ވޯލްޑްކަޕް 2026: 4-1 ގެ ބޮޑު ކާމިޔާބީއަކާއެކު އެމެރިކާއިން ޕެރެގުއޭ ބަލިކޮށްފި

2026 ގެ ފީފާ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި އެމެރިކާ އާއި ޕެރެގުއޭ ބައްދަލުކުރި ފޯރިގަދަ މެޗު 4-1 ގެ ބޮޑު ނަތީޖާއަކުން އެމެރިކާ ކާމިޔާބުކޮށްފިއެވެ.
އެމެރިކާގެ ކެލިފޯނިއާގެ އިނގްލްވުޑްގައި ހުންނަ ސޯފައި ސްޓޭޑިއަމްގައި ކުޅުނު މި މެޗު ބެލުމަށް 70،000 އަށްވުރެ ގިނަ ސަޕޯޓަރުން ވަދެ ދަނޑުގެ ފޯރި ވަނީ ވަރަށް ގަދަކޮށްފައެވެ. މެޗު ފެށުމުގެ ރަސްމިއްޔާތުގައި އެމެރިކާގެ ގައުމީ ސަލާމް ކިޔަމުންދިޔަ ވަގުތު ސްޓޭޑިއަމް މަތިން އެ ގައުމުގެ ކޯސްޓް ގާޑްގެ 3 ހެލިކޮޕްޓަރުގެ އަސްކަރީ ފްލައިއޯވަރއެއް ވަނީ ބާއްވާފައެވެ.
މެޗުގެ ކުރީކޮޅު، 7 ވަނަ މިނެޓުގައި އެމެރިކާއިން ވަނީ ގޯލެއް ޖަހައި ކުރިހޯދާފައެވެ. މި ގޯލަކީ އެމެރިކާގެ ހަމަލާއެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި ޕެރެގުއޭގެ ޑިފެންޑަރު ޑަމިއަން ބޮބަޑިއްޔާ އަތުން ބައިކޮޅަށް (އޯން ގޯލެއް) ވަން ލަނޑެކެވެ. މިއީ ވޯލްޑް ކަޕް ތާރީޚުގައި އެމެރިކާ ޓީމުން ޖެހި އެންމެ އަވަސް ގޯލެވެ.
އޭގެ ފަހުން މެޗުގެ 28 ވަނަ މިނެޓުގައި އެމެރިކާގެ ފޮލަރިން ބަލޮގުން ގޯލެއް ޖެހި ނަމަވެސް، ވީއޭއާރް (VAR) އިން ބެލުމަށްފަހު ރެފްރީ ނިންމީ އެއީ އޮފްސައިޑް ގޯލެއް ކަމަށެވެ. ނަމަވެސް އޭގެ ތިން މިނެޓު ފަހުން، މެޗުގެ 31 ވަނަ މިނެޓުގައި ކެޕްޓަން ކްރިސްޓިއަން ޕުލިސިކް ތަނަވަސްކޮށްދިން ރީތި ފުރުސަތަކުން ބަލޮގުން ވަނީ ރަސްމީކޮށް ގޯލެއް ޖަހައި އެމެރިކާގެ ލީޑު 2-0 އަށް ފުޅާކޮށްދީފައެވެ.
ފުރަތަމަ ހާފުގެ ކުޅުން ނިމެން ދަނިކޮށް، 45 ވަނަ މިނެޓުގައި ބަލޮގުން ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހައި ނަތީޖާ 3-0 އަށް ބަދަލުކޮށްލާފައެވެ. މި ގޯލު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދިނީ މާލިކް ޓިލްމަންއެވެ. ފުރަތަމަ ހާފު ނިމުނުއިރު އެމެރިކާ އިން ވަނީ %75 ބޯޅަ ހިފަހައްޓައި، މުޅި މެޗު ކޮންޓްރޯލް ކޮށްފައެވެ.
ދެވަނަ ހާފު ފެށުނުތަނާހެން ޕެރެގުއޭގެ ކެޕްޓަން އަދި ޑިފެންޑަރު ގުސްޓާވޯ ގޯމޭޒް، ބަލޮގުންގެ ޖާޒީގައި ހިފާ ދަމައި ފައުލްކުރުމަށްފަހު ރެފްރީގެ ނިންމުމާ ދެކޮޅަށް ބޮޑު ޒުވާބެއް ކުރުމުން ރެފްރީ ވަނީ އޭނާއަށް ރީނދޫ ކާޑެއް ދައްކާފައެވެ. މެޗުގެ ފަހުކޮޅު ޕެރެގުއޭގެ ކުޅުން ވަރަށް ހަރުކަށިވެ، މެޗު ނިމުނުއިރު އެ ޓީމަށް ޖުމްލަ 5 ރީނދޫ ކާޑު ދައްކާފައިވެއެވެ.
ޕެރެގުއޭއިން ދެވަނަ ހާފުގައި ކުޅުން ރަނގަޅުކޮށް، މެޗުގެ 72 ވަނަ މިނެޓުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނިކުތް މައުރީސިއޯ ވަނީ ގޯލެއް ޖަހައި ނަތީޖާ 3-1 އަށް ބަދަލުކޮށް އެ ޓީމަށް ކުޑަ އުންމީދެއް ހޯދައިދީފައެވެ.
ނަމަވެސް މެޗުގެ އިތުރު ވަގުތުގެ އެންމެ ފަހު ސިކުންތުކޮޅުގެ ތެރޭގައި (90+7 މިނެޓުގައި)، އެމެރިކާގެ ބަދަލު ކުޅުންތެރިޔާ ޖިއޮވާނީ ރޭނާ ވަނީ ހިތްގައިމު މޮޅު ގޯލެއް ޖަހައި، އެމެރިކާއަށް 4-1 ގެ ތާރީޚީ އަދި ފުރިހަމަ މޮޅެއް ކަށަވަރުކޮށްދީފައެވެ. މިއީ އެމެރިކާއިން ވޯލްޑް ކަޕް މެޗެއްގައި 4 ގޯލު ޖެހި ފުރަތަމަ ފަހަރެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ (މޭން އޮފްދަ މެޗް) މަގާމު ހޯދީ ދެ ގޯލު ޖެހި އެމެރިކާގެ ފޯވާޑް ފޮލަރިން ބަލޮގުންއެވެ.




