އެމެރިކާގެ ކެލިފޯނިއާގެ ލިވަމޯރ ވައިން ކަންޓްރީގައި ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގައި ގުދަންތަކެއް ގޮވައިފި

އެމެރިކާގެ ކެލިފޯނިއާގެ ލިވަމޯރގެ ވައިން ކަންޓްރީ ސަރަހައްދުގައި ހުރި ދަނޑުވެރިކަމަށް ބޭނުންކުރާ އިމާރާތްތަކެއްގައި ބުދަ ދުވަހުގެ މެންދުރުފަހު ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
ޓެސްލާ ރޯޑް އަދި ގްރީންވިލް ރޯޑް ކައިރިން ފެށުނު މި އަލިފާންގަނޑު ފުރަތަމަ ރޯވީ ވިނަގަނޑެއްގައެވެ. ނަމަވެސް މާގިނައިރުތަކެއް ނުވެ އަލިފާންގަނޑު ކައިރީގައި ހުރި ދަނޑުވެރިކަމުގެ ބޮޑު ދެ ގުދަނަކަށް ފެތުރިގެންދިޔައެވެ.
މި ހާދިސާގައި އަލިފާން ރޯވި އިމާރާތްތަކުގެ ތެރޭގައި ބާރުގަދަ ގޮވުންތަކެއް ގޮވާފައިވާކަން ވައިގެ މަގުން ނަގާފައިވާ ވީޑިއޯތަކުން ވަނީ ކަށަވަރުވެފައެވެ. އަލިފާނުގެ ސަބަބުން މުޅި ސަރަހައްދުގެ އުޑުމަތި ބޯ ދުމުން ފުރިގެންދިޔަ ނަމަވެސް، އަލާމެޑާ ކައުންޓީ ފަޔަރ، ލިވަމޯރ-ޕްލެސެންޓަން ފަޔަރ އަދި ކެލް ފަޔަރ ގުޅިގެން ކުރި މަސައްކަތުން އަލިފާންގަނޑު އިތުރަށް ފެތުރުނަނުދީ ވަނީ ކޮންޓްރޯލްކޮށްފައެވެ. މި ހާދިސާގައި ޖުމްލަ 5.4 އޭކަރުގެ ސަރަހައްދަކަށް ގެއްލުން ލިބިފައިވާއިރު، އެއްވެސް މީހަކަށް އަނިޔާއެއްވި ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ. އަދި އެއްވެސް ސަރަހައްދަކުން މީހުން ހުސްކުރަން ޖެހިފައެއްވެސް ނުވެއެވެ.
މީގެ އިތުރުން ކެލިފޯނިއާގެ ދެކުނުގެ ސަރަހައްދެއް ކަމަށްވާ ސިމީ ވެލީގެ ފަރުބަދަމަތީ ސަރަހައްދުގައި ހޯމަ ދުވަހު ރޯވި “ސޭންޑީ” ވައިލްޑްފަޔަރގެ ސަބަބުން 17,000 އަށްވުރެ ގިނަ މީހުން ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ. ވިންޑްގެ ސަބަބުން ހަލުވިކަމާއެކު ފެތުރެމުންދާ މި އަލިފާންގަނޑުގެ ސަބަބުން މިހާތަނަށް 1,698 އޭކަރުގެ ސަރަހައްދެއް ވަނީ އަނދާފައެވެ. އަދި މަދުވެގެން އެއް ގެ އެއްކޮށް ހަލާކުވެފައިވާ ކަމަށް ވެންޗުރާ ކައުންޓީ ފަޔަރ ޑިޕާޓްމަންޓުން ބުނެއެވެ. ވައިގެ ދުވެލި މަޑުވުމާ ގުޅިގެން އަލިފާން ނިއްވާ ފަރާތްތަކަށް މިހާރު ވަނީ އަލިފާންގަނޑު ކޮންޓްރޯލް ކުރުމުގައި ކުރިއެރުންތަކެއް ލިބިފައެވެ.




