މަގާމުން އިސްތިއުފާ ދެއްވީ ސިއްހީ ސަބަބުތަކަށްޓަކައި، ސާބިތުވެ މިހުރީ ރައީސް މުއިއްޒުއާއެކު: ޒަމީރު

ފިނޭންސް މިނިސްޓަރުގެ މަގާމުން އިއްޔެ އިސްތިއުފާ ދެއްވި މޫސާ ޒަމީރު، އެ މަގާމުން ވަކިވެވަޑައިގަތީ ސިއްހީ ހާލަތު ހުރި ގޮތުން މަގާމުގެ ބޮޑު މަސްއޫލިއްޔަތު އުފުލުމަށް އުޒުރުވެރިވާތީ ކަމަށް ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ ޖަގަހަ ޖަލްސާގައި ވާހަކަދައްކަވަމުން ޒަމީރު ވިދާޅުވީ، ގާބިލު ބޭފުޅުންނަށް ފުރުސަތު ދިނުމަށްޓަކައި އެއްފަރާތަށް ޖެހިލި ނަމަވެސް، ރައީސް ޑރ. މުހައްމަދު މުއިއްޒުއާއެކު ސާބިތުވެ ހުންނަވައި ޕާޓީއަށް މަސައްކަތް ކޮށްދެއްވާނެ ކަމަށެވެ. އަދި އޭނާ އިސްތިއުފާ ދެއްވީ ރައީސް އަންގަވައިގެން ކަމަށް ބުނެ ދެކެވޭ ވާހަކަތައް ސަރުކާރުން ވަނީ ދޮގުކޮށްފައެވެ.
ޒަމީރުގެ ވާހަކަފުޅުގައި، ރައީސް މުއިއްޒުގެ ވެރިކަމުގައި ހާސިލުކޮށްފައިވާ އިގްތިސާދީ ކާމިޔާބީތަކަށް ވަރަށް ބޮޑަށް ތައުރީފު ކުރެއްވިއެވެ. އެގޮތުން، ދެ އަހަރާއި ބައިގެ ތެރޭގައި އެއްވެސް ސަރުކާރަކުން ނުދައްކާ ވަރުގެ ބޮޑު ދަރަންޏެއް މި ސަރުކާރުން ދައްކާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ރާއްޖޭގެ ފޮރިން ޕޮ
ލިސީ “މޯލްޑިވްސް ފަސްޓް” އަށް ބަދަލުކޮށް، ގައުމުގެ މިނިވަންކަމާއި އިސްތިގުލާލު ހިމާޔަތްކުރުމަށް ރައީސް ކުރައްވާ މަސައްކަތްޕުޅުތަކަށް އޭނާ ތާއީދުކުރައްވާ ކަމަށް ވިދާޅުވިއެވެ.
ޒަމީރު އިތުރަށް ވިދާޅުވީ، ދީނާއި ގައުމިއްޔަތު ކުރިއަރުވައި ރައްޔިތުންގެ ފުދުންތެރިކަން އިތުރުކުރުމަށް ސަރުކާރުން ކުރާ ކޮންމެ މަސައްކަތެއްގައި އޭނާ ދެމިހުންނަވާނެ ކަމަށެވެ. އަދި މަގާމުން ވަކިވީ ނަމަވެސް، ރައީސް މުއިއްޒު ހަވާލުކުރައްވާ ކޮންމެ މަސައްކަތެއްގައި ޕާޓީއަށާއި ގައުމަށް ޚިދުމަތް ކުރުމުގައި ދެގޮތެއްނުވެ ހުންނަވާނެ ކަމުގެ ޔަގީންކަން އޭނާ ވަނީ ރައްޔިތުންނަށް ދެއްވާފައެވެ.

