔާއަށް ބޮޑުކޮށް، މަސްވެރިންނަށް ވިއްކާ ތެލުގެ އަގު 13 ރުފިޔާއަށް ވަނީ ހެޔޮކޮށްދީފައެވެ. މީގެއިތުރުން، ރައީސްގެ ވައުދުފުޅާ އެއްގޮތަށް މިދިޔަ ޖަނަވަރީ މަހުން ފެށިގެން މިފްކޯއިން ވަނީ ބޮޑުކަންނެލި ވެސް ގަންނަން ފަށާފައެވެ. ފުރަތަމަ 15 ކިލޯއިން މަތީގެ ކަންނެލި ގަންނަން ފެށުމަށްފަހު، މިހާރު 10 ކިލޯއިން މަތީގެ ކަންނެލި ވެސް 25 ރުފިޔާގެ ރޭޓުން އެ ކުންފުންޏަށް ދަނީ ބަލައިގަންނަމުންނެވެ.


ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close