މިޔަރެއް ހަމަލާދިނުމުގެ ސަބަބުން އޮސްޓްރޭލިއާގައި މީހަކު މަރުވެއްޖެ

ވެސްޓަން އޮސްޓްރޭލިއާގެ އައްސޭރިފަށުގައި ފީނަން އުޅުނު މީހަކަށް މިޔަރެއް ހަމަލާދީ މަރާލައިފި ކަމަށް އެގައުމުގެ ފުލުހުން ހާމަކޮށްފިއެވެ. މިއީ މިއަހަރުގެ ތެރޭގައި އޮސްޓްރޭލިއާގައި މިޔަރުގެ ހަމަލާއެއްގައި މީހަކު މަރުވި ހަތަރުވަނަ ހާދިސާއެވެ.
އުމުރުން 30 އަހަރުގެ މި މީހާއަށް މިޔަރު ހަމަލާދީފައިވަނީ ޕާތުގެ އިރުދެކުނުން އޮންނަ މައިކަލްމަސް އައިލެންޑް ކައިރިންނެވެ. ވެސްޓަން އޮސްޓްރޭލިއާގެ ސަރުކާރާއި އެމްބިއުލާންސް ހިދުމަތްދޭ އިދާރާތަކުން ބުނި ގޮތުގައި، މި ހަމަލާ ދީފައިވަނީ ގާތްގަނޑަކަށް 4.5 މީޓަރު (15 ފޫޓު) ބޮޑު މިޔަރެކެވެ. މި ހާދިސާ ރިޕޯޓުކޮށްފައިވަނީ ހޮނިހިރު ދުވަހުގެ ހެނދުނު 11:25 ހާއިރުއެވެ.
ފުލުހުން މައުލޫމާތު ދޭ ގޮތުގައި، އެ މީހާއަށް މިޔަރު ހަމަލާދިނީ ބަޑިޖަހައިގެން މަސް ހިފަން (ސްޕިއަރ ފިޝިންގ) އުޅެނިކޮށެވެ. ހާދިސާއަށްފަހު އޭނާ ވަގުތުން އެއްގަމަށް ގެންގޮސް، ސިއްހީ އެހީތެރިން އޭނާ ސަލާމަތް ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް، އޭރު އޭނާ އޮތީ މަރުވެފައެވެ.
މި ހާދިސާއާ ގުޅިގެން އެ ސަރަހައްދުގެ ކަމާބެހޭ އިދާރާ ކަމަށްވާ ޑިޕާޓްމަންޓް އޮފް ޕްރައިމަރީ އިންޑަސްޓްރީޒް އެންޑް ރީޖަނަލް ޑިވެލޮޕްމަންޓުން ވަނީ، ކަނޑަށް އެރޭ ފަރާތްތަކުން އިތުރަށް ސަމާލުވުމަށާއި، މިޔަރު ފެންނަ ސަރަހައްދުތަކުގެ އެންމެ ފަހުގެ މައުލޫމާތު ހޯދައިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފައެވެ.
މި ނުރައްކާތެރި ހަމަލާ ހިނގާފައި މިވަނީ، ކުއީންސްލޭންޑް ސްޓޭޓުގައި މިޔަރެއްގެ ހަމަލާގައި މީހަކު މަރުވިތާ އެންމެ ދެ ހަފުތާ ފަހުންނެވެ. އަދި މިއީ މިއަހަރުގެ ތެރޭގައި ވެސްޓަން އޮސްޓްރޭލިއާގައި މިޔަރުގެ ހަމަލާއެއްގައި މީހަކު މަރުވި ދެވަނަ ފަހަރެވެ. މީގެ ކުރިން މިދިޔަ މަހުވެސް ޕާތު ކައިރީގައި އޮންނަ ރޮޓްނެސްޓް އައިލެންޑް ސަރަހައްދުން ‘ގްރޭޓް ވައިޓް’ މިޔަރެއް ހަމަލާދީ މީހަކު ވަނީ މަރުވެފައެވެ.
އޮސްޓްރޭލިއާގެ ސައިންސްވެރިން ދެކޭގޮތުގައި، ކަނޑުގެ ލޮނުގަނޑު ހޫނުވުމާއި މީހުން މޫދަށް އެރޭ މިންވަރު އިތުރުވުމުގެ ސަބަބުން މިޔަރުތައް އާންމުކޮށް އުޅޭ ސަރަހައްދުތަކަށް ބަދަލު އަންނަމުންދެއެވެ. މިއީ މިޔަރުގެ ހަމަލާތައް އިތުރުވުމަށް ދިމާވާ މައިގަނޑު ސަބަބެއް ކަމަށް ބެލެވެއެވެ.



