ޚަބަރު

ގަމުން ސައުދީއަށް ސީދާ އުމްރާ ދަތުރުތައް ފަށައިފި

އައްޑޫ ސިޓީގެ ގަން އިންޓަނޭޝަނަލް އެއާޕޯޓުން ސައުދީ އަރަބިއްޔާއަށް ސީދާ ފްލައިޓްތަކެއްގައި އުމްރާވެރިން އުދުހެން ފެށުމާއެކު، ރާއްޖޭގެ ދެކުނުގެ އަތޮޅުތަކުގެ ދަތުރުފަތުރުގެ ތާރީޚުން މިއަދު އާ ސަފުހާއެއް ހުޅުވިގެން ހިނގައްޖެއެވެ.

މާލެއަށް ބަރޯސާވުމެއް ނެތް ގޮތަށް، ދެކުނުގެ ރަށްތަކަށް އަމާޒުކޮށްގެން ފެށި މި ދަތުރުތަކުގެ ފުރަތަމަ ފްލައިޓް ރޭ ދަންވަރު 12:30 ގައި ގަމުން ފުރާފައިވަނީ ގިނަ އަދަދެއްގެ އުމްރާވެރިންނާއެކުގައެވެ.

މި ތާރީޚީ ދަތުރުގެ ބައިވެރިން ސައުދީގެ ޖިއްދާއަށް ގެންގޮސްދިނީ ގައުމީ އެއާލައިން، މޯލްޑިވިއަންގެ އޭ330 (A330) މަރުކާގެ ބޮޑު މަތިންދާބޯޓުގައެވެ. ރާއްޖޭގެ ދެކުނުން ސީދާ ސައުދީއަށް ކުރި މި ފުރަތަމަ ދަތުރު އިންތިޒާމުކޮށްފައިވަނީ އަމިއްލަ އުމްރާ ގުރޫޕެއް ކަމަށްވާ “ޓްރެވަލާ” ގެ ފަރާތުންނެވެ.

މި ފަހަރުގެ ދަތުރުގައި އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ، އުމްރާވެރިންގެ ތެރޭގައި ހަމައެކަނި އައްޑޫ ސިޓީއަށް ނިސްބަތްވާ މީހުންގެ އިތުރުން، ފުވައްމުލައް ސިޓީ އަދި ހުވަދު އަތޮޅުގެ ރަށްތަކުން ދަތުރުކުރި ގިނަ އަދަދެއްގެ ބަޔަކުވެސް ހިމެނުމެވެ. މިއީ މާލެއަށް ނުގޮސް، އަމިއްލަ ސަރަހައްދުން ފުރައިގެން ރޫހާނީ މި މުގައްދަސް ދަތުރު ފުރިހަމަކުރުމަށް އެ ސަރަހައްދުގެ ރައްޔިތުންނަށް ލިބުނު ބޮޑު ލުޔެކެވެ.

މި އިންތިޒާމު ކުރިއަށް އޮތް ތަނުގައިވެސް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް ރޭވިފައިވާކަން ހާމަކުރަމުން، “ޓްރެވަލާ” ގުރޫޕުން ބުނެފައިވަނީ ގަމުން ސައުދީއަށް ކުރާ މިފަދަ ދެވަނަ އުމްރާ ދަތުރު އަންނަ ޑިސެމްބަރު މަހުގެ ތެރޭގައި ބޭއްވުމަށް މިހާރު ތައްޔާރުވަމުންދާ ކަމަށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close