ބޭރުދުނިޔެ

އިސްރާއީލުން އެހީގެ ފްލޮޓިލާގެ އެކްޓިވިސްޓުންނާ މެދު އަމަލުކުރި ގޮތުގެ މައްސަލަ އިޓަލީން ބަލަނީ

އިސްރާއީލުން އެހީގެ ފްލޮޓިލާގެ އެކްޓިވިސްޓުންނާ މެދު އަމަލުކުރި ގޮތުގެ މައްސަލަ އިޓަލީން ބަލަން ފެށުމާ ގުޅިގެން ދެ ގައުމުގެ ދެމެދުގައި ބަހުގެ ހަމަލާތަކެއް ބަދަލުކުރަން ފަށައިފިއެވެ.

އިޓަލީގެ ޕްރޮސެކިއުޓަރުން، އިސްރާއީލުގެ ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު އިތަމާރު ބެން ގްވީރުގެ މައްސަލަ ބަލަން ނިންމުމާ ގުޅިގެން އޭނާ އިޓަލީއަށް ކުރި މަލާމާތަކީ “ބަލައިގަނެވޭނެ ކަމެއް ނޫން” ކަމަށް ބުނެ އިޓަލީން އެކަން ވަނީ ވަރަށް ބޮޑަށް ކުށްވެރިކޮށްފައެވެ.

އިޓަލީގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މިދިޔަ މަހު ގައްޒާއަށް އެހީ ހިފައިގެން ދަތުރުކުރި ފްލޮޓިލާ ހިފަހައްޓައި، އޭގައި ތިބި އެކްޓިވިސްޓުން ހައްޔަރުކޮށް، އެ މީހުންނާ މެދު އިހާނެތިކޮށް އަމަލުކޮށްފައިވާ ކަމަށް ބުނެ ހުށަހެޅި މައްސަލައަކާ ގުޅިގެން ބެން ގްވީރުގެ މައްޗަށް “ހަނގުރާމައިގެ ކުށް” ތަކާއި “އަނިޔާކުރުން” ފަދަ ތުހުމަތުތަކެއް ވަނީ ކުރެވިފައެވެ.

މި ތަހުގީގާ ގުޅިގެން ބެން ގްވީރު ހޯމަ ދުވަހު އެކްސްގައި ކުރި ޕޯސްޓެއްގައި، އިޓަލީގެ ޗާޓު އޮންނަ ބޫޓެއްގެ ބައްޓަމަށް އިޝާރާތްކޮށް، “ބޫޓުގެ ބިމުން މިހާރު މިވަނީ ފްލިޕް ފްލޮޕް (ކަށިމިލި ފައިވާން) ގެ ބިމަކަށް ބަދަލުވެފައި” ކަމަށް ބުނެ އިޓަލީއަށް ވަނީ މަލާމާތްކޮށްފައެވެ.

މިކަމާ ގުޅިގެން އިޓަލީގެ ސެނެޓުގައި ވާހަކަ ދައްކަވަމުން އެ ގައުމުގެ ފޮރިން މިނިސްޓަރު އަދި ޑެޕިއުޓީ ޕްރައިމް މިނިސްޓަރު އެންޓޯނިއޯ ތަޖާނީ ވިދާޅުވީ، އެއީ ބަލައިގަނެވޭނެ ފަދަ ބަސްތަކެއް ނޫން ކަމަށާއި، އެއީ މިނިސްޓަރެއްގެ ފަރާތުން ފެނިގެންވާނެ ފަދަ ދަށު ދަރަޖައިގެ އަމަލެއް ކަމަށެވެ. އަދި މިއީ އެ މީހެއްގެ ސިޔާސީ އަދި އަޚްލާގީ ފެންވަރު ހާމަވާ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

“އޭނާގެ މައްސަލަ ޕްރޮސެކިއުޓަރުން ބަލަން ފެށިކަން އެނގުމުން، އިއްޔެ އިޓަލީއާ ބެހޭގޮތުން އޭނާ ދެއްކި ވާހަކަތަކަށް ބުނާނެ އިތުރު އެއްޗެއް ނެތް،” ތަޖާނީ ވިދާޅުވިއެވެ.

ފަލަސްތީނުގެ ބިންތައް ބަންދުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށްޓަކައި، މޭ މަހުގެ 18 ވަނަ ދުވަހު ދަތުރުކުރި މި ފްލޮޓިލާ ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުން ހިފަހައްޓައި، ދުނިޔޭގެ އެކި ގައުމުތަކަށް ނިސްބަތްވާ 430 އަށްވުރެ ގިނަ އެކްޓިވިސްޓުން އިސްރާއީލުން ވަނީ ހައްޔަރުކޮށްފައެވެ. ބެން ގްވީރު ވަނީ ހައްޔަރުކޮށްފައި ތިބި އެކްޓިވިސްޓުންގެ އަތް ބަނދެފައި ތިއްބާ، އެ މީހުންނަށް މަލާމާތްކޮށް ވީޑިއޯއެއް އާންމުކޮށްފައެވެ. މިކަމާ ގުޅިގެން ބައިނަލްއަގުވާމީ ފެންވަރުގައި އޭނާއަށް ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައެވެ.

ތަޖާނީ އިތުރަށް ވިދާޅުވީ، ބެން ގްވީރާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ޔޫރަޕިއަން ޔޫނިއަންގައި އިޓަލީން ވަކާލާތު ކުރާނެ ކަމަށާއި، މިކަމަށް ގިނަ ގައުމުތަކެއްގެ ތާއީދު ލިބެމުންދާ ކަމަށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close