ޕާކިސްތާނުގައި ރޭލަކަށް އަމާޒުކޮށް ދިން ބާރުގަދަ ބޮމުގެ ހަމަލާއެއްގައި ގިނަ ބަޔަކު މަރުވެއްޖެ

ޕާކިސްތާނުގެ ހުޅަނގު ދެކުނުގައި އޮންނަ ހަލަބޮލި ބަލޮޗިސްތާން ޕްރޮވިންސްގައި، ސިފައިން ދަތުރުކުރި ރޭލަކަށް އަމާޒުކޮށް އާދީއްތަ ދުވަހު ދިން ބޮމުގެ ހަމަލާއެއްގައި މަދުވެގެން 24 މީހުން މަރުވެފައިވާ ކަމަށް އެ ގައުމުގެ އިސް އޮފިޝަލަކު ވިދާޅުވެއްޖެއެވެ.
ޕްރޮވިންސްގެ ވެރިރަށް ކުއެޓާގައި ދިން މި ހަމަލާގައި 50 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވާ އިރު، މަރުވި މީހުންގެ ތެރޭގައި ސިފައިން ހިމެނޭ ކަމަށް އޭއެފްޕީ ނިއުސް އެޖެންސީއަށް މައުލޫމާތު ދެއްވި އޮފިޝަލު ކަށަވަރުކޮށްދެއްވިއެވެ.
ހާދިސާ ހިނގި ސަރަހައްދުން ފެންނަ ފޮޓޯތަކުން ފެންނަ ގޮތުގައި، ބާރުގަދަ ގޮވުމުގެ ސަބަބުން ރޭލުގެ ބައެއް ބޭރުވެ، ފުނޑުފުނޑުވެފައިވެއެވެ. އަދި ރޭލުގެ ބައިތަކުގެ ދަށުން ސަލާމަތްވި މީހުން ހޯދުމަށް އާންމުންނާއި މީހުން ސަލާމަތްކުރާ ފަރާތްތަކުން މަސައްކަތް ކުރަމުންދާ މަންޒަރު ފެނެއެވެ. މީގެ އިތުރުން، ލެއިން ތަތްތެޅިފައިވާ މީހުން ސްޓްރެޗަރުތަކުގައި އުފުލައިގެން ގެންދާ މަންޒަރު ފެންނަ އިރު، ހަތިޔާރު އެޅި ސަލާމަތީ ބާރުތަކުން ދަނީ އެ ސަރަހައްދު ބަލަހައްޓަމުންނެވެ.
އޮފިޝަލު ވިދާޅުވި ގޮތުގައި، ސިފައިންނާއި އެމީހުންގެ އާއިލާތައް ގޮވައިގެން ދަތުރުކުރި މި ރޭލަކީ ކުއެޓާއިން ފުރައިގެން ޕާކިސްތާނުގެ ހުޅަނގު އުތުރުގައި އޮންނަ ޕެޝާވަރަށް ދަތުރުކުރި ރޭލެކެވެ. ރޭލު ކުއެޓާގެ ‘ޗަމަން ޕައްޓަކް’ ސަރަހައްދުގެ ސިގްނަލަކާ ހަމައިން ދަތުރުކުރަނިކޮށް، ގޮވާތަކެތި ހަރުކޮށްފައިވާ ކާރަކުން ރޭލުގެ ބައެއްގައި ޖެއްސުމާއެކު ބާރުގަދަ ގޮވުމެއް ގޮވީއެވެ.
މި ގޮވުމުގެ ސަބަބުން ކައިރީގައި ހުރި އިމާރާތްތަކުގެ ކުޑަދޮރުތަކުގެ ބިއްލޫރިތައް ތަޅައިގެން ގޮސް، ކައިރީގައި ހުރި ބައެއް އުޅަނދުތައް ވެސް ވަނީ މުޅިން ހަލާކުވެފައެވެ. އެހެން އޮފިޝަލަކު މައުލޫމާތު ދެއްވި ގޮތުގައި، ރޭލުގައި ތިބި ސިފައިންނަކީ އަންނަ އަންގާރަ ދުވަހު ފަށާ އީދު ބަންދަށް އާއިލާ ގާތަށް ދިޔުމަށް ދަތުރުކުރަމުންދިޔަ މީހުންނެވެ.
ބަލޮޗިސްތާނަކީ ޕާކިސްތާނުގެ އެންމެ ފަގީރު، ނަމަވެސް ބިމުގެ ގޮތުން އެންމެ ބޮޑު ޕްރޮވިންސެވެ. ތައުލީމާއި، ވަޒީފާ އަދި އިގްތިސާދީ ކުރިއެރުމުގެ ގޮތުން އެ ގައުމުގެ އެހެން ސަރަހައްދުތަކަށް ވުރެ މި ޕްރޮވިންސް އޮތީ މާ ފަހަތުގައެވެ. ބަލޮޗިސްތާނުގެ މިނިވަންކަމަށް ވަކާލާތުކުރާ ޖަމާއަތްތަކުން ތުހުމަތުކުރާ ގޮތުގައި، ޕާކިސްތާނު ސަރުކާރުން އެ ސަރަހައްދުގެ ގުދުރަތީ ގޭހާއި މައުދަނުގެ މުއްސަނދިކަން ނަގަމުންދަނީ އެ ސަރަހައްދުގެ ރައްޔިތުންނަށް އެއްވެސް ފައިދާއެއް ނުލިބޭ ގޮތަށެވެ.
ހާދިސާ ހިނގި ސަރަހައްދުގައި ހުރި މުހައްމަދު ރަހީމް ކިޔައިދިން ގޮތުގައި، ގޮވުމުގެ އަޑު އިވުނު އިރު އޭނާ އޮތީ ނިދާފައެވެ. “ބާރުގަދަ އަޑަކާއެކު އަހަރެމެން އެންމެންނަށް ހޭލެވުނު. އިމާރާތުގެ ތެރެއިން އަންހެނުންނާއި ކުޑަކުދިން ރޮއި ހަޅޭއްލަވާ އަޑު އިވެމުންދިޔަ،” އޭނާ ބުންޏެވެ.
އަބްދުލް ބާސިިތު ނަމަކަށް ކިޔާ މީހަކު ބުނީ، އޭނާ ހުރީ ނާސްތާ ގަންނަން ކިއޫއެއްގައި ކަމަށާއި، ގޮވުމުގެ އަޑާއެކު މީހުން ރައްކާތެރިކަން ހޯދުމަށް ކޮޅުކޮޅުމައްޗަށް ދުވަން ފެށި ކަމަށެވެ.





