ޚަބަރު

ޝަމްއާން ކުރަނީ ދޮގު ތުހުމަތުތަކެއް ކަމަށް ބުނެ ތަފްސީލު ހާމަކުރަން މިނިސްޓަރު އިހުސާން ފުލުހަށް ހުށަހަޅުއްވައިފި

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާން ވަހީދުގެ މައްޗަށް މަނީ ލޯންޑަރިން ހިމެނޭހެން ތިން ދައުވާއެއް ސާބިތުވެ 25 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވަނިކޮށް، އޭނާ ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާންއަށް ކުރި ކޮރަޕްޝަނުގެ ތުހުމަތުތަކަކީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް ކަމަށް ވިދާޅުވެ، އެ މައްސަލައިގެ ތަހުގީގީ ތަފްސީލުތައް އާންމުންނަށް ސާފުކޮށްދިނުމަށް މިނިސްޓަރު އިހުސާން ފުލުހުންގެ މުއައްސަސާގައި އެދިވަޑައިގެންފި އެވެ.

ކްރިމިނަލް ކޯޓުގައި އިއްޔެ ބޭއްވި ޝަރީއަތުގެ އަޑުއެހުމަށް ވަޑައިގަތުމުގެ ކުރިން ޝަމްއާން ވަނީ، އޭނާ ފްރޭމްކުރުމުގައި އިސްކޮށް އުޅުއްވީ މިނިސްޓަރު އިހުސާން ކަމަށާއި، ބިދޭސީންގެ ކޯޓާ މައްސަލައިގައި މިނިސްޓްރީ ތެރެއިން ހިންގި ކޮރަޕްޝަނުގެ ވާހަކަތައް ރައީސް މުހައްމަދު މުއއްޒުއާ ހިއްސާކުރައްވާފައިވާނެ ކަމަށް މީޑިއާތަކަށް ވިދާޅުވެފަ އެވެ.

މި ތުހުމަތުތަކަށް ރައްދު ދެއްވަމުން މިނިސްޓަރު އިހުސާން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޝަމްއާން ތަކުރާރުކޮށް ދައްކަވަނީ ސާބިތު ނުހިފޭ ދޮގު ވާހަކަތަކެއް ކަމަށާއި، އޭނާ ފްރޭމްކޮށްފައިވާ ކަމަށް ބުނާ ބުނުމަކީ އެއްވެސް ހަގީގަތެއް އެކުލެވޭ ވާހަކައެއް ނޫންކަން ފުލުހުންގެ ތަހުގީގަށް ހޯދާފައިވާ ހެކިތަކުން ސާފުވާ ކަމަށެވެ.

ޝަމްއާން ދެއްކެވި ވާހަކަތަކާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް ވެސް ވަނީ، ރައީސް މުއިއްޒުއާ ހަވާލާދީ ޝަމްއާން ދެއްކެވި ވާހަކަތައް ދޮގުކުރައްވާފައިވާ އިރު، މި މައްސަލައިގައި ޝަމްއާން ތުހުމަތު ރައްދުކުރެއްވި އެޓާނީ ޖެނެރަލް އަހްމަދު އުޝާމް ވެސް ވަނީ އެކަން ދޮގުކުރައްވާފަ އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close