ޚަބަރު

ސޯބެ ހުވާކުރެއްވުން އަންނަ ހޯމަ ދުވަހަށް ތާވަލުކޮށްފި

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ބައި-އިލެކްޝަންގައި އައްޑޫ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓް ޢަބްދުﷲ ޞާދިގު (ސޯބެ) މަގާމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތު އަންނަ ހޯމަ ދުވަހުގެ ހެނދުނު ބޭއްވުމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ނިންމައިފިއެވެ.

މަޖިލީހުން ހާމަކޮށްފައިވާ ގޮތުގައި، ސޯބެ މެންބަރުކަމުގެ ހުވާކުރެއްވުން އޮންނާނީ އެ ދުވަހުގެ ހެނދުނު 08:30 ގައި މަޖިލިސް ކުރާ ގޭގައެވެ.

އާ މެންބަރު ހުވާކުރެއްވުމުގެ ރަސްމިއްޔާތާ ގުޅުވައިގެން، މި ހަފުތާގެ ތެރޭގައި ފެށުމަށް ކުރިން ހަމަޖެހިފައި އޮތް މަޖިލީހުގެ މި ދައުރުގެ ޖަލްސާތައް ވެސް މިހާރު ވަނީ އަންނަ ހޯމަ ދުވަހަށް ފަސްކޮށްފައެވެ. ސޯބެ މަގާމުގެ ހުވާކުރެއްވުމާއެކު، ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާ އިދިކޮޅު އެމްޑީޕީގެ މެންބަރުންގެ ޖުމްލަ އަދަދު 13 އަށް އަރާނެއެވެ. މިހާރު މަޖިލީހުގެ މެޖޯރިޓީ އޮތް ވެރިކަންކުރާ ޕީއެންސީގެ ތިއްބަވަނީ 74 މެންބަރުންނެވެ.

ވާދަވެރި ކެމްޕޭނަކަށްފަހު ސޯބެ މި ގޮނޑި ކާމިޔާބުކުރެއްވީ ޖުމްލަ 1,375 ވޯޓު ހޯއްދަވައިގެންނެވެ. އޭނާއާ އެންމެ ގާތުން ވާދަކުރެއްވީ ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން ކުރިމަތިލެއްވި ހިތަދޫ މޫލެކެޑެ ދާއިރާގެ ކުރީގެ ކައުންސިލަރު އަޙްމަދު ސަޢީދު (ސޮޑާ) އެވެ. ސޮޑާއަށް ލިބިވަޑައިގަތީ 1,313 ވޯޓެވެ.

މި ގޮނޑި ހުސްވެގެން ދިޔައީ، ކުރިން އެ ދާއިރާގެ މެންބަރުކަމުގައި ހުންނެވި މުޙައްމަދު ސިނާން (ސިނާ) އިސްލާމިކް ބޭންކުން ނަގާފައިވާ 3.8 މިލިއަން ރުފިޔާގެ ލޯނެއް ނުދެއްކި މައްސަލައިގައެވެ. އެ މައްސަލައާ ގުޅިގެން އޭނާގެ މެންބަރުކަމުގެ ޝަރުތު ގެއްލިއްޖެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅީ މިދިޔަ އޭޕްރީލް މަހުގެ 12 ވަނަ ދުވަހުއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close