ޚަބަރު

ރަހިމުގެ ކެންސަރު ދުރާލައި ދެނެގަތުމުގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރަނީ

ރާއްޖޭގައި އަންހެނުންނަށް ޖެހޭ ކެންސަރުގެ ބާވަތްތަކުގެ ތެރެއިން ދެވަނައަށް އެންމެ އާންމު އަދި ކޮންމެ އަންހެނަކަށްވެސް މި ބަލީގެ ނުރައްކާ އޮތް ރަހިމުގެ ދޮރަށް ޖެހޭ ކެންސަރު (ސާރވިކަލް ކެންސަރު) ދުރާލައި ދެނެގަތުމަށް ބޭނުންވާ ޓެސްޓްތައް ހެދުމުގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ބަލިތަކުން ރައްކާތެރިވުމަށާއި، ކުރިއާލައި ބަލި ދެނެގަނެ ފަރުވާގެ ނިޒާމު ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، މި ޚިދުމަތް ރާއްޖޭގެ ހުރިހާ ހޮސްޕިޓަލެއްގައި ޤާއިމުކުރުމަށް ވަނީ އަމާޒު ހިފާފައެވެ.

މިކަމާ ގުޅޭގޮތުން ސިއްޙަތާއި އާއިލާއާއި އިޖުތިމާޢީ އެހީއާއި ބެހޭ ވަޒީރު ޤީލާ އަލީ ރައްޔިތުންގެ މަޖިލީހުގައި ވާހަކަދައްކަވަމުން ވިދާޅުވީ، މާލޭގެ އިތުރުން އަތޮޅުތެރޭގައިވެސް ކެންސަރަށް ސްކްރީން ކުރުމުގެ މަސައްކަތްތައް ބާރަށް ކުރިއަށްދާ ކަމަށެވެ. އެގޮތުން އުރަމަތީގެ ކެންސަރު ދެނެގަތުމަށް ހަދާ މެމޯގްރާމްގެ ޚިދުމަތް މެދުވެރިކޮށް މިހާތަނަށް 750 އަށްވުރެ ގިނަ މީހުން ޓެސްޓްކޮށްފައިވާއިރު، އިތުރު ތިން އަތޮޅެއްގައި މި ޚިދުމަތް ފެށުމުގެ ތައްޔާރީތައް ވަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި ސްކްރީން ކުރުމާއި ޑޮކްޓަރަށް ދެއްކުމުގެ ނިޒާމު ފުޅާވުމުގެ ސަބަބުން މިހާރު ބަލީގެ ކުރީކޮޅު ދެނެގަނެވި، އަވަހަށް ފަރުވާ ފެށުމުގެ ފުރުޞަތު ވަނީ ބޮޑުވެފައެވެ. ތަފާސްހިސާބުތަކަށް ބަލާއިރު، 2025 ވަނަ އަހަރު ކީމޯތެރަޕީގެ ފަރުވާ ހޯދި މީހުންގެ ތެރެއިން ގިނަ ބަޔަކު ފަރުވާ ލިބިގަތީ ރާއްޖޭގައި ތިބެގެންނެވެ. އެގޮތުން ބޭރުން ފަރުވާ ހޯދީ އެންމެ 39 މީހުން ކަމަށްވާއިރު، 655 މީހަކު ވަނީ ރާއްޖެއިން މި ޚިދުމަތް ހޯދާފައެވެ.

ގުޅުންހުރި ލިޔުންތައް

ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒަކީ ކެންސަރު ބައްޔަށް ޚާއްޞަ ހޮސްޕިޓަލެއް ރާއްޖޭގައި ތަރައްޤީކުރުމެވެ. މި ހޮސްޕިޓަލާއެކު ޕެޓް ސްކޭނާއި ރޭޑިއޭޝަން ފަރުވާގެ ޚިދުމަތް ރާއްޖެއިން ލިބެން ފެށުމުން، ބަލިމީހުން ފަރުވާއަށް ރާއްޖެއިން ބޭރަށް ދާންޖެހޭ ޖެހުމަށް ނިމުމެއް އައިސް، އާންމު ރައްޔިތުންނަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.

ރަހިމުގެ ދޮރަށް ޖެހޭ ކެންސަރަކީ އާންމުކޮށް އުމުރުން 30 އަހަރުން މަތީގެ އަންހެނުންނަށް ޖެހޭ ބައްޔަކަށްވުމުން، ކުރިއަރާފައިވާ ޤައުމުތަކުގައި ޤަވާއިދުން ޕެޕްސްމިއަރ ޓެސްޓް ހެދުމަށް ބޮޑު އިސްކަމެއް ދެއެވެ. މި ބަލިން ސަލާމަތްވުމަށް އެޅޭ އެންމެ މުހިއްމު ފިޔަވަޅަކީ ސްކްރީން ކުރުން ކަމަށްވާއިރު، ކެންސަރަށް ބަދަލުވުމުގެ ކުރިން ނުވަތަ ބަލީގެ ކުރީކޮޅު ދެނެގަނެވިއްޖެނަމަ، ފަރުވާދީގެން ގިނަ ބައެއްގެ ފުރާނަ ސަލާމަތްކުރުމުގެ ފުރުޞަތު ލިބެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close