ޚަބަރު

ދުންފަތުން މުޖުތަމަޢު ސަލާމަތްކުރަން ވިޔަފާރިވެރިން އިސްނެގުމަށް ފަސްޓްލޭޑީ ގޮވާލައްވައިފި

ދުންފަތުގެ ނުރައްކާތެރި ވަބާއިން ދިވެހި މުޖުތަމަޢު ސަލާމަތްކުރުމަށްޓަކައި ކެފޭ، ރެސްޓޯރެންޓް ފަދަ ވިޔަފާރިތައް ހިންގާ ފަރާތްތަކުން އިސްނެގުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ގޮވާލައްވައިފިއެވެ. ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެކަމަނާ ވިދާޅުވީ، ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ހަށިގަނޑަށް ގެއްލުންދިނުމަށް ކުރެވޭ ބޭކާރު އިސްރާފެއް ކަމަށާއި، މިއީ މުޅި ހަށިގަނޑުގެ ނިޒާމު ފެއިލްކޮށްލާ ވިހައެއް ކަމަށެވެ.

ފަސްޓްލޭޑީގެ ވާހަކަފުޅުގައި ދުންފަތުގެ އަސަރު ހަމައެކަނި ބޭނުންކުރާ މީހާއަށް ނޫންކަން ފާހަގަކުރައްވައި، އޭގެ ސަބަބުން ދަރިންނަށާއި މުޖުތަމަޢުގެ އެހެން މީހުންނަށްވެސް ގޮތްނޭނގޭ ސިއްހީ މައްސަލަތައް ކުރިމަތިވާކަން ބަޔާންކުރެއްވިއެވެ. ދުންފަތުގެ ނުރައްކަލަކީ އެތައް ޖީލަކަށް ދެމިގެންދާ ސިއްހީ ކާރިސާއެއްގެ ގޮތުގައި ސިފަކުރައްވައި، މި ވަބާއިން ސަލާމަތްވުމަށްޓަކައި ހަރުދަނާ އަޚްލާޤަކާއި ނުގުޑާ ފަދަ ވަރުގަދަ އަޒުމެއް ބޭނުންވާކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

ދުންފަތުގެ ސިނާޢަތްތަކުން ތަފާތު ގޮތްގޮތަށް މީހުން ޝައުޤުވެރިކުރުވުމަށް ކުރާ އިޝްތިހާރުތަކުގެ ދަލުގައި ނުޖެހި، ތޫނުފިލިކަން އިސްކުރުމަށްވެސް އެކަމަނާ އިލްތިމާސްކުރެއްވިއެވެ. ސަރުކާރާއި ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާއިން ދުންފަތާ ދުރު މުޖުތަމަޢެއް ބިނާކުރަން ކުރާ މަސައްކަތުގައި އެންމެން އަތުގުޅާލައި، އަމިއްލަ ނަފްސު މި ވަބާއިން ސަލާމަތްކުރުމުގެ އައު އަމާޒެއްގައި ޖިހާދެއް ފެށުމަށް ދުންފަތުގެ އިސްތިއުމާލުކުރާ ހުރިހާ ފަރާތްތަކަށް އެކަމަނާ ގޮވާލެއްވިއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close