ޚަބަރު

ރާއްޖޭގައި ހިމަބިހި ފެތުރެމުންދާތީ ޔުނިސެފުން 28,000 ޑޯޒްގެ ވެކްސިން ހަދިޔާކޮށްފި

ރާއްޖޭގައި ހިމަބިހި (މީސަލްސް) ޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާ މި ދަނޑިވަޅުގައި، ބަލި ކޮންޓްރޯލް ކުރުމަށް ކުރެވޭ މަސައްކަތްތަކަށް އެހީތެރިވުމުގެ ގޮތުން ޔުނައިޓެޑް ނޭޝަންސް އިންޓަރނޭޝަނަލް ޗިލްޑްރަންސް އެމަޖެންސީ ފަންޑް (ޔުނިސެފް) އިން 28,000 ޑޯޒްގެ މީސަލްސް ރުބެއްލާ (އެމްއާރް) ވެކްސިނާއި ސިއްޙީ ބައެއް ސާމާނު ދިވެހި ސަރުކާރަށް މިއަދު ހަދިޔާކޮށްފިއެވެ.

ސިއްޙީ ވުޒާރާގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ދިވެހި ސަރުކާރުގެ ފަރާތުން މި އެހީއާ ހަވާލުވެވަޑައިގަތީ ހެލްތް މިނިސްޓަރު ގީލާ އަލީއެވެ. އަދި ޔުނިސެފްގެ ފަރާތުން މި ތަކެތި ރަސްމީކޮށް ހަވާލުކޮށްދެއްވީ އެ ޖަމްއިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު ޑރ. އެޑްވާޑް އަޑާއީއެވެ.  

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ގީލާ އަލީ ވިދާޅުވީ، ޔުނިސެފުން ވެދެއްވި މި ދީލަތި އެހީއަކީ ރާއްޖޭގައި މިހާރު ފެތުރެމުންދާ ހިމަބިއްސާ ދެކޮޅަށް ކުރާ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި މި ބަލިމަޑުކަމުން ރައްކާތެރިވުމަށް ލިބުނު އެންމެ ވަރުގަދަ ހަތިޔާރަކީ މީސަލްސް ރުބެއްލާ ވެކްސިނާއި އެއާ ގުޅޭ ސާމާނު ކަންވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.  

ޔުނިސެފްގެ އިތުރުން، ދާދިފަހުން އިންޑިއާ ސަރުކާރުންވެސް ވަނީ ހިމަބިހިން ރައްކާތެރިވުމަށް 20,000 ޑޯޒުގެ މީސަލްސް ވެކްސިން ރާއްޖެއަށް ހަދިޔާކޮށްފައެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖޭން 121 މީހަކު ހިމަބިއްސަށް ޕޮޒިޓިވްވެފައިވާއިރު، އޭގެ ތެރެއިން 55 ކޭސް ފެނިފައިވަނީ ހަމައެކަނި މިދިޔަ ހަފުތާގެ ތެރޭގައެވެ. ބަލި ފެތުރުން ހުއްޓުވުމަށްޓަކައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދަނީ ކޮންޓެކްޓް ޓްރޭސިންގ ހެދުމާއި، ލެބޯޓްރީ ޓެސްޓްތައް އިތުރުކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރަމުންނެވެ.

ހިމަބިހިން ރައްކާތެރިވުމަށް ވެކްސިން ދިނުމުގެ ގައުމީ މަސައްކަތުގެ ދަށުން، މިހާތަނަށް ޖުމްލަ 5,495 މީހުންނަށް ވެކްސިން ދެވިފައިވާ ކަމަށް ހެލްތު މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close