އީރާނުގެ ފުޓްބޯޅަ ޓީމަށް ވިސާ ހޯދުމަށްޓަކައި ޕާސްޕޯޓްތައް ތުރުކީގައި ހުންނަ އެމެރިކާ އެމްބަސީއާ ހަވާލުކޮށްފި

ވޯލްޑް ކަޕްގައި އީރާނު ވާދަކުރުމާ މެދު އަދިވެސް ވަކި ގޮތެއް ނުނިމި އޮތް ނަމަވެސް، ވިސާ ހޯދުމަށްޓަކައި އެ ގައުމުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ޕާސްޕޯޓްތައް ތުރުކީގައި ހުންނަ އެމެރިކާގެ އެމްބަސީއާ ހަވާލުކޮށްފި ކަމަށް އީރާނުގެ ފުޓްބޯޅަ ފެޑެރޭޝަނުގެ ރައީސް ހުކުރު ދުވަހު ވިދާޅުވެއްޖެއެވެ.
ފެޑެރޭޝަނުގެ ރައީސް މަހްދީ ތާޖް ވިދާޅުވީ، އީރާނުން އަމަލުކުރަމުންދަނީ ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާގެ އިރުޝާދުގެ މަތިން ކަމަށެވެ.
އީރާނުން ވިސާ ހޯދުމުގެ މަސައްކަތް މި ފެށީ، ފެބުރުއަރީ މަހު އިސްލާމީ ޖުމްހޫރިއްޔާއަށް ދިން ވަރުގަދަ ހަމަލާތަކާ އެކު ފެށުނު މެދުއިރުމަތީގެ ހަނގުރާމަ ހުއްޓާލުމާ ގުޅޭގޮތުން އީރާނާއި އެމެރިކާއާ ދެމެދު މަޝްވަރާތައް ކުރިއަށްދާ ދަނޑިވަޅެއްގައެވެ.
“އެމެރިކާގެ ވިސާއާ ގުޅޭގޮތުން އިއްޔެ އަޅުގަނޑު ފީފާއާ މަޝްވަރާ ކުރިން،” ތާޖް ވިދާޅުވިއެވެ. “އަޅުގަނޑުމެންނަށް އިރުޝާދު ލިބުނީ ހުރިހާ ޕާސްޕޯޓްތަކެއް އަންކާރާގައި ހުންނަ އެމެރިކާ އެމްބަސީއަށް ހުށަހެޅުމަށް.”
އީރާނު ޓީމު ތުރުކީން ސްޕެއިނަށް ދިއުމަށް ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހުއެވެ. އޭގެ ފަހުން އެ ޓީމު ދަތުރުކުރާނީ މެކްސިކޯގައި ގާއިމުކޮށްފައިވާ އެ ޓީމުގެ ބޭސް ކޭމްޕަށެވެ. މެކްސިކޯއިން މިހާރު ވަނީ ޓީމަށް ވިސާ ދޫކޮށްފައެވެ.
ތާޖް އިތުރަށް ވިދާޅުވި ގޮތުގައި، މިއަދު ނުވަތަ އެންމެ ލަސްވެގެން މާދަމާ ވާނުވާ އެނގޭނެ ކަމަށް އުންމީދު ކުރެވެއެވެ. ސަބަބަކީ ގައުމީ ޓީމުން ޕާސްޕޯޓްތަކާ އެކު މެކްސިކޯގެ ޓިހުއާނާއަށް ދަތުރުކުރަން ޖެހޭތީއެވެ.
އީރާނުގެ ފުޓްބޯޅަ ފެޑެރޭޝަނުން ބައެއް ކަންބޮޑުވުންތަކާއި ހުށަހެޅުންތައް ފީފާއަށް ހުށަހަޅާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެގޮތުން، ކުޅުންތެރިންނާއި ޓެކްނިކަލް ސްޓާފުންގެ އިތުރުން ވަފުދުގެ އެހެން މެންބަރުންނަށް އެމެރިކާއިން ވިސާ ނުދީފި ނަމަ، އީރާނުން އެހެން ގޮތަކަށް އަމަލުކުރަން ޖެހިދާނެ ކަމަށް ފީފާއަށް އަންގާފައިވާނެ ކަމަށް ތާޖް ވިދާޅުވިއެވެ.
“އަޅުގަނޑަށް ބެލެވޭ ގޮތުގައި ހުރިހާ ވިސާއެއް ފުރިހަމައަށް ލިބޭނެ. އަދި މިކަމުގައި އެއްވެސް މައްސަލައެއް ކުރިމަތިވާނެ ކަމަކަށް ނުފެނޭ،” އޭނާ ވިދާޅުވިއެވެ.
އީރާނުން ކުރިން ވޯލްޑް ކަޕްގެ ބޭސް ކޭމްޕް ގާއިމުކުރަން ނިންމާފައި އޮތީ އެމެރިކާގެ އެރިޒޯނާގެ ޓޫސަންގައެވެ. ނަމަވެސް މިހާރު ވަނީ އެ ކޭމްޕް މެކްސިކޯގެ ބޯޑަރު ކައިރީގައި އޮންނަ ޓިހުއާނާއަށް ބަދަލުކޮށްފައެވެ.
އީރާނުން ގްރޫޕް ސްޓޭޖުގައި ކުޅޭ ތިން މެޗުވެސް އޮތީ އެމެރިކާގައެވެ.
އެ ޓީމުގެ ފުރަތަމަ ދެ މެޗު ލޮސް އެންޖެލެސްގައި ކުޅޭއިރު، ޖޫން 15 ގައި ނިއުޒީލެންޑާ ދެކޮޅަށް އަދި ޖޫން 21 ގައި ބެލްޖިއަމާ ދެކޮޅަށް ނުކުންނާނެއެވެ. ގްރޫޕްގެ ފަހު މެޗުގައި ޖޫން 27 ގައި ސިއެޓްލްގައި ބައްދަލުކުރާނީ މިސްރާއެވެ.



