އިންޑިއާއަށް ދާ އެންމެން ސެލްފް ޑެކްލަރޭޝަން ފޯމު ފުރުން މަޖުބޫރުކޮށްފި

ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ (ޑީއާރްސީ) އާއި އެ ސަރަހައްދުގެ ބައެއް ގައުމުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި އިބޯލާ ވައިރަހާ ގުޅިގެން، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އިންޑިއާއަށް ދަތުރުކުރާ ހުރިހާ ބައިނަލްއަގުވާމީ ފަސިންޖަރުން “ސެލްފް ޑެކްލަރޭޝަން” ފޯމު ފުރުން އެ ގައުމުން މަޖުބޫރުކޮށްފި އެވެ.
އިންޑިއާގެ ޑައިރެކްޓަރޭޓް ޖެނެރަލް އޮފް ސިވިލް އޭވިއޭޝަން (ޑީޖީސީއޭ) އިން އެއާލައިންތަކަށް މިހާރު ވަނީ މިކަމާ ގުޅޭ ހާއްސަ އުސޫލުތަކެއް (އެސްއޯޕީ) އެކުލަވާލައި އަމަލުކުރަން އަންގައިފަ އެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން މި ބަލީގެ ސަބަބުން މުޅި ދުނިޔެއަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުމާ ގުޅިގެން ފެށި މި ހަރުދަނާ ފިޔަވަޅުތަކުގެ ބޭނުމަކީ ބަލިޖެހިފައިވާ މީހުން ދުރާލައި ދެނެގަތުމާއި އެއާޕޯޓުތަކުގެ ސަވައިލަންސް ނިޒާމު ވަރުގަދަކުރުމެވެ.
މި ނިންމުމާ ގުޅިގެން ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަން އިން ވެސް ވަނީ އިންޑިއާއަށް ދަތުރުކުރާ ދިވެހި ފަސިންޖަރުން މިކަމަށް ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ. އެ އެއާލައިނުން ބުނި ގޮތުގައި ދަތުރުވެރިން ފުރަން ދިއުމުގެ ކުރިން އެސްޑީއެފް ފޯމު ފުރަންޖެހޭނެ އެވެ. އަދި މި ފޯމު ފުރުމަށް ފަހު އިންޑިއާގެ އެއާޕޯޓަށް ވާސިލްވުމުން އެ ގައުމުގެ ހެލްތު އެންޑް އިމިގްރޭޝަން ކައުންޓަރަށް ހުށަހަޅަންޖެހޭނެ އެވެ.
އިންޑިއާގެ ސިވިލް އޭވިއޭޝަނުން އެކުލަވާލި އާ އުސޫލުގެ ދަށުން، ފްލައިޓްތަކުގެ ތެރޭގައި އިބޯލާ ބަލީގެ އަލާމާތްތަކާ ބެހޭ މައުލޫމާތު ފަސިންޖަރުންނަށް ދިނުމާއި، އެފަދަ އަލާމާތެއް ފެނިއްޖެނަމަ ރިޕޯޓުކުރަން ބާރުއަޅަން ޖެހެއެވެ. މީގެ އިތުރުން ބަލި ފެތުރިފައިވާ ގައުމުތަކަށް ދަތުރުކޮށްފައިވާ މީހުން އެމީހުންގެ ދަތުރުގެ ތާރީހާއި ސިއްހީ ތަފްސީލުތައް ހާމަކުރަންޖެހޭއިރު، އިންޑިއާގެ ބައިނަލްއަގުވާމީ ޓާމިނަލްތަކުގައި ތާމަލް ސްކޭނަރު ބޭނުންކޮށްގެން ފަސިންޖަރުންގެ ހުން ހުރިތޯ ބަލަމުންދާނެ އެވެ.
އިންޑިއާގައި މިހާތަނަށް ބަލީގެ އަލާމާތްތައް ހުރެގެން ޓެސްޓުކުރި އެންމެންގެ ނަތީޖާ ވެސް ބައްޔަށް ނެގެޓިވްވެފައިވީ ނަމަވެސް، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ މީހުން ބައިތިއްބާފައިވަނީ ކަރަންޓީނުގަ އެވެ. ސިއްހީ މާހިރުން އިންޒާރު ދޭ ގޮތުގައި މިހާރު DRC ގައި ފެތުރެމުންދާ އިބޯލާ ވައިރަހުގެ ވަކި ހާއްސަ ސްޓްރެއިންއަކަށް ކަނޑައެޅިގެން ކާމިޔާބު ވެކްސިނެއް އަދި ހޯދިފައެއް ނުވެއެވެ.
މިހާތަނަށް މި ބަލީގައި 263 މީހުން މަރުވެފައިވާއިރު، އޭގެ ތެރެއިން 128 މަރު ސީދާ އިބޯލާ ވައިރަހާ ގުޅުންހުރި ކަމަށް ވަނީ ކަށަވަރުވެފަ އެވެ. މި ވައިރަހަކީ ހަށިގަނޑުން ބޭރުވާ ދިޔާ އެއްޗެހީގެ ޒަރީއާއިންނާއި ލޭގެ ޒަރީއާއިން ގައިންގަޔަށް އަރާ ބައްޔެއް ނަމަވެސް، ބަލީގެ އަލާމާތްތައް ނުފެންނަ މީހެއްގެ ގައިން އެހެން މީހަކަށް ބަލި ނޭރިއަސް، ވައިރަސް ހަށިގަނޑަށް ވާސިލްވުމަށްފަހު އަލާމާތްތައް ފެންނަން 21 ދުވަސް ނަގާފާނެ ކަމަށް ސިއްހީ މާހިރުން ބުނެ އެވެ.

