ޚަބަރު

ގޮނޑި ކަށަވަރުވާ ނަމަ ޕީއެންސީ ދޫކޮށްލަން ތިބީ ތައްޔާރަށް: ރައީސް ސޯލިހު

ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ނުގެއްލޭނެ ކަމުގެ ޔަގީންކަން ލިބިއްޖެ ނަމަ، ވެރިކަންކުރާ ޕީއެންސީ ދޫކޮށް އިދިކޮޅާ ގުޅެން ތައްޔާރަށް ތިބި މެންބަރުން މަޖިލީހުގައި އެބަތިއްބެވި ކަމަށް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ރޭ ވިދާޅުވެއްޖެއެވެ.

އައްޑޫ ހިތަދޫގައި ބޭއްވި ޖަލްސާގައި ޞާލިޙް ހާމަކުރެއްވި ގޮނޑި، ތިން ރައީސުން (ޞާލިޙް، ނަޝީދު، ޔާމީން) ގުޅިގެން އަނބުރާ ހޯދައިދެވޭނެ ނަމަ، ސަރުކާރު ޖަވާބުދާރީ ކުރުވަން ނުކުންނަން ބޭނުންވާ މެންބަރުން ޕީއެންސީ ކޯލިޝަނުގައި އެބަތިއްބެވި ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

މަޖިލީހުގެ މިހާރުގެ މިސްރާބާ މެދު ކަންބޮޑުވުން ފާޅުކުރައްވަމުން ޞާލިޙް ވިދާޅުވީ، މަޖިލީހުގެ “ރިމޯޓު ކޮންޓްރޯލް” އޮތީ ސީދާ ރައީސް މުޢިއްޒުގެ އަތްޕުޅުގައި ކަމަށެވެ. އަދި ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގެނެސްފައިވާ އިސްލާހުގެ ސަބަބުން މެންބަރުން ތިބީ ޕާޓީ ތެރޭގައި “ތަޅުއެޅުވިފައި” ކަމަށާއި، ރައްޔިތުންގެ ހައްގުގައި މިނިވަންކަމާއެކު މަސައްކަތް ކުރުމުގެ ފުރުސަތު މެންބަރުންނަށް މިހާރު ބަންދުވެފައިވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ކުރިއަށް އޮތް ބައި-އިލެކްޝަނާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ޞާލިޙް ވިދާޅުވީ، މިހާރު “ތިލަފަތް ބަރުވަމުން” އަންނަނީ އެމްޑީޕީއަށް ކަމަށާއި އިންތިޚާބު ކާމިޔާބުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ. އަދި އެމްޑީޕީގެ ކެންޑިޑޭޓް ސޯބެ ހޮވުމާއެކު، މަޖިލީހުގެ ތެރެއިން ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ބޮޑެތި ބަދަލުތަކެއް ފެށި، މިއަހަރު ނިމުމުގެ ކުރިން ރައީސް މުޢިއްޒު ޖަވާބުދާރީ ކުރުވާނެ ކަމަށް ވެސް ޞާލިޙް ވިދާޅުވިއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close