ތަޢުލީމީ ސިޔާސަތަށް ގެނައި ބަދަލާއެކު ސައިންސް ދާއިރާގެ ދަރިވަރުން އިތުރުވާނެ: މިނިސްޓަރު

ސަރުކާރުން ތަޢުލީމީ ސިޔާސަތުތަކަށް ގެނައި ބަދަލުތަކާއެކު، ކުރިއަށް އޮތް ދެތިން އަހަރު ދުވަހުގެ ތެރޭގައި ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާއިން މަތީ ތަޢުލީމު ހާސިލްކުރާ ދަރިވަރުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެގެންދާނެ ކަމަށް ތައުލީމާއި، މަތީ ތަޢުލީމާއި، މަސައްކަތްތެރިކަމާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.
ހުޅުމާލޭ ސީއެޗްއެސްސީ ހޯލުގައި ބޭއްވި މަތީ އަރުތަވެރިންގެ އިނާމު ދިނުމުގެ ޖަލްސާގެ ހަތަރުވަނަ ދަންފަޅީގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، މިހާރު ގެނެވުނު އިސްލާހީ ބަދަލުތަކުގެ ހެޔޮ ނަތީޖާ ކުރިއަށް އޮތް ތަނުގައި ޤައުމުގެ ތަޢުލީމީ ދާއިރާއިން ފެންނަން ފަށާނެ ކަމަށެވެ.
ރާއްޖޭގައި މިވަގުތު ހިލޭ ޑިގްރީއާއި، ސްކޮލަރޝިޕް އަދި ލޯނު ޕްރޮގްރާމުތަކުގެ އެހީގައި 28,000 އަށްވުރެ ގިނަ ދަރިވަރުން މަތީ ތަޢުލީމު ހާސިލުކުރަމުންދާއިރު، އޭގެ ތެރެއިން ސައިންސާއި ޓެކްނޮލޮޖީ ދާއިރާ އިޚްތިޔާރުކޮށްފައިވަނީ އެންމެ 11 އިންސައްތަ ކުދިންކަން ވަޒީރު ފާހަގަކުރެއްވިއެވެ. މިގޮތަށް ދިމާވާން މެދުވެރިވީ ކުރީގެ ސަރުކާރުން ސާނަވީ ތަޢުލީމުގައި ހިސާބު މާއްދާ މަޖުބޫރު ނޫން މާއްދާއެއްގެ ގޮތުގައި ދޫކޮށްލުމުން ކަމަށާއި، ނަމަވެސް މި ސަރުކާރުން އަލުން ހިސާބު މާއްދާ މަޖުބޫރުކުރުމުން އެކަން ބަދަލުވެގެންދާނެ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން މަތީ ސާނަވީއަށް ކިޔަވާ ކުދިންގެ ނިސްބަތް އިތުރުވަމުންދާކަން ހާމަކުރައްވަމުން ވަޒީރު ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ގްރޭޑް 10 ނިންމާ ކުދިންގެ ތެރެއިން މަތީ ސާނަވީއަށް ދަނީ 34 އިންސައްތަ ކުދިން ކަމަށެވެ. ނަމަވެސް ފާއިތުވި ދެ އަހަރެއްހާ ދުވަހު ކުރެވުނު މަސައްކަތުން އެ ނިސްބަތް މިހާރު 48 އިންސައްތައަށް އުފުލިފައިވާ ކަމަށާއި، ސަރުކާރުގެ އަމާޒަކީ 2028 ވަނަ އަހަރާ ހަމައަށް އެ އަދަދު 65 އިންސައްތައަށް މަތިކުރުން ކަމަށްވެސް ވިދާޅުވިއެވެ.
ދަރިވަރުންގެ މެދުގައި ހުނަރާއި ޢިލްމުގެ އިތުރުން ރިވެތި އަޚްލާޤު އަށަގެންނެވުމަށް ސަރުކާރުން ފައްޓަވާފައިވާ “ބިންގާ” ޕްރޮގްރާމުގެ ކާމިޔާބީއަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، މިއަހަރުގެ މިހާތަނަށް އެ ޕްރޮގްރާމުގެ ދަށުން 39,400 އަށްވުރެ ގިނަ ހަރަކާތްތައް ހިންގިފައިވާ ކަމަށެވެ.
މަތީ ތަޢުލީމީ މަރުހަލާގައި ކިޔަވާނެ ދާއިރާއެއް އިޚްތިޔާރުކުރުމުގެ ކުރިން ރާއްޖޭގެ ވަޒީފާގެ ބާޒާރަށް ބެލުމަށް ދަރިވަރުންނަށް އިލްތިމާސްކުރައްވަމުން، ރައްޔިތުންގެ ފައިސާއިން ތަޢުލީމު ހާސިލުކުރުމަށްފަހު ޤައުމަށް ޚިދުމަތްކުރުމުގެ މުހިންމުކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ކުދިންގެ ކާމިޔާބީގައި އާއިލާގެ ފަރާތުން ގޭތެރެއިން ލިބޭ އެއްބާރުލުމަކީ ނުހަނު ބޭނުންތެރި ކަމެއް ކަމަށްވެސް ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވިއެވެ.

