ޚަބަރު

ފުލުހުންގެ ޚިދުމަތަށް ހުރި ގާނޫނީ ހުރަސްތައް ނައްތާލައްވާނެކަމަށް ރައީސް ވިދާޅުވެއްޖެ

ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ފުލުހުންނަށް ކުރިމަތިވާ ގާނޫނީ ހުރަސްތައް ނައްތާލުމަށްޓަކައި ފުލުހުންގެ ގާނޫނަށް ބޮޑެތި ބަދަލުތަކެއް ގެނެސްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުގެ 93 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ރޭ ބޭއްވި ޖަލްސާގައި، ރައީސް މުއިއްޒު ދެއްކެވި ވާހަކަފުޅުގައި ފާހަގަކުރެއްވި ގޮތުގައި، މިހާރު ގާނޫނު ބައްޓަންވެފައި އޮތް ގޮތުން ރައްޔިތުންނަށް އެންމެ ފުރިހަމައަށް ޚިދުމަތް ދިނުމުގައި ދަތިތަކެއް އެބަހުއްޓެވެ. އެހެންކަމުން، ފުލުހުންގެ މުއައްސަސާއިން ކުރާ ދިރާސާތަކަށް ބިނާކޮށް، ޚިދުމަތް ހަރުދަނާކުރުމަށްޓަކައި ގާނޫނަށް ގެންނަންޖެހޭ ކޮންމެ ބަދަލަކަށް ސަރުކާރުން ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ. ރައީސް ވިދާޅުވީ ފުލުހުންނަކީ ކޮންމެ ދުވަހަކު ގައުމުގެ އަމަންއަމާންކަން ދެމެހެއްޓުމަށްޓަކައި ބުރަ މަސައްކަތްތަކެއް ކުރާ، ގައުމީ ޚިދުމަތުގެ ނަމޫނާ ބައެއް ކަމަށެވެ.

މުއައްސަސާގެ އުމްރާނީ ތަރައްގީއަށް ކުރަން ހަމަޖެހިފައިވާ ކަންކަމުގެ ތަފްސީލް ހިއްސާކުރައްވަމުން ރައީސް ވިދާޅުވީ، ދ. ވާނީގައި ހުންނަ ފުލުހުންގެ ތަމްރީނު މަރުކަޒު “ސްޓޭޓް އޮފް ދި އާޓް” ފެންވަރަށް ތަރައްގީކޮށް، މާލޭގައި ޖާގަ ތަނަވަސް ޒަމާނީ މައި މަރުކަޒެއް ބިނާކޮށްދެއްވާނެ ކަމަށެވެ. މީގެ އިތުރުން، އިސްކަންދަރުކޮށި 2 ގެ މަސައްކަތް ކުރިއަށް ގެންދިއުމާއި، ހުޅުމާލެ ދެވަނަ ފިޔަވަހީގައި ފުލުހުންގެ ޚިދުމަތް ފުޅާކުރުމަށްޓަކައި އަންނަ އަހަރުގެ ބަޖެޓުގައި ބޮޑު އިމާރާތެއްގެ މަސައްކަތް ހިމަނުއްވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ފުލުހުންގެ ވެލްފެއާ ކަންކަމަށް އަލިއަޅުއްވާލައްވަމުން ރައީސް މުއިއްޒު ވަނީ، ކުރިއަށް އޮތް ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުން ފުލުހުންނަށް ޚާއްސަ ކޯޓާއެއް ކަނޑައަޅައި، އެ ތަންތަނަކީ ފުލުހުންނަށް ދާއިމަށް މިލްކުވާނެ ތަންތަނަށް ހައްދަވައިދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ. އަދި ފުލުހުންގެ އަދަދު އިތުރުކޮށް، ޚިދުމަތުގެ ފެންވަރު މަތިކުރުމަށް ބޭނުންވާ ބަޖެޓު ފޯރުކޮށްދިނުމަކީ ސަރުކާރުގެ އިސް ސިޔާސަތެއް ކަމުގައިވެސް އެމަނިކުފާނު ރޭ ވިދާޅުވިއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close