ޚަބަރު

އަރަބިއްޔާގެ އާ އިމާރާތުގައި އަންނަ އަހަރު ކިޔަވައިދޭން ފެށޭނެ ކަމަށް މިނިސްޓަރު ވިދާޅުވެއްޖެ

އަރަބިއްޔާ ސްކޫލުގެ އާ އިމާރާތް ބިނާކުރުމުގެ މަޝްރޫއު ތާވަލާ އެއްގޮތަށް ކުރިއަށްދާ ކަމަށާއި، އަންނަ އަހަރުގެ ތެރޭގައި އެތަނުގައި ކިޔަވައިދޭން ފެށޭނެ ކަމުގެ އުންމީދު ބޮޑުކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ފާހަގަކުރެއްވީ، މިހާރު ރޭވިފައިވާ ގޮތަށް މަސައްކަތް ކުރިއަށްދާ ނަމަ މިއަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި އިމާރާތް ކުރުމުގެ ހުރިހާ ކަމެއް އެއްކޮށް ނިންމާލެވޭނެ ކަމަށެވެ.

މާލޭގެ ކުރީގެ ކުނިކޮށި ހިންގި ބިމުގައި ކުރިއަށްދާ މި ބިޔަ މަޝްރޫއު ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ) އާ ހަވާލުކޮށްގެން އަމަލީ މަސައްކަތް ފަށާފައިވަނީ 17 ނޮވެމްބަރު 2024 ގަ އެވެ. ދައުލަތުގެ ބަޖެޓުން 152.9 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހިންގާ މި މަޝްރޫއަކީ 18 މަސްދުވަހުގެ ތެރޭގައި ނިންމުމަށް އެ ކުންފުންޏާ ހަވާލުކޮށްފައިވާ މަސައްކަތެކެވެ. މި އިމާރާތް ފަރުމާކޮށްފައިވަނީ 40 ކްލާސްރޫމާއި، ބޭސްމެންޓް ޕާކިންގް ޒޯނެއްގެ އިތުރުން ޓާފް ދަނޑަކާއި، އޭސީ އަދި ސޯލާ ޕެނަލް ހަރުކުރެވޭނެ ފަދަ ޒަމާނީ ވަސީލަތްތަކާ އެކުގަ އެވެ.

ކުރީގެ ސަރުކާރުން ބާ ޖަމާލުއްދީން ހުރި ބިމުގައި 168.5 މިލިއަން ރުފިޔާ އަށް އަމިން ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެން ކުރިއަށްގެންދަން އުޅުނު މި މަޝްރޫއަށް، މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ވަނީ ބޮޑެތި ބަދަލުތަކެއް ގެންނަވާފަ އެވެ. އެގޮތުން ސްކޫލް އަޅާނެ ބިމާއި އިމާރާތުގެ ޑިޒައިނަށް ބަދަލުތަކެއް ގެނެސް، މިހާރުގެ ސަރުކާރުން ނިންމީ ކުރީގެ ކުނިކޮށި ހުރި ބިމުގައި މި ސްކޫލް އިމާރާތް ކުރުމަށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close