ޚަބަރު

މަޤާމުން އިސްތިއުފާ ދެއްވިފަހުން ދިއްގަރު ދާއިރާގެ މެންބަރު ނާޒިމް ފުރަތަމަ ފަހަރަށް މަޖިލީހުގެ ތަޅުމަށް!

މަގާމުން ވަކިކުރުމުގެ މައްސަލައެއް ކުރިމަތިވުމާއެކު ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުގެ ގޮނޑި ދޫކޮށްލެއްވި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް، ގާތްގަނޑަކަށް ދޮޅުމަހެއްހާ ދުވަހުގެ މެދުކެނޑުމަކަށްފަހު އަލުން މަޖިލީހުގެ ތަޅުމުން ފެނިވަޑައިގެންފިއެވެ.

ވެރިކަން ކުރާ ޕީއެންސީގެ ފަރާތުން އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމާ ގުޅިގެން މިދިޔަ މޭ މަހުގެ ފަހުކޮޅު މަގާމުން އިސްތިއުފާ ދެއްވިފަހުން، ނާޒިމް ވަނީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބައިވެރިވެވަޑައިގެން ފުރަތަމަ ފަހަރަށް ވޯޓުގައި ބައިވެރިވެވަޑައިގަންނަވަން ފަށްޓަވާފައެވެ.

ނާޒިމް އެނބުރި މަޖިލީހުގެ ތަޅުމަށް ވަޑައިގެންފައި މިވަނީ، ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ ޗުއްޓީއަށްފަހު ޖަލްސާތައް މިމަހުގެ ހަވަނަ ދުވަހު އަލުން ފެށި ފަހުންނެވެ. މިއަދުގެ ޖަލްސާގައި އޭނާ ވަނީ މަޖިލީހަށް ހުށަހެޅިފައިވާ މުހިންމު ދެ ބިލަކަށް ވޯޓު ދެއްވާފައެވެ. ނަމަވެސް، މަޖިލީހުގައި މިއަދު ކުރިއަށްދިޔަ ބަހުސްތަކުގައި އޭނާ އެއްވެސް މިންވަރަކަށް ވާހަކަދައްކަވާފައެއް ނުވެއެވެ.

ނާޒިމް މަޖިލީހުގެ ނައިބު ރައީސްކަމުން ވަކިކުރުމަށް ހުށަހެޅި ގަރާރުގައި އޭނާގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވީ ނަމަވެސް، އޭނާ ވަނީ އެ ހުރިހާ ތުހުމަތުތަކެއް ސިފަކުރެއްވީ އެއްވެސް އަސާސެއް ނެތް ކަންތައްތަކެއްގެ ގޮތުގައެވެ. މަގާމުން އިސްތިއުފާ ދެއްވުމަށްފަހު ނެރުއްވި ބަޔާނުގައި ނާޒިމް ވިދާޅުވެފައިވަނީ އޭނާއާ ދެކޮޅަށް ހުށަހެޅި ގަރާރުގައި، ކޮށްފައިވާ ތުހުމަތުތައް ސާބިތުކޮށްދޭނެ އެއްވެސް ހެއްކެއް ނުވަތަ ގަރީނާއެއް ނެތް ކަމަށެވެ.

މި މައްސަލައާ ގުޅިގެން ނާޒިމަށް ވަނީ ސިޔާސީ ގޮތުން ބޮޑެތި ލޮޅުންތަކެއް އަރާފައެވެ. އެގޮތުން މަޖިލީހުގެ އެންމެ ނުފޫޒުގަދަ ދެ ކޮމިޓީ ކަމަށްވާ މާލިއްޔަތު ކޮމިޓީއާއި 241 ކޮމިޓީގެ މެންބަރުކަމުން އޭނާ ވަކިކޮށްފައިވާއިރު، ވެރިކަންކުރާ ޕީއެންސީގެ ތެރޭގައި އޭނާ ފުރުއްވަމުން ގެންދެވި ދިއްގަރު ދާއިރާގެ ރައީސްކަމުގެ މަގާމުންވެސް ވަނީ ދުރުކޮށްފައެވެ.


ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close