ޚަބަރު

ބޫޓުތެރޭގައި ފޮރުވައިގެން ރާއްޖެއަށް ޑްރަގް އެތެރެކުރި މީހާ، އެއީ މަނާ އެއްޗެއްކަން ނޭނގޭ ކަމަށް ބުނެފި

ރާއްޖެއަށް ލަގެޖުގައި މަސްތުވާތަކެތި އެތެރެކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އިންޑިއާގެ ރައްޔިތަކު، އޭނާ ގެނައި ތަކެއްޗަކީ ރާއްޖޭގައި ބޭނުންކުރުން މަނާ އެއްޗެއްކަން ނޭނގޭ ކަމަށް ބުނެ ކޯޓުގައި ދިފާއުވެއްޖެ އެވެ.

މިދިޔަ މޭ މަހުގެ ތެރޭގައި ހައްޔަރުކުރި އުމުރުން 30 އަހަރުގެ ސޫރަޖް ކަރުވާރުގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާ ބުނީ، އޭނާގެ އަތުން ފެނުނު ތަކެއްޗަކީ އިންޑިއާގައި ބޭނުންކުރުން ހުއްދަ “ހާބަލް” ނުވަތަ ފަތްޕިލާވެލީގެ ބާވަތެއް ކަމަށެވެ. ނަމަވެސް އެ ތަކެތި ފުލުހުންނަށް ފެނިފައިވަނީ އޭނާގެ ލަގެޖުގައި އޮތް ކޮތަޅެއްގެ ތެރޭގައި ހުރި ދެ ޓެނިސް ބޫޓުގެ ކިބައިގެ ތެރޭގައި ފޮރުވާފައި ހުއްޓައެވެ.

ކޯޓު އަމުރުގައިވާ ގޮތުން މިއީ މަސްތުވާތަކެތީގެ ބޮޑު މައްސަލައެއް ނަމަވެސް، އޭނާގެ އަތުން ފެނުނު މަސްތުވާތަކެތީގެ ބާވަތާއި ބަރުދަނެއް ހާމަކޮށްފައެއް ނުވެއެވެ. އަދި އެއީ ރާއްޖޭގައި މަނާ އެއްޗެއްކަން ނޭނގޭ ކަމަށް އޭނާ ބުނި ނަމަވެސް، އެ ތަކެތި ބޫޓު ތެރޭގައި ފޮރުވައިގެން ގެނައި ސަބަބެއް އޭނާއަށް ކޯޓުގައި ސާފުކޮށްދެވިފައެއް ނުވެއެވެ.

މި މައްސަލައިގެ ތަހުގީގަށް މީގެ ކުރިން ވެސް ސޫރަޖްގެ ބަންދުގެ މުއްދަތު އެކި ފަހަރު މަތިން އިތުރުކޮށްފައިވާ އިރު، އިއްޔެ ކޯޓުން ވަނީ އޭނާގެ ބަންދަށް އިތުރު 15 ދުވަސް ޖަހައިދީފައެވެ. ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.


ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close