ޚަބަރު އެޗްޑީސީން މުވައްޒަފުން ވަކިކުރަނީ ސިޔާސީ ގޮތުން ތައްޔާރުކޮށްފައިވާ ލިސްޓަކަށް: ފައްޔާޒު

އެޗްޑީސީން މުވައްޒަފުން ވަކިކުރަނީ ސިޔާސީ ގޮތުން ތައްޔާރުކޮށްފައިވާ ލިސްޓަކަށް: ފައްޔާޒު

އެޗްޑީސީން މުވައްޒަފުން ވަކިކުރަނީ ސިޔާސީ ގޮތުން ތައްޔާރުކޮށްފައިވާ ލިސްޓަކަށް: ފައްޔާޒު

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ސިޔާސީ ބޭނުމެއްގައި ވަކި ލިސްޓަކަށް ބަލައިގެން، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ގިނަ އަދަދެއްގެ މުވައްޒަފުންތަކެއް ވަޒީފާއިން ވަކިކުރަމުންދާ ކަމަށް ބުނެ އިދިކޮޅު އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ސަރުކާރަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިއީ ވަޒީފާއާ ބެހޭ ގާނޫނުތަކާ ކަނޑައެޅިގެން ޚިލާފަށް ހިންގަމުންދާ އަމަލެއް ކަމަށެވެ.

ކުންފުނިތައް “ރައިޓް ސައިޒް” ކުރުމުގެ ނަމުގައި ސަރުކާރުން މިހާރު ކުރަމުންދާ ހަމައެކަނި ކަމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތުތަކަށް ތާއިދު ނުކުރާ މުވައްޒަފުން ހޯދައި ވަޒީފާއިން ވަކިކުރުން ކަމަށް ފައްޔާޒު ތުހުމަތު ކުރެއްވިއެވެ. މިގޮތުން ވަޒީފާއިން މީހުން ކަނޑަމުންދަނީ ޕީއެންސީގެ މަޖިލިސް މެންބަރުން ތައްޔާރުކޮށްފައިވާ ޚާއްސަ ލިސްޓަކަށް ބަލައިގެން ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

މި ފިޔަވަޅުތަކުގެ ސަބަބުން ކުންފުންޏަށް ގިނަ އަހަރުތަކެއް ވަންދެން ޚިދުމަތްކޮށްފައިވާ ގާބިލު އަދި ތަޖުރިބާކާރު މުވައްޒަފުންގެ ވަޒީފާ ގެއްލެމުންދާ ކަމަށް ފައްޔާޒު ވިދާޅުވިއެވެ. އަދި އެ ގާބިލު މީހުން ވަކިކުރުމަށްފަހު، އެ މަގާމުތަކަށް އައްޔަން ކުރަމުންދަނީ ސަރުކާރަށް ތާއިދުކުރާ ސިޔާސީ އެކްޓިވިސްޓުން ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.

އެމްޑީޕީއަށް ތާއިދުކުރާ އެތައް ސަތޭކަ މުވައްޒަފުންނަކަށް 24 ގަޑިއިރުގެ ނޯޓިސްއެއް ވެސް ނުދީ މަގާމުން ވަކިވުމަށް މަޖުބޫރުކުރުވަމުންދާ ކަމަށް ބުނެ ފައްޔާޒު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ސިޔާސީ ގޮތުން ވަކި ބަޔަކަށް އަމާޒުކޮށްގެން ދެމުންދާ މިފަދަ އަނިޔާތަކުގެ ސަބަބުން އެތައް އާއިލާއެއްގެ އާމްދަނީ އެއްކޮށް ހުއްޓިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވަމުން ފައްޔާޒު ވަނީ، ގާނޫނާ ޚިލާފަށް މުވައްޒަފުން ވަޒީފާއިން ވަކިކުރުމުގައި ބައިވެރިވާ ފަރާތްތަކަށް ކުރިއަށް އޮތް ތަނުގައި ގާނޫނީ ގޮތުން ފިޔަވަޅު އެޅި، ގާނޫނު އަރާ ހަމަކުރާނެ ކަމުގެ އިންޒާރު ވެސް ދެއްވާފައެވެ.


ޓެގް

ފައްޔާޒު އެމްޑީޕީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.