ހިފާފައިވާ ހުޅަނގު އައްސޭރީގައި އިސްރާއީލުން ވަޒަންވެރިވުން ފުޅާކުރުމަށް ބޮޑު މަޝްރޫއެއް ރާވައިފި

އިސްރާއީލުގެ ހަރުކަށި ފިނޭންސް މިނިސްޓަރު ބުދަ ދުވަހު އިއުލާން ކުރެއްވި ގޮތުގައި، ހިފާފައިވާ ހުޅަނގު އައްސޭރީގައި ޔަހޫދީން ވަޒަންވެރިވުމަށް ތިން ސަރަހައްދެއްގައި 2،000 އަށް ވުރެ ގިނަ އައު ގެތައް ބިނާކުރުމަށް ވަނީ ނިންމާފައެވެ. ފަލަސްތީނުގެ ރައްޔިތުންނަކީ މުސްތަގުބަލުގައި މި ސަރަހައްދުގައި މިނިވަން ދައުލަތެއް ގާއިމުކުރުމަށް އުންމީދު ކުރަމުންދާ ބައެކެވެ. ދުނިޔޭގެ ގިނަ ގައުމުތަކުން ދެކޭ ގޮތުގައި އިސްރާއީލުގެ މިފަދަ ވަޒަންވެރިވުމުގެ އަމަލުތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު، އަދި ދާއިމީ ސުލްހައެއް ގާއިމުކުރުމަށް އޮތް އެންމެ ބޮޑު ހުރަހެކެވެ.
ހުޅަނގު އައްސޭރީގެ އިދާރީ ކަންކަމާ ހަވާލުވެ ހުންނެވި ބެޒަލެލް ސްމޮޓްރިޗް ވިދާޅުވީ، ޕްލޭނިންގ ކޮމިޓީން 2،162 އައު ގެ ބިނާކުރުމަށް މިހާރު ހުއްދަ ދީފައިވާ ކަމަށެވެ. މީގެ ތެރޭގައި ގުދުސް ކައިރިން 1،006 ޔުނިޓާއި، ފަލަސްތީނުގެ ނާބުލުސް ސިޓީ ކައިރިން 922 ޔުނިޓް އަދި ހެބްރޯން ކައިރިން 234 ޔުނިޓް ހިމެނެއެވެ. ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހަރުކަށި އަމަލުތަކަށް ހިތްވަރުދޭ ކަމުގެ ތުހުމަތުގައި އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތް ފަދަ ގައުމުތަކުން ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ ސްމޮޓްރިޗް ވިދާޅުވީ، “އަމަލީ ގޮތުން އިސްރާއީލުގެ ބިންތައް ބިނާކުރުން” މެދުނުކެނޑި ކުރިއަށް ގެންދާނެ ކަމަށެވެ.
އޭނާގެ މައްޗަށް އަޅާފައިވާ ބައިނަލްއަގުވާމީ ފިޔަވަޅުތަކަށް ފާޑުވިދާޅުވަމުން ސްމޮޓްރިޗް ވިދާޅުވީ، އެކަމުގެ ސަބަބުން އިސްރާއީލުގެ ސިޔާސަތުތަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ. މި އައު ގެތަކުގެ ސަބަބުން ބިމުގެ މައްޗަށް އޮތް ބާރުގަދަވެ، އިސްރާއީލުގެ ސަލާމަތީ ކަންކަން ވަރުގަދަވެ، ގައުމުގެ މެދުތެރޭގައި “އަރަބިޓެރަރިސްޓް ދައުލަތެއް” އުފެދުން ހުއްޓުވުމަށްޓަކައި ބިމުގެ ހަގީގަތްތައް ސާފުކޮށް ކަނޑައެޅިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ނަމަވެސް، މި މަސައްކަތް އަމަލީ ގޮތުން ފަށާނެ ވަގުތެއް އޭނާ ހާމައެއް ނުކުރައްވައެވެ.
ވަޒީރުކަމާ ހަވާލުވެވަޑައިގަތް ފަހުން ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި، ސްމޮޓްރިޗް މަސައްކަތް ކުރައްވަމުން ގެންދަވަނީ ހުޅަނގު އައްސޭރީގެ މައްޗަށް އިސްރާއީލުން އޮތް ބާރުވެރިކަން އިތުރުކޮށް، ފަލަސްތީނުގެ ދައުލަތެއް އުފެއްދުމުގެ ފިކުރާ ދެކޮޅަށް ވަކާލާތު ކުރެއްވުމަށެވެ. ބެންޖަމިން ނަތަންޔާހޫގެ ކަނާތު ފިޔައިގެ ހަރުކަށި ސަރުކާރުން ވަނީ ހުޅަނގު އައްސޭރީގައި ޔަހޫދީން ވަޒަންވެރިވުން ވަރަށް ބޮޑަށް ފުޅާކޮށް، އައު އާބާދީތައް ގާއިމުކުރުމުގެ ކަންކަން ބަލަހައްޓާފައެވެ.



