ބޭރުދުނިޔެ

އަރަފާތު ދުވަހު ގެފުޅާ އިރު ސީދާވާއިރު، އެއްވެސް ދިމާލަކުން ހިޔަންޏެއް ނުފެންނާނެ

ފަލަކީ ހިސާބުތަކުން ދައްކާގޮތުން ވަރަށް މަދުން ނޫނީ ނުފެންނަ ހާދިސާއެއްގެ ގޮތުގައި، މިއަހަރުގެ އަރަފާތު ދުވަހު އިރު ގެފުޅާ ސީދާ ބަރާބަރަށް އޮލަނބުވާނެ ކަމަށް ފަލަކީ މާހިރުން ހާމަކުރައްވައިފިއެވެ. ކޮންމެ 33 އަހަރަކުން އެއްފަހަރު ދިމާވާ މި ގުދުރަތީ ހާދިސާ އެންމެ ފަހުން ހިނގާފައިވަނީ 1993 ވަނަ އަހަރުގެ އަރަފާތު ދުވަހުގައެވެ.

މާހިރުން ލަފާކުރާ ގޮތުގައި ހިޖުރީގޮތުން 1447 ވަނަ އަހަރުގެ ޛުލްޙިއްޖާ މަހުގެ 9 ވަނަ ދުވަހު (26 މޭ 2026 ގައި) މައްކާ ގަޑިން މެންދުރު 12:18 ގައި އިރު ހުންނާނީ ގެފުޅުގެ ސީދާ މަތީގައެވެ. މިއީ މައްކާގެ މެންދުރު ނަމާދު ވަގުތަށް ވާއިރު، އިރު ސީދާ މައްޗަށް އެރުމުގެ ސަބަބުން އެއްވެސް ދިމާލަކުން ހިޔަނި ފެންނާކަށް ނުހުންނާނެއެވެ. މި ވަގުތު އިރު ދުނިޔެއާ ހުންނާނީ 151 މިލިއަން ކިލޯމީޓަރު ދުރުގައެވެ.

ޖިއޮގްރަފީ ގޮތުން މައްކާ އޮންނަ ސަރަހައްދުގެ ސަބަބުން އަހަރަކު ދެ ފަހަރު އިރު ގެފުޅާ ސީދާވެއެވެ. އެއީ އިރު، އީކުއޭޓަރާއި ޓްރޮޕިކް އޮފް ކެންސަރާ ދެމެދު ދަތުރުކުރާ ދުވަސްވަރެވެ. ނަމަވެސް، ހިޖުރީ ކަލަންޑަރާއި މީލާދީ ކަލަންޑަރު ދައުރުވާ ގޮތުން މި ހާދިސާ އަރަފާތު ދުވަހާ ދިމާވަނީ ކޮންމެ 33 އަހަރަކުން އެއް ފަހަރުއެވެ.

މިކަމާ ގުޅިގެން ސައުދީ އަރަބިއްޔާގެ ނެޝަނަލް ސެންޓަރ ފޯ މީޓިއޮރޮލޮޖީން ބުނެފައިވަނީ، މިއީ އާދައިގެ މަތިން ހިނގާ ފަލަކީ ހާދިސާއެއް ކަމަށާއި މީގެ ސަބަބުން މޫސުމާއި ފިނިހޫނުމިނަށް އާދަޔާ ހިލާފު ބަދަލެއް ނާންނާނެ ކަމަށެވެ.

އެ ސެންޓަރުގެ ތަރުޖަމާނު ޙުސައިން އަލް ގަޙްތާނީ ވިދާޅުވި ގޮތުގައި، ފިނިހޫނުމިން ބިނާވަނީ ވައިގެ ތެތްކަމާއި، ވިލާ ބޯމިނާއި، ވައިގެ ދުވެލީގެ މައްޗަށެވެ. އެހެންކަމުން، މި ހާދިސާއާ ގުޅިގެން އާދަޔާ ހިލާފަށް ހޫނުގަދަވާނެ ކަމަށް ދެކެވޭ ވާހަކަތަކުގައި ސައިންޓިފިކް އެއްވެސް އަސާސެއް ނެތް ކަމަށް ވިދާޅުވެ، މޫސުމީ މައުލޫމާތުތައް ހޯދުމުގައި ރަސްމީ އިދާރާތަކަށް ބަރޯސާވުމަށް އޭނާ އިލްތިމާސް ކުރެއްވިއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close