ބޭރުދުނިޔެ އަފްޣާނިސްތާނުގެ ސަރުކާރު މުވައްޒަފުން ސްމާޓްފޯން ބޭނުންކުރުން ހުއްޓާލަން ފަށައިފި

އަފްޣާނިސްތާނުގެ ސަރުކާރު މުވައްޒަފުން ސްމާޓްފޯން ބޭނުންކުރުން ހުއްޓާލަން ފަށައިފި

އަފްޣާނިސްތާނުގެ ސަރުކާރު މުވައްޒަފުން ސްމާޓްފޯން ބޭނުންކުރުން ހުއްޓާލަން ފަށައިފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

އަފްޣާނިސްތާނުގެ އެކި ސަރަހައްދުތަކުގައި މަސައްކަތްކުރާ ސަރުކާރު މުވައްޒަފުން އެމީހުންގެ ސްމާޓްފޯންތައް ނިއްވާލަން ފަށައިފިއެވެ. މިއީ އެ ގައުމުގެ އެންމެ މަތީ ވެރިޔާ ހައިބަތުﷲ އަޚުންޒާދާ ބުދަ ދުވަހުން ފެށިގެން އަމަލުކުރުމަށް އެންގެވި އެންގުމަކާ ގުޅިގެން ނިންމި ނިންމުމެއް ކަމަށް އޭއެފްޕީ ނިއުސް އެޖެންސީއަށް މައުލޫމާތު ދިން މުވައްޒަފުން ބުނެފައިވެއެވެ.

ސަރުކާރުގެ ހުރިހާ މުވައްޒަފުން ސްމާޓްފޯން ބޭނުންކުރުން މަނާކުރިކަން އަންގައި ސުޕްރީމް ކޯޓުގެ ނިޝާން ޖަހާފައިވާ ސިޓީއެއް މިދިޔަ ހަފުތާގައި ސޯޝަލް މީޑިއާގައި ދައުރުވާން ފެށިއެވެ. ނަމަވެސް، މިކަމާ ގުޅޭގޮތުން އޭއެފްޕީން ސުވާލު ކުރުމުން ސުޕްރީމް ކޯޓުން ވަކި ޖަވާބެއް ދީފައެއް ނުވެއެވެ.

އެ ސިޓީގައި ބުނެފައިވަނީ، “ޖޫން މަހުގެ 17 ވަނަ ދުވަހުން ފެށިގެން ސްމާޓްފޯން ބޭނުންކުރުން މުޅިން މަނާކޮށްފައިވާތީ، ހުރިހާ ޕްރޮވިންސްތަކެއްގެ އިދާރާތަކުގެ އިސްވެރިން އެ ބޭފުޅުންގެ ދަށުން މަސައްކަތްކުރާ އިސް އަދި ދަށު ފަންތީގެ ހުރިހާ މުވައްޒަފުންނަށް މިކަން އެންގުމަށް އިރުޝާދު ދެން” ކަމަށެވެ.

މި ނިންމުމަކީ އަސްކަރީ އަދި މަދަނީ ހުރިހާ އިދާރާތަކެއްގެ މުވައްޒަފުންގެ މައްޗަށް ހިނގާނެ ނިންމުމެއް ކަމަށާއި، މިކަމުގައި އިސްތިސްނާ ހާލަތެއް ދެވޭނީ ހަމައެކަނި އެންމެ މަތީ ވެރިޔާއަށް ކަމަށްވެސް އެ ސިޓީގައި ބަޔާންކޮށްފައިވެއެވެ.

ބުދަ ދުވަހުގެ މެންދުރުފަހާ ހަމައަށްވެސް ސަރުކާރުގެ ބައެއް މައި އިދާރާތަކުން ގެންދިޔައީ އެމީހުންގެ ވަޓްސްއަޕް ގްރޫޕްތައް މެދުވެރިކޮށް މައުލޫމާތު ފަތުރަމުންނެވެ. އަދި މި ނިންމުމާ ގުޅޭގޮތުން އަފްޣާން ސަރުކާރުގެ ދެ ތަރުޖަމާނަކަށް އޭއެފްޕީން ގުޅުމުން އެއްވެސް ޖަވާބެއް ދީފައެއް ނުވެއެވެ.

ވެރިރަށް ކާބުލް އާއި އެންމެ މަތީ ވެރިޔާ ހުންނަވާ ކަންދަހާރާ ދެމެދު އޮންނަ ޣަޒްނީ ޕްރޮވިންސްގެ ސަރުކާރު މުވައްޒަފުން ވަނީ އަންގާރަ ދުވަހުގެ ރެއިން ފެށިގެން ސްމާޓްފޯންތަކުން ސައިން-އައުޓްވާން ފަށާފައެވެ.

“ބުދަ ދުވަހުން ފެށިގެން ޣަޒްނީ ޕްރޮވިންސްގެ ހުރިހާ އޮފީހެއްގެ ތެރޭގައި ސްމާޓްފޯން ބޭނުންކުރުން ވަނީ މަނާކުރެވިފައި،” މައިންސް އެންޑް ޕެޓްރޯލިއަމް ޑިޕާޓްމަންޓުގެ އޮފިޝަލެއް ކަމަށްވާ އިރްފާން އަންދަރް ވަޓްސްއަޕް ގްރޫޕެއްގައި ލިޔުއްވާފައިވެއެވެ.

އެންމެ މަތީ ވެރިޔާގެ ނިންމެވުމާ ހަވާލާދީ އޭނާ އިތުރަށް ވިދާޅުވީ، މީގެ ފަހުން މުވައްޒަފުންނާ ގުޅޭނީ އާދައިގެ ފޯނު ކޯލްތަކާއި އީމެއިލް މެދުވެރިކޮށް ކަމަށެވެ.

ސަލާމަތީ ސަބަބުތަކަށްޓަކައި ނަން ހާމަނުކުރުމަށް އެދުނު ޣަޒްނީގެ މުނިސިޕަލް މުވައްޒަފަކު ބުނި ގޮތުގައި، ސްމާޓްފޯން ބޭނުންކުރާ ކޮންމެ މުވައްޒަފަކު ވަޒީފާއިން ވަކިކޮށް، ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު މިހާރު ވަނީ ދީފައެވެ.

ޓެގް

އަފްޣާނިސްތާން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.