ޚަބަރު

މެލޭޝިޔާގެ އަލް-ބުހާރީ ޔުނިވާސިޓީން ދިވެހިންނަށް ދޭ 20 ސްކޮލަޝިޕަކަށް އަދާލަތުން ފުރުސަތު ހުޅުވާލައިފި

މެލޭޝިޔާގެ އަލް-ބުހާރީ އިންޓަނޭޝަނަލް ޔުނިވާސިޓީން ދިވެހި ދަރިވަރުންނަށް ލިބިފައިވާ 20 ސްކޮލަޝިޕަކަށް ކުރިމަތިލުމުގެ ފުރުސަތު އަދާލަތު ޕާޓީން ހުޅުވާލައިފިއެވެ.

މިއީ މާލީ ގޮތުން ދަތިތައް ކުރިމަތިވެފައިވާ އާއިލާތަކުގެ ކުދިންނަށް މަތީ ތައުލީމުގެ މަގު ފަހިކޮށްދިނުމަށް ލިބުނު ރަނގަޅު ފުރުސަތެއް ކަމަށް އެ ޕާޓީން ބުނެއެވެ.

މި ސްކޮލަޝިޕްތަކަށް އެދި ހުށަހެޅުމުގެ އެންމެ ފަހު ސުންގަޑިއަކީ މި ހިނގާ ޖުލައި މަހުގެ 25 ވަނަ ދުވަހެވެ. މީގެ ދަށުން ކިޔެވުމުގެ ފުރުސަތު ލިބިގެންދާނީ މައިގަނޑު ތިން ދާއިރާއަކުންނެވެ. އެއީ ވިޔަފާރީގެ ދާއިރާ، ތައުލީމީ އަދި އިޖުތިމާއީ ސައިންސްގެ ދާއިރާ، އަދި ކޮމްޕިއުޓިންގް (އައިޓީ، ޑާޓާ ސައިންސް އަދި ސައިބާ ސެކިއުރިޓީ) އެވެ.

ކުރިމަތިލާ ދަރިވަރުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި އުމުރުން 17 އަހަރާއި 23 އަހަރާ ދެމެދުގެ މީހަކަށްވުމާއި، ކައިވެނިކޮށްގެން އުޅޭ މީހަކަށް ނުވުން ހިމެނެއެވެ. މީގެ އިތުރުން ގްރޭޑް 12 ނުވަތަ އެއާ އެއްފެންވަރުގެ ސަނަދެއް އޮތުމާއެކު، ސީޖީޕީއޭ 2.8 އަށް ވުރެ ދަށްނުވުން (ކޮމްޕިއުޓިންގް ދާއިރާއަށް ނަމަ 3.0 އަށް ވުރެ ދަށްނުވުން) ލާޒިމް ކުރެއެވެ. އަދި އައިއެލްޓީއެސް ނުވަތަ ޓޯފުލް ފަދަ އިނގިރޭސި ބަހުގެ ފެންވަރު ދެނެގަންނަ އިމްތިހާނެއް ހަދާފައިވުމާއެކު، މިވަގުތު އެހެން އެއްވެސް ތަނެއްގައި މަތީ ތައުލީމު ހާސިލުކުރަމުންދާ ކުއްޖަކަށް ވެގެންނުވާނެއެވެ.

ޔުނިވާސިޓީން ކިޔެވުމާއި ދިރިއުޅުމުގެ ބޮޑުބައެއްގެ ހަރަދުތައް ބަލަހައްޓައިދިން ނަމަވެސް، ބައެއް އަމިއްލަ ހަރަދުތައް ދަރިވަރުން އަމިއްލައަށް އުފުލަންޖެހެއެވެ. އެގޮތުން ވިސާ ފީއާއި، މެލޭޝިޔާއަށް ދިއުމުގެ ޓިކެޓް އަދި ސެކިއުރިޓީ ޑިޕޮޒިޓްގެ ގޮތުގައި ދައްކަންޖެހޭ 294 ޑޮލަރު ހަމަޖައްސަންޖެހޭނީ ދަރިވަރު އަމިއްލައަށެވެ.

މި ފުރުސަތަށް ކުރިމަތިލާން އެދޭ ފަރާތްތަކުން އައިޑީ ކާޑުގެ ކޮޕީ، ސީވީ، އެޓެސްޓްކޮށްފައިވާ ސެޓްފިކެޓްތަކުގެ އިތުރުން ބެލެނިވެރިންގެ އާމްދަނީ ބަޔާންކުރާ ލިޔުންތައް [email protected] އަށް އީމެއިލް ކުރަންޖެހެއެވެ. ދަރިވަރުން ހޮވުމުގައި މާލީ އެހީތެރިކަމަށް އެންމެ ބޮޑަށް ބޭނުންޖެހިފައިވާ ކުދިންނަށް އިސްކަންދެވޭނެ ކަމަށް އަދާލަތު ޕާޓީން މައުލޫމާތުދެއެވެ.


ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close