ބޭރުދުނިޔެ

އޭއައި ބޭނުންކޮށްގެން އުފެއްދި ފުރަތަމަ ވެކްސިން އިންސާނުންގެ ގަޔަށް ޖަހައިގެން ޓެސްޓްކޮށްފި

އޭއައި ބޭނުންކޮށްގެން ފުރަތަމަ ފަހަރަށް އުފެއްދި ކާމިޔާބު ވެކްސިން އިންސާނުންގެ ގަޔަށް ޖަހައިގެން ޓެސްޓްކޮށްފިއެވެ.

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ކޮމްޕިއުޓަރު މޮޑެލްއެއް ބޭނުންކޮށްގެން މުޅިން އަލަށް ފަރުމާކުރި އެންޓިޖެންއެއް ހިމެނޭ މި ވެކްސިން އިންސާނުންގެ ގަޔަށް ޖަހައިގެން ކުރި ފުރަތަމަ މަރުހަލާގެ ޓެސްޓުތައް ކާމިޔާބުކަމާއެކު ނިންމާލެވިފައިވާ ކަމަށް އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ކޭމްބްރިޖްގެ ރިސާޗަރުން ވަނީ ހާމަކޮށްފައެވެ.

މި ވެކްސިންގެ ސަބަބުން ނުރައްކާތެރި ސައިޑްއިފެކްޓެއް ނުވަތަ ނޭދެވޭ އަސަރެއް އިންސާނެއްގެ ހަށިގަނޑަށް ކޮށްފައިނުވާކަން ފާހަގަކޮށްފައިވާއިރު، މިއީ މުސްތަގުބަލުގައި ދުނިޔެއަށް ކުރިމަތިވެދާނެ ބަލިމަޑުކަމަކުން ދިފާއުވުމަށް ހޯދުނު ބޮޑު ކުރިއެރުމެކެވެ.

ގުޅުންހުރި ލިޔުންތައް

މި ތަހުގީގީ ޓެސްޓުތައް ކުރިއަށްގެންގޮސްފައިވަނީ އިނގިރޭސިވިލާތުގެ ސައުތެމްޕްޓަން އަދި ކޭމްބްރިޖްގެ މެޑިކަލް މަރުކަޒުތަކެއްގައެވެ. އުމުރުން 18 އަހަރާއި 50 އަހަރާ ދެމެދުގެ ދުޅަހެޔޮ 39 ވޮލަންޓިއަރުން ބައިވެރިކޮށްގެން ކުރިއަށްގެންދިޔަ މި ދިރާސާގައި ބޭނުންކުރި ވެކްސިން އަމާޒުކޮށްފައިވަނީ ކޮވިޑް-19 އަށް މެދުވެރިވި ސާސް-ކޯވް-2 ވައިރަހާއި، ސާސް ބަލި ފަތުރާ ވައިރަސްތައް ހިމެނޭ “ސާބެކޯ ކޮރޯނާވައިރަސް” ގުރޫޕަށެވެ.

މި ވެކްސިންގެ އެންމެ މުހިންމު ބައި ކަމުގައިވާ އެންޓިޖެން، އޭއައި މެދުވެރިކޮށް ފަރުމާކޮށްފައިވަނީ މި ގުރޫޕުގައި ހިމެނޭ ހުރިހާ ވައިރަސްތަކެއްގެ ޖެނެޓިކް މައުލޫމާތު ސިސްޓަމަށް ފީޑް ކޮށްގެން، އޭގެ ތެރެއިން ހުރިހާ ވައިރަހެއްގައި އާންމުކޮށް ހުންނަ ސިފަތައް ދެނެގަނެގެންނެވެ.

މީގެ ސަބަބުން ވޮލަންޓިއަރުންގެ ހަށިގަނޑުން ވަނީ ކޮވިޑްގެ އިތުރުން މުސްތަގުބަލުގައި ވާލުގެ ޒަރީއާއިން އިންސާނުންނަށް ފެތުރިދާނެ އެހެނިހެން ނުރައްކާތެރި ވައިރަސްތަކާ ދެކޮޅަށް ވެސް ދިފާއީ ބާރު އުފައްދާފައެވެ.

ކޭމްބްރިޖްގެ ލެބް އޮފް ވައިރަލް ޒޫނޮޓިކްސްގެ ޕްރޮފެސަރު ޖޮނަތަން ހީނީ ވިދާޅުވި ގޮތުގައި، އާންމުކޮށް ވެކްސިންތައް އުފައްދަނީ ބަލިމަޑުކަމެއް ފެތުރެން ފެށުމުން އެއަށް ރިއެކްޓް ކުރުމުގެ ގޮތުން ކަމަށްވިޔަސް، މި އޭއައި ޓެކްނޮލޮޖީގެ އެހީގައި ވެކްސިން އުފެއްދުން މިވަނީ މުސްތަގުބަލަށް ފެތޭގޮތަށް ބަދަލުކޮށްފައެވެ. ވައިރަސްތައް ބަދަލުވަމުން (މިއުޓޭޓް ވަމުން) ދިޔަ ނަމަވެސް މި ވެކްސިންގެ ސަބަބުން ދިގުމުއްދަތުގެ ރައްކާތެރިކަން ލިބިގެންދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މި “ސުޕަ-އެންޓިޖެން” ވެކްސިންއަކީ ކުރިއަށް އޮތް ތަނުގައި އިންފްލުއެންޒާ ނުވަތަ އެބޯލާ ފަދަ ވައިރަސްތަކުން ސަލާމަތްވުމަށް ވެސް ބޭނުންކުރެވިދާނެ އެއްޗެކެވެ. މިހާތަނަށް ޓެސްޓުކުރެވުނު ސާމްޕަލް ސައިޒު ކުޑަވުމުން، ދެން އޮތް މަރުހަލާގައި މިއަށްވުރެ ގިނަ އަދަދެއްގެ އަދި ތަފާތު ދާއިރާތަކުގެ މީހުން ހިމަނައިގެން މި ވެކްސިންގެ ނަތީޖާ އިތުރަށް ދިރާސާކުރުމަށް ރިސާޗަރުން ވަނީ ނިންމާފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close