ޕޭޕަލްގެ ލިންކުތަކާއެކު ރާއްޖޭގެ ތިން ހާހަށްވުރެ ގިނަ ސްޓާޓަޕްތަކަށް އާ ދިރުމެއް

ބައިނަލްއަގުވާމީ މާލީ މުއާމަލާތްތައް ހިންގުމަށް ފަހި ފުރުސަތުތަކެއް ހުޅުވި، ރާއްޖެއަށް ޕޭޕަލްގެ ޚިދުމަތް ތައާރަފްކުރި ފަހުން މިހާތަނަށް ތިން ހާހަށްވުރެ ގިނަ ސްޓާޓަޕްތަކުން އެ ނިޒާމާ ގުޅިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ހާމަކުރައްވައިފިއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ވިދާޅުވީ، ޖުމްލަ 3,280 ސްޓާޓަޕެއް ޕޭޕަލްއާ ލިންކުކޮށްފައިވާ އިރު، އޭގެ ތެރެއިން 2,159 ވޮލެޓެއް މިހާރުވެސް އެކްޓިވޭޓް ކުރެވިފައިވާ ކަމަށެވެ.
މި ބައްދަލުވުމުގައި މިނިސްޓަރު ސައީދު ވަނީ ރާއްޖޭގައި ޕޭޕަލްގެ ޚިދުމަތް ނެތް ކަމަށް ދެއްކުމަށް ބައެއް ފަރާތްތަކުން ކުރަމުންދާ މަސައްކަތްތަކަށް ފާޑުވިދާޅުވެފައެވެ. ސިޔާސީ ގޮތުން ސަރުކާރާ ޚިޔާލުތަފާތުވާ ފަރާތްތަކުން އެ ޚިދުމަތް ރާއްޖެއަށް ނުގެނެވޭ ކަމަށް ދައްކަން އުޅުނު ނަމަވެސް، ޕޭޕަލްގެ ޚިދުމަތް މިހާރު ރާއްޖޭގައި ރަސްމީކޮށް ލިބެމުންދާ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.
ރާއްޖެއަކީ ކުޑަ ގައުމަކަށް ވުމުން މިފަދަ ބައިނަލްއަގުވާމީ ޚިދުމަތެއް ނުލިބޭނެ ކަމަށް ކުރިން ގިނަ ބަޔަކު ގަބޫލުކުރި ނަމަވެސް، މިހާރު އެ ހުރަސްތައް ނައްތާލެވިފައިވާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި މިއީ ހަމައެކަނި ފެށުމެއް ކަމަށާއި، ކުރިއަށް އޮތް ތަނުގައި ޕޭޕަލްގެ އިތުރު ގިނަ އޮޕްޝަންތަކާއި ޚިދުމަތްތައް ވަގުތާއެކު ފުޅާވަމުންދާނެ ކަމަށްވެސް ވިދާޅުވިއެވެ.
ސަރުކާރުން ދެކޭގޮތުގައި މި ބަދަލަކީ ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށާއި، އަލަށް އުފެދޭ ސްޓާޓަޕްތަކަށް މާލީ މުއާމަލާތްތައް ހިންގުމުގައި ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެކެވެ.



