އަސަދުގެ ވެރިކަމުގައި ހިންގާފައިވާ ލާއިންސާނީ ޢަމަލުތައް ބެލުމަށް ސަރުކާރުގެ ރެކޯޑްތައް ހުޅުވާލަނީ

އަސަދުގެ ވެރިކަމުގައި ހިންގާފައިވާ ހަނގުރާމައިގެ ކުށްތައް ތަޙުޤީޤުކުރާ ވިލާތުގެ އިއްތިޙާދުގެ މަންދޫބުންނަށް ސަރުކާރުގެ ރެކޯޑްތައް ހުޅުވާލުމަށް ސީރިއާ ތައްޔާރުވެއްޖެއެވެ.
2011 އިން 2024 އަށް ސީރިއާގައި ކުރި ދާޚިލީ ހަނގުރާމައިގެ ދުވަސްވަރު، ވެރިކަމުން ދުރުކުރެވިފައިވާ ބައްޝާރުލް އަސަދުގެ ސަރުކާރުން ހިންގާފައިވާ ހަނގުރާމައިގެ ކުށްތަކުގައި ބައިވެރިވި ފަރާތްތައް ތަޙުޤީޤުކުރުމުގައި، ވިލާތުގެ އިއްތިޙާދުގެ ޤައުމުތަކަށް އެއްބާރުލުން ދިނުމަށް ސީރިއާގެ ޢަރަބި ޖުމްހޫރިއްޔާގެ ސަރުކާރުން ހުށަހަޅައިފިއެވެ.
އަސަދުގެ ސަރުކާރުން މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް ހިންގި ލާއިންސާނީ އަމަލުތަކުގެ ޝިކާރައަކަށްވި ފަރާތްތަކަށް އިންސާފު ހޯދައިދިނުމަށްޓަކައި، ސަރުކާރުގެ ރަސްމީ ރެކޯޑްތަކާއި، ހެކިވެރިންނާއި، އަދި ކުށް ހިނގި ތަންތަނަށް ޒިޔާރަތްކުރުމުގެ ފުރުޞަތު ވިލާތުގެ ތަޙުޤީޤީ ޓީމުތަކަށް ދިނުމަށް ތައްޔާރަށް އޮތްކަން ސީރިއާގެ ދާޚިލީ ވުޒާރާއިން ވަނީ އިޢުލާނުކޮށްފައެވެ.
ސީރިއާގެ ދާޚިލީ ވުޒާރާގެ ތަރުޖަމާނު ނޫރުއްދީން އަލް ބާބާ، ސީރިއަން އަރަބް ނިއުސް އެޖެންސީ (ސަނާ) އަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، ކުށްތަކާ ގުޅިގެން ހޯދަން ބޭނުންވާ ގާތްގަނޑަކަށް 1,000 މީހުންގެ ލިސްޓެއް ސަރުކާރުން ވަރަށް އަވަހަށް ޢާންމުކުރާނެ ކަމަށެވެ. މީގެ ތެރޭގައި ކުރީގެ އަސްކަރީ އޮފިސަރުންނާއި ސަރުކާރުގެ އިސް މަސްއޫލުވެރިން ހިމެނެއެވެ.
އޭނާ އިތުރަށް ވިދާޅުވި ގޮތުގައި އަސަދުގެ ސަރުކާރުގެ ސަލާމަތީ ބާރުތަކުގައި މަސައްކަތްކުރި ގިނަ ބަޔަކު މިހާރު ދިރިއުޅެމުންދަނީ ވިލާތުގެ ޤައުމުތަކުގައެވެ. މީގެ ތެރެއިން ސްވިޑަންގައި އެކަނިވެސް އެފަދަ 15 މީހަކު އެ ޤައުމުގެ ކަމާބެހޭ ފަރާތްތަކުން ވަނީ ދެނެގަނެފައެވެ.
ސްވިޑަންގެ ޕްރޮސެކިއުޓަރ ރީނާ ދޭވްގުން ވިދާޅުވި ގޮތުގައި، ބޮޑެތި ލާއިންސާނީ ޖަރީމާތަކުގެ ތުހުމަތު ކުރެވޭ އަސަދުގެ ސަރުކާރުގެ އިސްވެރިންނަށް ހިމާޔަތްދޭ އަމާން އައްސޭރިއަކަށް ވިލާތުގެ ޤައުމުތައް ވެގެންނުވާނެއެވެ.
ޖަރުމަނު، ސްވިޑަން، ފަރަންސޭސިވިލާތް، އޮސްޓްރިއާ، ބެލްޖިއަމް އަދި ނެދަލޭންޑްސް އިން ވަނީ ދައުލަތުން ރާވައިގެން ހިންގާފައިވާ އަނިޔާވެރި އަމަލުތަކާއި އިންސާނިއްޔަތާ ޚިލާފު ކުށްތަކާއި ގުޅިގެން އަސަދުގެ ސަރުކާރުގެ އިސްވެރިންނާ ދެކޮޅަށް ދަޢުވާ އުފުލައި ޝަރީޢަތްތައް ހިންގަން ފަށާފައެވެ. މިގޮތުން، ސީރިއާގެ ރައްޤާ ސިޓީގެ އިންޓެލިޖެންސްގެ ކުރީގެ ވެރިޔާގެ މައްޗަށް، އަސަދުގެ ސަރުކާރާ ދެކޮޅަށް ހަރަކާތްތެރިވި އެކްޓިވިސްޓުންނަށް އަނިޔާކުރުމާއި ޖިންސީ ގޯނާކުރިކަމުގެ ދަޢުވާ އުފުލައި، މިދިޔަ ހޯމަ ދުވަހު އޮސްޓްރިއާގައި ވަނީ އޭނާގެ ޝަރީޢަތް ފަށާފައެވެ.





