އެއާޕޯޓުން އަތުލައިގަތް 8 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ބިދޭސީ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދަށް!

މިދިޔަ މަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އަށް ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު އަތުލައިގަތް ބިދޭސީންގެ ތެރޭގައި ހިމެނޭ އިންޑިއާގެ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދުގައި ބޭތިއްބުމަށް ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފިއެވެ.
މި މައްސަލައިގައި ބަންދުކުރުމަށް އަމުރުކުރީ ބެންގަލޫރުން ރާއްޖެ އައި އުމުރުން 29 އަހަރުގެ މުޙައްމަދު މުސްތާކް ޖަމާލްއާއި 26 އަހަރުގެ ސިރަޖުދީން ރަޝިތާގެ މައްޗަށެވެ.
މި ދެ މީހުން މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ބަލައި ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކުރިއިރު، އެ މީހުން ކޯޓުގައި ބުނެފައިވަނީ އެ ތަކެއްޗަކީ ފައިސާ ދޭނެކަމަށް ބުނެ އެހެން މީހަކު ހަވާލުކުރި އެއްޗެއް ކަމަށެވެ. މިދިޔަ މަހުގެ 9 ވަނަ ދުވަހު މި ދެ ބިދޭސީންގެ ލަގެޖު ކަސްޓަމްސްއިން އެކްސްރޭކޮށް ބެލިއިރު، އޭގެ ފުލުގައި ވަކި ބައެއް ހަދައިގެން ފޮރުވާފައި ހުރި 8.3 ކިލޯގެ މަސްތުވާތަކެތި ވަނީ ފެނިފައެވެ.
މި ބޮޑު މަސްތުވާތަކެތީގެ މައްސަލައިގައި އިންޑިއާގެ ދެ މީހުންގެ އިތުރުން ދިވެހި ތިން ފިރިހެނުންވެސް ވަނީ ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ ލ. ގަން، މުކުރިމަގު ފޭރުގަސްދޮށުގެ، އަޙްމަދު އަފްރާޙް (33އ) އާއި، މާލެ، ހ. ކަހަފަތި، އިލްޔާސް އަޙްމަދު (42އ) ގެ އިތުރުން މާލެ، ގ. ހޭޅި، ޙަސަން ޝަމްޢޫން (36އ) އެވެ. މި ތިން ދިވެހިންގެ ބަންދަށް މިދިޔަ މަހުގެ 25 ވަނަ ދުވަހު ކޯޓުން ވަނީ 30 ދުވަހުގެ މުއްދަތެއް ދީފައެވެ.
ރާއްޖެއަށް ގިނަ އަދަދަކަށް މަސްތުވާތަކެތި އެތެރެކުރާ ފަރާތްތަކަށް މަރުގެ އަދަބު ދެވޭ ގޮތަށް މަސްތުވާތަކެއްޗާބެހޭ ޤާނޫނަށް މިދިޔަ މާރިޗު މަހު ވަނީ އިސްލާހު ގެނެސް އަމަލުކުރަން ފަށާފައެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ނޫން ގޮތަކަށް މަރުގެ އަދަބު ތަންފީޒު ނުކުރެވޭއިރު، އެ ނޫން ހާލަތްތަކުގައި ކުށް ސާބިތުވާ މީހުންނަށް އަންނާނީ އުމުރު ދުވަހުގެ ޖަލު ހުކުމަކާއެކު 100،000 ރުފިޔާއާއި 10 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދެއްގެ ޖޫރިމަނާއެކެވެ.
