ބޭރުދުނިޔެ

ގަވާއިދުތަކާ ހިލާފުވުމުގެ ސަބަބުން އުމްރާގެ ހިދުމަތްދޭ 21 ކުންފުންޏެއް ސަސްޕެންޑްކޮށްފި

ނިމިދިޔަ އުމްރާ މޫސުމުގައި ކަނޑައެޅިފައިވާ މިންގަނޑުތަކަށް ފެތޭގޮތަށް ޚިދުމަތް ދީފައިނުވާތީ، އުމްރާގެ ޚިދުމަތްދޭ 21 ކުންފުންޏެއް ސައުދީ އަރަބިއްޔާގެ މިނިސްޓްރީ އޮފް ހައްޖު އެންޑް އުމްރާއިން ސަސްޕެންޑްކޮށްފިއެވެ.

މި ކުންފުނިތަކުގެ މަސައްކަތްތައް އިވެލުއޭޓްކޮށް ބެލިބެލުމުން، އެ ފަރާތްތަކުން ދެމުންގެންދާ ޚިދުމަތުގެ ފެންވަރު ދަށްވެފައިވާކަމާއި، ކުންފުނިތައް ހިންގުމަށް ކަނޑައަޅާފައިވާ ގަވާއިދުތަކާ ހިލާފުވެފައިވާކަން ވަނީ ފާހަގަކުރެވިފައެވެ. މިނިސްޓްރީން ހާމަކުރި ގޮތުގައި، މި ފިޔަވަޅަކީ އުމްރާވެރިންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމަށް އެ މިނިސްޓްރީން ދޭ އަހައްމިއްޔަތުކަން ރަމްޒުކޮށްދޭ ނިންމުމެކެވެ.

ސަސްޕެންޑްކުރި ކުންފުނިތަކުގެ ތެރެއިން 15 ކުންފުންޏަކީ ކަނޑައެޅިފައިވާ އިވެލުއޭޝަން މިންގަނޑުތަކަށް ފެތިފައިނުވާ ކުންފުނިތަކެކެވެ. އަދި ބާކީ 6 ކުންފުންޏަކީ އިސްލާހީ ފިޔަވަޅު އަޅަންޖެހޭ ފަދަ ގަވާއިދާ ހިލާފު އަމަލުތައް ހިންގާފައިވާ ކުންފުނިތަކެއް ކަމަށްވެސް މިނިސްޓްރީން ބުނެފައިވެއެވެ.

މިނިސްޓްރީން އިތުރަށް ބުނި ގޮތުގައި، ކުންފުނިތަކުގެ ފެންވަރު ވަޒަންކުރަނީ ޚިދުމަތުގެ ފެންވަރާއި ގަވާއިދުތަކަށް ބޯލަނބާ މިންވަރު ދެނެގަތުމަށް ކަނޑައަޅާފައިވާ އޮޕަރޭޝަނަލް އަދި ސުޕަވައިޒަރީ އިންޑިކޭޓަރުތަކެއްގެ މައްޗަށް ބިނާކޮށެވެ.

މި ނިޒާމުގެ މައިގަނޑު މަގްސަދަކީ ޚިދުމަތްދޭ ފަރާތްތަކުގެ މެދުގައި ވާދަވެރިކަން އިތުރުކޮށް، މަސައްކަތުގެ ފެންވަރު މަތިކުރުމެވެ. މީގެ އިތުރުން، އުމްރާވެރިންނާއި މަސްޖިދުއް ނަބަވީއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ރައްކާތެރި އަދި ހިތްހަމަޖެހޭ ތަޖުރިބާއެއް ފޯރުކޮށްދިނުމަށް ސައުދީ ވިޜަން 2030 ގައި ކަނޑައަޅާފައިވާ ލަނޑުދަނޑިތަކަށް ވާސިލުވުމަށް އެހީތެރިވެދިނުމެވެ.

މިނިސްޓްރީން ވަނީ ގަވާއިދުތައް ތަންފީޒުކުރުމުގައި ދެމިއޮންނާނެ ކަމަށާއި، ޚިދުމަތުގެ ފެންވަރަށް އަސަރުކުރާ ނުވަތަ އުމްރާވެރިންގެ ހައްގުތަކަށް އުނިކަން އަންނަ ފަދަ އެއްވެސް އިހުމާލަކަށް ފުރުސަތު ނުދޭނެކަމުގެ ޔަގީންކަން ދީފައެވެ. އަދި އުމްރާގެ ޚިދުމަތްދޭ ފަރާތްތައް މެދުނުކެނޑި އިވެލުއޭޓް ކުރަމުން ދިއުމަކީ މި ދާއިރާ ތަރައްގީކޮށް، ޚިދުމަތްތައް ރަނގަޅުކުރުމަށް ގެންގުޅޭ މުހިންމު އުސޫލެއް ކަމަށްވެސް ބުނެފައިވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close