ޚަބަރު

ޒުވާނުންނަށް ރަހުނަކާ ނުލައި ލޯނު ދޫކުރާ 1 ބިލިއަން ރުފިޔާގެ ބޮޑު މަޝްރޫއެއް ފަށައިފި

ޒުވާން ވިޔަފާރިވެރިންނަށް ހިތްވަރު ދިނުމުގެ ގޮތުން، އެއްވެސް ރަހުނަކާ ނުލައި ލޯނު ދޫކުރާ ބޮޑު މަޝްރޫއެއް “ޔޫތު އެންޓަރޕްރަނަރޝިޕް ފައިނޭންސިންގ” ގެ ނަމުގައި މިއަދު ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.

މިއަދު ފެށުނު “ޔޫތު އެންޓްރަޕްރަނަރސް އެކްސްޕޯ” ގައި މި ފައިނޭންސިންގ ފެސިލިޓީ އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. މި މަޝްރޫއަކީ ދިވެހި ޒުވާނުންނަށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ފެށުމަށާއި، އައު އީޖާދީ ޚިޔާލުތައް ދެމެހެއްޓެނިވި ވިޔަފާރިތަކަކަށް ބަދަލުކުރުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި އެސްއެމްއީ ޑިޖިޓަލް ގުޅިގެން ކުރިއަށްގެންދާ ޖުމްލަ 1 ބިލިއަން ރުފިޔާގެ ބޮޑު ސްކީމެކެވެ.

މި ފެސިލިޓީގެ ދަށުން އުމުރުން 18 އަހަރާއި 30 އަހަރާ ދެމެދުގެ ޒުވާނުންނަށް، އެއްވެސް ރަހުނެއް ނުވަތަ އިކުއިޓީއަކާ ނުލާ 150,000 ރުފިޔާއާ ހަމައަށް ފައިނޭންސިންގ ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މިއީ އަމިއްލަ ވިޔަފާރިއެއް ފަށަން ބޭނުންވާ ޒުވާނުންނަށާއި ފްރީލާންސްކޮށް މަސައްކަތްކުރާ ފަރާތްތަކަށް އެމީހުންގެ މަސައްކަތް ފެށުމަށް ނުވަތަ ފުޅާކުރުމަށް ބޭނުންވާ ރައުސްމާލު ހޯދައިދިނުމަށް ހުޅުވާލެވުނު ރަނގަޅު ފުރުސަތެކެވެ.

މި ސްކީމްގެ ދަށުން ދޫކުރާ ފައިސާގެ ޕްރޮފިޓް ރޭޓަކީ އަހަރަކު 7 އިންސައްތައެވެ. އަދި ލޯނު އަނބުރާ ދެއްކުމަށް 5 އަހަރުގެ މުއްދަތެއް ލިބޭއިރު، މީގެ ތެރޭގައި 6 މަސްދުވަހުގެ ގްރޭސް ޕީރިއަޑެއް ވެސް ހިމެނެއެވެ. މީގެ އިތުރުން، މިއީ ލޯނަށް އެދޭތާ 24 ގަޑިއިރު ތެރޭގައި ގޮތެއް ނިންމައި ފައިސާ ދޫކުރެވޭނެ އަވަސް ފެސިލިޓީއެކެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، މިއަދުގެ ޒުވާން ވިޔަފާރިވެރިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ރާއްޖޭގެ މުސްތަގުބަލަށް ކުރެވޭ އިންވެސްޓްމަންޓެއް ކަމަށެވެ. މި އެއް ބިލިޔަން ރުފިޔާގެ ފައިނޭންސިންގ ސްކީމްގެ ސަބަބުން، ޒުވާނުންގެ ޚިޔާލުތައް އަމަލީ ވިޔަފާރިއަކަށް ބަދަލުކުރުމަށާއި، ދިގުމުއްދަތުގެ ކާމިޔާބީއަށް ބޭނުންވާ ހުނަރާއި ގާބިލުކަން ބިނާކުރުމަށް އެހީތެރިވެދޭނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ބަދުރުއްދީން ޙަސަން ވިދާޅުވި ގޮތުގައި، މި ފެސިލިޓީގެ ސަބަބުން ވިޔަފާރި ފެށުމަކީ ވަރަށް ފަސޭހަ ކަމަކަށް ވެގެންދާނެއެވެ. އަދި ފައިސާގެ އެހީގެ އިތުރުން، އެސްއެމްއީ ޑިޖިޓަލްގެ ފަރާތުން ވިޔަފާރީގެ އަމަލީ އިރުޝާދާއި، މެންޓަރޝިޕް އަދި ތަމްރީނު ފޯރުކޮށްދީ، ދެމެހެއްޓެނިވި ވިޔަފާރިއެއް ބިނާކުރުމުގެ ކޮންމެ މަރުހަލާއެއްގައި އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.  


ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close