ބޭރުދުނިޔެ

އީރާނުން ދެމުންދާ ހަމަލާތައް އަރަބި ގައުމުތަކުން ކުށްވެރިކޮށްފި

އީރާނާއި އެމެރިކާއާ ދެމެދު ހަމަލާތައް ބަދަލުކުރަމުންދާ ދަނޑިވަޅެއްގައި، އަރަބި ގައުމުތަކުން އެ ގައުމުތަކުގެ އަވަށްޓެރި އަދި އެކުވެރި ދައުލަތްތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

ސައުދީ އަރަބިއްޔާގެ ދެކުނުގެ ސަރަހައްދުތަކަށް އަމާޒުކޮށް ފޮނުވާލާ މިސައިލް ހަމަލާތައް އޮމާނުން ވަނީ ކުށްވެރިކޮށްފައެވެ. އެކްސް (ކުރީގެ ޓްވިޓާ) ގައި އޮމާނުން ބުނެފައިވަނީ، ސައުދީގެ އިސްތިގުލާލާއި، ސަލާމަތާއި، އަދި ހަމަޖެހުން ދެމެހެއްޓުމަށް އެ ގައުމުން އަޅަމުންދާ ފިޔަވަޅުތަކަށް ފުރިހަމައަށް ތާއީދުކުރާ ކަމަށެވެ. އަދި ޔަމަނުގެ ހުރިހާ ފަރާތްތަކުންވެސް ކެތްތެރިކަން އިސްކޮށް، މިހާރު އޮތް ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް އިހުތިރާމްކުރުމަށާއި، އދ. ގެ ބެލުމުގެ ދަށުން ސިޔާސީ މަޝްވަރާތައް އަލުން ފެށުމަށްވެސް އޮމާނުން ގޮވާލާފައިވެއެވެ.

މީގެ އިތުރުން ގަތަރުން ބުނެފައިވަނީ، ހޫޘީން ސައުދީ އަރަބިއްޔާގެ ދެކުނުގެ ސަރަހައްދުތަކަށް ބެލިސްޓިކް މިސައިލުން ދޭ ހަމަލާތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

އީރާނުން ބަހުރޭނާއި އުރުދުންއަށް އަމާޒުކޮށް މިސައިލާއި ޑްރޯން ބޭނުންކޮށްގެން ދޭ ހަމަލާތައް ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) އިން ވެސް ވަނީ ކުށްވެރިކޮށްފައެވެ. ޔޫއޭއީގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިއީ އަޚުވަންތަ ގައުމުތަކުގެ ސިޔާދަތަށް އަރައިގަތުމުގެ އަމަލެއް ކަމަށާއި، މިއީ އެ ގައުމުތަކުގެ ސަލާމަތާއި ހަމަޖެހުމަށް އޮތް ބޮޑު ނުރައްކަލެއް ކަމަށެވެ. އަދި ބަހުރޭނާއި އުރުދުންއާއެކު ސާބިތުކަމާއެކު އޮތްކަން ޔޫއޭއީން ވަނީ ހާމަކޮށްފައެވެ.

މިއާއެކު، ގަލްފް ކޯޕަރޭޝަން ކައުންސިލް (ޖީސީސީ) ގެ ސެކްރެޓަރީ ޖެނެރަލް ޖާސިމް އަލްބުދައިވީ ވަނީ ޔޫއޭއީގެ ތެޔޮ ޓޭންކަރުތައް ކަމަށްވާ ‘މޮމްބާސާ’ އަދި ‘އަލް ބަހިއްޔާ’ އަށް އަމާޒުކޮށް އީރާނުން ދިން ހަމަލާތައް ކުށްވެރިކުރައްވާފައެވެ. މި ހަމަލާތަކުގެ ސަބަބުން ފަޅުވެރިއަކު މަރުވެ، އިތުރު ބަޔަކަށް އެކިވަރުގެ އަނިޔާ ލިބިފައިވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close