ފިޗުން ރާއްޖޭގެ ކްރެޑިޓް ރޭޓިން ‘ސީސީސީ-‘ އަށް މަތިކޮށްފި

ދުނިޔޭގެ އެންމެ ބޮޑު އެއް ކްރެޑިޓް ރޭޓިން އެޖެންސީ ކަމަށްވާ ފިޗް ރޭޓިންސް އިން ރާއްޖޭގެ ކްރެޑިޓް ރޭޓިން ‘ސީސީ’ އިން ‘ސީސީސީ-‘ އަށް މިއަދު މަތިކޮށްފިއެވެ. މި ބަދަލު ގެނައުމުގެ މައިގަނޑު ސަބަބެއްގެ ގޮތުގައި އެ އެޖެންސީން ފާހަގަކޮށްފައިވަނީ، މިދިޔަ އޭޕްރިލް މަހުގެ ތެރޭގައި ދައްކަންޖެހުނު ބޭރުގެ އެންމެ ބޮޑު އެއް ދަރަނި ކަމަށްވާ ސުކޫކް ދައްކައި ހަލާސްކުރުމާ ގުޅިގެން، ރާއްޖެއިން ދަރަނި ނުދެއްކިދާނެކަމުގެ ނުރައްކާ ކުރިއަށްވުރެ ކުޑަވެފައިވާ ކަމަށް ގަބޫލުކުރެވުމެވެ.
ފިޗުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކުރިއަށް އޮތް ތަނުގައި ބޭރުގެ ދަރަނިތައް ދައްކަންޖެހޭ މިންވަރު މަދުވުމުގެ އިތުރުން، ބައިނަލްއަގުވާމީ އެކި ފަރާތްތަކުން ލިބެމުންދާ އެހީތެރިކަމުގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެފައިވާ މާލީ ދަތިތަކަށް ހައްލެއް ލިބި، ރިޒާވް އަލުން ބިނާކުރުމަށް ފުރުސަތު ހުޅުވިގެންދާނެ ކަމަށެވެ.
މި ރޭޓިންއާ ގުޅިގެން ފިނޭންސް މިނިސްޓްރީން ބުނެފައިވަނީ މިއީ ވޭތުވެދިޔަ އަހަރުގެ ތެރޭގައި ދައުލަތުގެ މާލީ ހާލަތު ރަނގަޅުކުރުމަށާއި ދަރަނި މެނޭޖުކުރުމަށް ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅުތަކަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށެވެ. އޭގެ ތެރޭގައި ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް ގެނައި އިސްލާހުތަކާއި، ބޭރު ފައިސާ ވަންނަ މިންވަރު އިތުރުކުރުމުގެ އިތުރުން ރިޒާވް ވަރުގަދަކުރުމަށްޓަކައި އަލަށް ތައާރަފުކުރި ބޭރު ފައިސާއާ ބެހޭ ގާނޫނު ހިމެނޭ ކަމަށްވެސް އެ މިނިސްޓްރީން ފާހަގަކުރެއެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ދުނިޔޭގެ އަނެއް ރޭޓިން އެޖެންސީ ކަމަށްވާ މޫޑީސް އިން ވެސް ވަނީ ރާއްޖޭގެ ކްރެޑިޓް ރޭޓިން ‘ސީއޭއޭ-2’ ގައި ދަމަހައްޓައި، ކުރިން އޮތް ‘ނެގެޓިވް’ އައުޓްލުކް ‘ސްޓޭބަލް’ އަށް ބަދަލުކޮށްފައެވެ.
މި އަހަރުގެ ތެރޭގައި ދިވެހި ސަރުކާރުން ވަނީ ބޭރުގެ ދަރަނިތައް ދެއްކުމުގައި މުހިންމު ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން 500 މިލިއަން ޑޮލަރުގެ ސުކޫކަކާއި، އިންޑިއާއަށް ދައްކަންޖެހޭ 50 މިލިއަން ޑޮލަރުގެ ދަރަނީގެ އިތުރުން، ރިޒާވް ބޭންކް އޮފް އިންޑިއާ (އާރުބީއައި) އިން ނަގާފައިވާ 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީ ވެސް ސަރުކާރުން ވަނީ ދައްކައި ހަލާސްކޮށްފައެވެ.


