އިޒްރޭލު ސިފައިން ލުބުނާނުން ފައިބާނަމަ، ހިޒްބުاللهގެ މުޖާހިދުންވެސް އެ ސަރަހައްދުތަކުން ފޭބުމަށް ތާއީދު – މަޖިލީހުގެ ރައީސް

ލުބުނާނުގެ މަޖިލީހުގެ ރައީސް ނަބީހް ބެއްރީ، އިޒްރޭލު ސިފައިން ލުބުނާނުގެ ސަރަހައްދުތަކުން ފައިބާނަމަ، ހިޒްބުاللهގެ މުޖާހިދުންވެސް އެ ސަރަހައްދުތަކުން ފޭބުމަށް ތާއީދުކުރައްވައިފިއެވެ.
ހިޒްބުاللهއާ ގާތްގުޅުމެއް ބާއްވާ ލުބުނާނުގެ މަޖިލީހުގެ ރައީސް ނަބީހް ބެއްރީ ހުކުރު ދުވަހު ވިދާޅުވީ، އިޒްރޭލުން ޣައިރުގާނޫނީ ގޮތެއްގައި ހިފާފައިވާ ލުބުނާނުގެ ބިންތަކުން އެގައުމުގެ ސިފައިން ބާލާނަމަ، ލުބުނާނުގެ ދެކުނުން ހިޒްބުاللهގެ ފައުޖުތައް ބޭލުމަށް އޭނާ އެއްބަސްވެވަޑައިގަންނަވާ ކަމަށެވެ.
ބެއްރީގެ އޮފީހުން އާންމުކުރި ބަޔާނެއްގައި، އެމެރިކާ މެދުވެރިވެގެން މި ހަފުތާގައި ހުށަހެޅި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކީ އިންސާފުވެރި އެއްބަސްވުމެއް ނޫން ކަމަށް ވިދާޅުވެ ވަނީ ފާޑުވިދާޅުވެފައެވެ. އޭނާ ވިދާޅުވީ، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކީ އެއްވެސް ޝަރުތަކާ ނުލައި އެއްގަމާއި، ކަނޑާއި، ވައިގެ މަގުން ދޭ ހަމަލާތައް ހުއްޓާލުމަށް ބާރުއަޅާ އެއްބަސްވުމަކަށް ވާންޖެހޭނެ ކަމަށެވެ.
މީގެ އިތުރުން، އިޒްރޭލުން ހިފާފައިވާ ސަރަހައްދުތަކުން ފައިބަމުންދާ ވަގުތާ އެއްވަގުތެއްގައި، ލިޓާނީ ކޯރުގެ ދެކުނުގައިވާ ސަރަހައްދުތަކުން ހިޒްބުاللهގެ ފައުޖުތައް ފޭބުމަށް އޭނާ ތާއީދުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.
މި މައްސަލައިގައި އީރާނުންވެސް ވަނީ އެގައުމާ ގުޅުން އޮންނަ ލުބުނާނުގެ ހަނގުރާމަވެރިންނަށް ތާއީދުކުރާކަން ހާމަކޮށް، އިޒްރޭލު ސިފައިން ލުބުނާނުގެ ދެކުނުން ވަގުތުން ފޭބުމަށް ގޮވާލާފައެވެ. މީގެ ސަބަބުން އެމެރިކާއާއި އީރާނާ ދެމެދު އޮތް ނުތަނަވަސްކަން ހައްލުކުރުމަށް ކުރާ މަސައްކަތްތަކަށް ވަނީ އިތުރު ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ.
ހިޒްބުاللهއާއި އިޒްރޭލާ ދެމެދު މިފަހުން ކުރިމަތިލުންތައް ވަރުގަދަވެފައިވަނީ، މާޗް މަހުގެ ކުރީކޮޅު އެމެރިކާއާއި އިޒްރޭލުން އީރާނަށް ދިން ހަމަލާތަކާ ގުޅިގެންނެވެ. ހިޒްބުاللهއިން ބުނަމުންދަނީ އެޖަމާއަތުން ހަމަލާތައް ދެނީ އީރާނަށް އެހީތެރިވުމުގެ ގޮތުން ކަމަށެވެ.
އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ ލުބުނާނުގެ އަލް-މަޔާދީން ޓީވީއަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ، މި ހަނގުރާމަ ނިމުމަކަށް އަންނާނީ ލުބުނާނުގައިވެސް ހަމަލާތައް ހުއްޓާލުމުން ކަމަށެވެ. އަދި ލުބުނާނުގައި ހިންގާ ހަނގުރާމަ ހުއްޓާލުމަކީ އިޒްރޭލުން ހިފާފައިވާ ހުރިހާ ބިންތަކުން ފޭބުމާ ގުޅިފައިވާ ކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި ވާހަކަތައް އައިސްފައިވަނީ، ހަނގުރާމަ ހުއްޓާލުމަށްޓަކައި އެމެރިކާ މެދުވެރިވެގެން އިޒްރޭލާއި ލުބުނާނު ސަރުކާރާ ދެމެދު އެކުލަވާލި އެއްބަސްވުމަށް ހިޒްބުاللهގެ ލީޑަރު ނައީމް ގާސިމް ދެކޮޅު ހެއްދެވި ދަނޑިވަޅެއްގައެވެ.
އެމެރިކާގެ ފިއްތުންތައް ކުރިމަތިވަމުން ދިޔަ ނަމަވެސް، އިޒްރޭލުން ބުނަމުންދަނީ ލުބުނާނުގެ ދެކުނަށް ދެމުންދާ ހަމަލާތައް ހުއްޓާނުލާނެ ކަމަށާއި، އެ ސަރަހައްދުން އެގައުމުގެ ސިފައިން ނުފައިބާނެ ކަމަށެވެ.
ހުކުރު ދުވަހު ހިޒްބުاللهއިން ވަނީ ލުބުނާނުގެ ދެކުނުގައިވާ ބޯފޯޓް ކާސަލް ހިމެނޭ ސަރަހައްދުގެ އިތުރުން އެހެން ބައެއް ތަންތަނުގައި ތިބި އިޒްރޭލު ސިފައިންނަށް ދެ ހަމަލާއެއް ދީފައިވާކަން ހާމަކޮށްފައެވެ. ހަމައެއާއެކު، އިޒްރޭލުގެ ވައިގެ ހަމަލާތައް ލުބުނާނުގެ ދެކުނުގެ އެކި ރަށްތަކަށް އަމާޒުވަމުންދާ ކަމަށް ލުބުނާނުގެ ސަލާމަތީ ބާރުތަކުން ރިޕޯޓްކޮށްފައިވެއެވެ.



