ކުޅިވަރު

އަފްގާނިސްތާން އަތުން ޖެހިޖެހިގެން ތިންވަނަ ފަހަރަށް ބަލިވެ، ރާއްޖެއަށް މުބާރާތުގެ ފެށުން ނާކާމިޔާބުވެއްޖެ

ރާއްޖޭގެ ފުޓްބޯޅައަށް 75 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ގަލޮޅު ރަސްމީ ދަނޑުގައި މިރޭ ފެށި ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި، ވާދަވެރި ކުޅުމަކަށް ފަހު 1-0 ގެ ނަތީޖާއަކުން އަފްގާނިސްތާން އަތުން ރާއްޖޭގެ ގައުމީ ޓީމު ބަލިވެއްޖެއެވެ. މިއީ އެންމެ ފަހުން ކުޅުނު މެޗުތަކަށް ބަލާއިރު، އަފްގާނިސްތާން އަތުން ޖެހިޖެހިގެން ރާއްޖެ ބަލިވި ތިންވަނަ ފަހަރެވެ.

ވިއްސާރަ ދުވަހެއްގައި ކުޅުނު މި މެޗުގައި ރާއްޖޭގެ ގައުމީ ޓީމަށް އިރުޝާދުދިނީ ހަންގޭރީގެ ކޯޗު އިސްތަވާން އުރްބާނީ އެވެ. އަދި އަނިޔާގެ ސަބަބުން ގައުމީ ކެޕްޓަން ސަމޫހު އަލީ (ސަމުއްޓެ) އަށް މި މުބާރާތުގައި ނުކުޅެވޭތީ، މިރޭގެ މެޗުގައި ކެޕްޓަން ބޭންޑް އަޅައިގެން ޓީމު ލީޑުކުރީ ތަޖުރިބާކާރު ކުޅުންތެރިޔާ ހަމްޒާ މުހައްމަދު (ހަމްޕު) އެވެ. މީގެ އިތުރުން ރާއްޖޭގެ ސެންޓްރަލް ޑިފެންސްގައި މުޅިން އަލަށް ޕެއާއެއްގެ ގޮތުގައި ފެނުނީ އަމްދާން އަލީ (އެންޑީ) އާއި ހަސަން އީނާޒް (ބަކާ) އެވެ.

މެޗުގެ ފުރަތަމަ ހާފުގައި އަފްގާނިސްތާނުން ބާރު ސްޕީޑެއްގައި ކުޅެ، ރާއްޖޭގެ ފަހަތަށް ވަރަށް ބޮޑަށް ބާރުބޮޑުކުރިއެވެ. ހާއްސަކޮށް މެލޭޝިއާގެ ސެލަންގޯއަށް ކުޅޭ އޮމިދު މުސާވީއާއި ވަޓްފޯޑްގެ ކުރީގެ ކުޅުންތެރިޔާ އަމީން ނަބީޒާދާގެ ފަރާތުން ނުރައްކާތެރި ހަމަލާތަކެއް ފެނުނު ނަމަވެސް، ރާއްޖޭގެ ގޯލް ބެލެހެއްޓި ކީޕަރު ހުސެއިން ޝަރީފް (ހުސެން) ޓެސްޓުކޮށްލެވޭ ފަދަ ސީދާ ހަމަލާއެއް އެޓީމަށް ފޮނުވައެއް ނުލެވުނެވެ.

ރާއްޖޭގެ ޓީމަށް ބަލާއިރު، ފުރަތަމަ ހާފުގައި އަހުޒަމް ރަޝީދު (އަހު) އާއި އިބްރާހިމް އައިސަމް އޭރިއާ ބޭރުން ފޮނުވާލި ހަމަލާތަކުން ނަތީޖާ ބަދަލެއް ނުކުރެވުނެވެ. އަދި ރާއްޖޭގެ ޒުވާން ފޯވާޑް މުހައްމަދު އިލާން އިމްރާން އަފްގާނިސްތާނުގެ ޑިފެންޑަރުން ކައިރިން ނައްޓާލަން ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް، ފުރަތަމަ ހާފު ނިމުނީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހިއެވެ.

ދެވަނަ ހާފު ފެށުމާ އެކު ރާއްޖެއިން ބަދަލުތަކެއް ގެނެސް، އަހުގެ ބަދަލުގައި އަލީ ފާސިރު (ސެންޓޭ) ކުޅެން އެރުވިއެވެ. އޭގެ ފަހުން ނާއިޒު ހަސަން (ދާދު) އާއި ނައްސާހު އިބްރާހިމް ނާސިރު ކުޅެން ނުކުތުމާއެކު ރާއްޖޭގެ އެޓޭކުތައް އަވަސްވެ، އިބްރާހިމް ވަހީދު ހަސަން (އިއްބެ) ފޮނުވާލި ބާރު ޝޮޓެއް އަފްގާނިސްތާނުގެ ކީޕަރު ފައިސަލް އަހުމަދު ހަމީދީ މަތަކުރިއެވެ.

މުޅި މެޗުގެ ނަތީޖާ އަފްގާނިސްތާނު ކޮޅަށް އެނބުރިގެންދިޔައީ 80 ވަނަ މިނިޓުގައެވެ. ރާއްޖޭގެ އޭރިއާ ތެރެއަށް ހުރަސްކުރި ބޯޅައެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި ހެދުނު ގޯހެއްގެ ފައިދާ ނަގައި، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނުކުތް ރޯމަން ފާޒީ ވަނީ ބޯޅަ ގޯލުގެ ތިރީ ކަނަށް ފޮނުވާލައިގެން އަފްގާނިސްތާނަށް މެޗުގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދީފައެވެ.

އަފްގާނިސްތާނުން ލަނޑު ޖެހުމާއެކު، ނަތީޖާ އެއްވަރުކުރުމަށްޓަކައި ރާއްޖެއިން ފަހު ބަދަލެއްގެ ގޮތުގައި ތަޖުރިބާކާރު ފޯވާޑް އަލީ އަޝްފާގު (ދަގަނޑޭ) ކުޅެން އެރުވި ނަމަވެސް، މެޗު ނިމުނީ އަފްގާނިސްތާނު ކުރީގައި އޮވެގެންނެވެ.

ހަތަރު ގައުމު ވާދަކުރާ މި މުބާރާތުގައި މިއަދު ހަވީރު ކުޅުނު ފުރަތަމަ މެޗުގައި ބަންގްލަދޭޝްއާއި ޕާކިސްތާން ބައްދަލުކޮށް ލަނޑެއް ނުޖެހި ވަނީ އެއްވަރުވެފައެވެ. މުބާރާތުގެ ދެވަނަ މެޗުގައި އަންނަ ބުރާސްފަތި ދުވަހުގެ ހަވީރު ރާއްޖެ ނުކުންނާނީ ބަންގްލަދޭޝްއާ ދެކޮޅަށެވެ. އަދި އެރޭ ކުޅޭ މެޗުގައި އަފްގާނިސްތާން ބައްދަލުކުރާނީ ޕާކިސްތާނާއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close